ޔުކްރޭންގެ އެކި ސަރަހައްދުތަކަށް ރަޝިއާއިން ދިން ފަނާކުރަނިވި ހަމަލާތަކެއްގައި 14 މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި ވެރިރަށް ކިޔޭވް ސުންނާފަތިކޮށްފި އެވެ.
ރަޝިއާއިން މިހާރު ޔުކްރޭނަށް ހަމަލާދެނީ ޑްރޯން ބޭނުންކޮށްގެންނެވެ. ރަޝިއާގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ޔުކްރޭނަށް ދިން ހަމަލާތަކުގައި އާންމުންނަށް ލިބިނު އަނިޔާތަކުގެ އިތުރުން އާންމުންގެ މުދަލަށާއި ތަކެއްޗަށްވެސް ވަނީ ބޮޑެތި ގެެއްލުންތަކެއް ލިބިފަ އެވެ.
އިމާރާތްތައް ގޮއްވާލުމުގެ ސަބަބުން ބުރައިގެންދާ ގަލާއި ހިލަކުނޑީގެ ސަބަބުން ވެސް އާންމުންނަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ޔުކްރޭނުން ބުނެ އެވެ.
ޔުކްރޭނަށް ހަމަލާދިނުމުގައި ރަޝިއާ މިހާރު އެއްވެސް ވަރަކަށް ނުބަލާ ކަމަށް ޔުކްރޭނުން ބުނެ އެވެ.
ރަޝިއާ ދެމުން ގެންދާ ހަމާލާތަކުގައި ލިބިފައިހުރި ގެއްލުންތައް ބަލައި ނޯޓުކުރަމުން ދާއިރު -- ކުރިން ހަމަލާދިން ތަންތަނަށް ވެސް ރޮކެޓް ހަމަލާދޭ ކަމަށް އޮފިޝަލުން ބުނެ އެވެ.
ކިޔޭވްއަށް ރަޝިއާއިން ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ މޮސްކޯގައި ހުންނަ ރިޔާސީ ގަނޑުވަރު -- ކްރެމްލިންއަށް ޔުކްރޭނުން ދިން ޑްރޯން ހަމަލާތަކާ ގުޅިގެންނެވެ.
ޔުކްރޭން ބުނާ ގޮތުން ރިޔާސީ ގަނޑުވަރަށް ބަޔަކު ދިން ޑްރޯން ހަމަލާގައި ޔުކްރޭންގެ އަތެއް ނޯންނާނެ އެވެ. އަދި އެއީ ތާއީދުކުރާ ކަމެއް ނޫން ކަމަށްވެސް ޔުކްރޭނުން ބުނެ އެވެ.
ރަޝިއާ ގަބޫލުކުރާ ގޮތުގައި އެ ގައުމުގެ އަވަށްތަކަށް އަމާޒުކޮށް ދެމުން ގެންދާ ހަމަލާތަކުގައި ޔުކްރޭން ނޫން ބައެއްގެ އަތެއް ނޯންނާނެ އެވެ. ޔުކްރޭނަށް ތާއީދުކުރާ ބަޔަކު ލައްވައި ހަމަލާތައް ދިން ނަމަވެސް އެއީ ޔުކްރޭނުން ދިން ހަމަލާއެއް ކަމަށް ގުނާނެ ކަމަށް ރަޝިއާ ބުނެ އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓުވުމުގެ ބަދަލުގައި ހުޅަނގުގެ ކޮންމެ ގައުމަކުން ވެސް ބޭނުންވަނީ ހަނގުރާމަ ކުރިއަށް ގެންދިއުމަށެވެ.