އީރާންގެ ރައީސް އިބްރާހީމް ރައީސީ ސީރިއާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރެއްގައި ދިމިޝްގަށް ވަޑައިގެންފި އެވެ.
މިއީ 2011 ގައި ސިރިއާގައި ދާޚިލީ ހަނގުރާމަ ފެށުނުފަހުން އިރާންގެ އިސް ވެރިޔަކު ރަސްމީ ދަތުރެއްގައި އީރާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އީރާންގެ ރައީސަކު ސީރިއާއަށް އެންމެ ފަހުން ވަޑައިގަތީ 2011 ގައި -- އެއިރު ވެރިކަމުގައި ހުންނެވި މަހްމޫދު އަހްމަދު ނަޖާދީ އެވެ.
އިބްރާހީމް ރައީސީއަށް ދިމިޝްގުގެ އެއާޕޯޓުން މަރުހަބާ ދެންނެވީ ސީރިއާގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަމީރު އަލްޚަލީލީ އެވެ.
ރައީސީގެ މި ދަތުރުގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދާ ބައްދަލު ކުރައްވާނެ އެވެ. އަދި ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ދުނިޔޭގެ މަސްރަހަށާއި ސަރަހައްދީ މަސްރަހަށް މަޝްވަރާ ކުރައްވާނެ އެވެ.
ޚަބަރުތައް ބުނާ ގޮތުން ދެ ގައުމުގެ ދެމެދުގައި އެއްބަސްވެ ސޮއިކުރަން ހުރި ވަރަށް އެއްބަސްވުންތަކުގައި ރައީސީ އާއި އަސަދު ސޮއިކުރައްވާނެ އެވެ.
ސީރިއާގެ ދާޚިލީ ހަނގުރާމަ ފެށުނީއްސުރެ ދެ ގޮތެއް ނުވެ ސީރިއާއާ އެކު އޮތީ ހަމައެކަނި އީރާން ކަމަށް ބުނުން ސަޅިކެނޑުމަކަށް ނުވާނެ އެވެ. އަސަދަށް މަދަދުވެރިވުމާ އެކު ދިމިޝްގުގައި ވެރިކަށް ދެމެހެއްޓުމަށް ވެސް އިރާން ވަނީ މާލީ އެހިތެރިކަން ފޯރުކޮށްދީފަ އެވެ.
އަސަދުގެ ސިފަންނާ އެއް ސަފެއްގައި ހަނގުރާމަ ކުރުމަށް ސިފައިން ފޮނުވުމާއި ދުޝްމަނުންނަށް ރައްދު ހަމަލާ ދިނުމުގައި ސަމާލުވާން ޖެހޭ ގޮތްފޮތް ކިޔައިދިނުމުގައި އީރާން ވަނީ ސީރިއާއަށް އިރުޝާދު ދީފަ އެވެ.
އިބްރާހީމް ރައީސީ ސީރިއަށް ވަޑައިގަތުމުގައި ފެންނަން ހުރި ސަބަބުތަކަށް ވުރެ ފެންނަން ނެތް ސަބަބުތައް ގިނަ އެވެ. އޭގެ ތެރޭގައި މިސްރާއި ސައޫދީ އަރަބިއްޔާ އަދި އަލްޖީރިއާ ފަދަ ގައުމުތަކުގެ ވަޒީރުން ސީރިއާއަށް ވަޑައިގެން އަސަދަށް ލައިދެއްވާ ބުއްދި އަކީ ކޮބައިތޯ ބެއްލެވުމަކީ ވެސް ރަސްމީ އެޖެންޑާގައި ނެތް -- އެކަމަކު ފޮރުވިފައި އޮތް ބޭނުމެކެވެ.
ސީރިއާ އަލުން އަރަބި ލީގަށް ވެއްދުމަށްޓަކައި އަސަދުގެ ސަރުކާރުން ކުރަން ޖެހޭ ކަންކަން ކިޔައި ދިނުމުގައި އަރަބި އެކުވެރި ގައުމުތަކުގެ ވަޒީރުން މިދުވަސްކޮޅު އުޅުއްވަނީ ވަރަށް ބުރަކޮށެވެ.
އީރާން އާއި ސައޫދީ އެއްގަލަކަށް އަރައި ސަރަހައްދަށް ފިނިކަން ގެނެސްފައި އޮތްއިރު ދެން އޮތް މަރުހަލާ އަކީ އަރަބި ޖަމާއަތުގައި ސީރިއާ ހިމެނުމެވެ. މިއީ މަޝްވަރާތައް ދިގުލައިގެން ދާނެ ކަމެއް ނަމަވެސް ސީރިއާ ބާކީކޮށް ދޫކޮށްލުމަކީ މި ވަގުތު ދުނިޔޭގެ ތިލަފަތުގެ ހަމަ ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެ އެވެ.