- މި ބަދަލުގެ ސަބަބުން ލޯނު ނަގާ މީހުން ގިނަވާނެ
- މިއީ ފަހުގެ ތާރީހުގައި އަންނާނެ ބޮޑު ބަދަލެއް
- އިންޓްރެސްޓް ރޭޓް ދަށްކުރަން ސަރުކާރުންވަނީ ފިޔަވަޅު އަޅާފައި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ދަށްކުރުމަށް ތައްޔާރުވާން ފަށައިފި އެވެ.
ޓީވީއެމްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބޭންކުގެ އިންޓްރެސްޓް ރޭޓް ދަށްކުރުމުގެ ވިސްނުމެއް ގެންގުޅެމުންދާ ކަމަށެވެ.
ހީލީ ވިދާޅުވީ ބޭންކުން ގެންނަ މި ބަދަލުގެ ސަބަބުން ބޭންކުގެ ކަސްޓަމަރުންގެ ގޮތުގައި ތިބި އާއްމު ރައްޔިތުންނާއި ވިޔަފާރިތަކަށް މާލީ ގޮތުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ގަބޫލްފުޅުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ބޭންކަށް ބޮޑު ބަދަލެއް ގެންނަމުންދާ ސީއީއޯ ހީލީ ވިދާޅުވީ ދެ އަހަރުގެ ތެރޭގައި ބެންކުގެ މާލީ ހާލަތު ރަނގަޅުވެ ފައިދާ ވެފައިވާކަށާއި، އެހެންކަމުން ބޭންކުގެ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަކީ ބެންކުގެ ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ގައުމީ ބޭންކުން މިހާރު ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް އާއްމު ގޮތެއްގައި ހުރީ 18-11 ޕަސެންޓާއި ދެމެދުގަ އެވެ.
ބީއެމްއެލްގެ މިދިޔަ އަހަރު މާލީ ހިސާބުތަކަށް ބަލާއިރު ފުރަތަމަ ކުއާޓަރުގައި (ފުރަތަމަ ތިން މަހު) 110 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އަދި ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 115 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި ލިބިފައިވަނީ 159 މިލިއަން ރުފިޔާ އެވެ. އަދި ފަހު ކުއާޓަރުގައި މި އަދަދު ވަނީ 236 މިލިއަން ރުފިޔާ އަށް އުފުލިގެން ގޮސްފަ އެވެ.
ބޭންކުތަކުން ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓް ދަށްކުރުމަށް ބާރު އެޅުމުގެ ގޮތުން މިިދޔަ ސަރުކާރުން ވިއްކާ ޓީ-ބީއެލްގެ އިންޓްރެސްޓް ރޭޓް ސަރުކާރުންވަނީ ނުވަ ޕަސެންޓުން ހަތަރު ޕަސެންޓަށް ދަށްކޮށްފަ އެވެ. އަދި މި ބަދަލުގެ ސަބަބުން އިންޓްރެސްޓް ރޭޓް ދަށްކުރުމަށް ބާރަކަށްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެފައިވެ އެވެ.