މި އަހަރުގެ މައިލޯ ކްލަބް މޯލްޑިވްސް ކަޕްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ. މި މުބާރާތަކީ މި އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހުން އޭޕްރިލް 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
މި މުބާރާތުގެ އެކްސްކްލޫސިވް ޓެލެކޮމް ޕާޓްނަރުގެ ގޮތުގައި ދިރާގު ހަމަޖައްސާފައިވަނީ އިއްޔެ ދިރާގު ހެޑް އޮފީހުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.
"ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި، އަދި އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ނެޓްވޯކް ކަމަށްވާ ދިރާގުން، މި މުބާރާތުގެ ޓެލެކޮމް ޕާޓްނަރަކަށް ވެގެންދިޔުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. އަދި 11 އަހަރު ވަންދެން މެދުނުކެނޑި ކުރިޔަށް ގެންދެވޭ މި މުބާރާތް، އެހެން އަހަރުތަކަށް ވުރެ ވެސް ފުރިހަމަ ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގައި ދިރާގުގެ ބައިވެރިވުން ލިބުމަކީ މި މުބާރާތަށް ލިބިގެންދާ ނުހަނު ބޮޑު ކުރިއެރުމެއް. އުންމީދަކީ ދެފަރާތް ދެމެދު މި އެއްބަސްވެވުނު އެއްބަސްވުމާއެކު، ގުޅުން އިތުރަށް ބަދަހިވެ، މުބާރާތްވެސް އިތުރަށް ފުރިހަމަވެގެން ދިޔުން" މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކްލަބް މޯލްޑިވްސްގެ އަބްދުލް ރަޝީދު އަލީ ވިދާޅުވިއެވެ.
ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މުހަންމަދު މިރްޝާން ހަސަން ވިދާޅުވީ، "ރާއްޖޭގައި މިހާރު ކުރިޔަށްދާ އެންމެ ބޮޑު، އެންމެ މަގުބޫލް، އަދި އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގެ އެކްސްކްލޫސިވް ޓެލެކޮމް ޕާޓްނަރުގެ ގޮތުގައި ދިރާގު ހިޔާރު ކުރެއްވި ކަމަށްޓަކައި ކްލަބް މޯލްޑިވްސް އަށް ޝުކުރު އަދާކުރަން. ކްލަބް މޯލްޑިވްސް އެކޭ އެއްފަދައިން ދިރާގުގެ ވެސް އުންމީދަކީ މި ބައިވެރިވުމާއިއެކު މި އަހަރުގެ މުބާރާތް އިތުރަށް ފުރިހަމަ ވެގެންދިޔުން" ކަމަށެވެ.
މުބާރާތުގެ ފޯރި އިތުރަށް ގަދަ ކުރުމުގެ ގޮތުން، މުބާރާތް ކުރިޔަށްދާ ދުވަސްވަރު އެސްއެމްއެސް މެދުވެރިކޮށް ހާއްސަ ހަރަކާތްތަކެއްވެސް ކުރިޔަށް ގެންދިޔުމަށް ދިރާގާއެކު ކްލަބް މޯލްޑިވްސްއިން ވަނީ ނިންމާފައިވާއިރު، މި ހަރަކާތްތަކާއި ބެހޭ އިތުރު މައުލޫމާތު ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ހިއްސާ ކުރަމުން ގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.
ދެހާސް ހަވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މައިލޯ ކްލަބް މޯލްޑިވްސް ކަޕަކީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެދުގައި ބާއްވަމުން އަންނަ މިފަދަ އެންމެ ބޮޑު މުބާރާތެވެ. އަދި މި މުބާރާތުގެ އަންހެން ބައި، 30/18 ވިމެންސް ފުޓްސަލް ފިއެސްޓާގެ ނަމުގައި ކުރިޔަށް ގެންދާތާ މިއީ ފަސް ވަނަ އަހަރަށް ވާއިރު މި މުބާރާތަކީވެސް ފިރިހެން މުބާރާތާއި އެއްވަރަށް ފޯރި ގަދަވެގެންދާނޭ މުބާރާތެއް ކަމުގައި ކްލަބް މޯލްޑިވްސް އިން ބުނެ އެވެ.