ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޖިނާއީ ކުށްތަކުގެ މައްސަލަތައް ފުވައްމުލަކު ޕީޖީ ގޮފިން ބަލައިގަންނަނީ

ފުވައްމުލަކުގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަލަތައް އެ ސިޓީގައި ގާއިމުކޮށްފައިވާ ޕީޖީ އޮފީހުގެ ގޮފިން ބަލައިގަންނަން ފަށައިފި އެވެ.

ފުވައްމުލަކުގައި ތަހުގީގު ކުރާ ޖިނާއީ މައްސަލަތައް މީގެ ކުރިން ބަލައިގަންނަމުން ދިޔައީ އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ޕީޖީ އޮފީހުގެ ގޮފިންނެވެ.

ޕީޖީ އޮފީހުން މިރޭ ބުނީ ފުވައްމުލައް ސިޓީއަކަށް ބަދަލުވުމާ ގުޅިގެން އެ އޮފީހުގެ އަމާޒަކަށްވީ ފުވައްމުލަކުގައި ގާއިމުވެ ތިބި ތަހުގީގީ އިދާރާތަކާ ގާތުން މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރަކު ފުވައްމުލަކުގައި ދަނީ މަސައްކަތްކުރަމުންނެވެ.

"މިހާރު އިދާރީ މުވައްޒަފުންނާއެކު މައްސަލަ ބަލައިގަތުމުގެ އިންތިޒާމުވެސް ވާނީ ހަމަޖައްސާފައި." ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޕީޖީ އޮފީހުން ބުނީ ފުވައްމުލަކުގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަަލަތައް އެ ސީޓިގައި ގާއިމުކޮށްފައިވާ ޕީޖީ އޮފީހުގެ ގޮފިން ބަލައިގަންނަން ފެށުމުން މައްސަލަތައް އިތުރަށް އަވަސްވެގެންދާނެ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އަމާޒަކީ ފުވައްމުލަކު ގޮފިން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ތަހުގީގީ އިދާރާތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ފުވައްމުލަކުގައި އަމަން އަމާންކަން ގާއިމުކުރުމަށް ފުލުހުންނާއި ސިޓީ ކައުންސިލް އަދި މުއައްސަސާތަކުން ކުރާ މަސައްކަތަށް ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.