ދުނިޔެ

"ޗައިނާގެ މައްޗަށް އޮތް އަދާވާތެރިކަމުގައި އެމެރިކާއިން ގުޅުން ޚަރާބުކޮށްފި"

ޗައިނާގެ ރައީސް ޝީ ޗިންޕިންގް އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ އަހަރު ނޮވެމްބަރުގައި އިންޑޮނީޝިއާގެ ބާލީގައި ކާމިޔާބު ބައްދަލުވުމެއް ބޭއްވި އެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ހަރުދަނާ މައުލޫތަކަށް މަޝްވަރާ ވެސް ކުރެވުނެވެ.

އެހެން ނަމަވެސް މި ބައްދަލުވުމަށްފަހު އެމެރިކާއިން އެޅި ކަޝިޔާރު ފިޔަވަޅުތަކާއި ޗައިނާއާ ދެކޮޅަށް ނެރުނު ހަރުކަށި ބަޔާންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ގުޅުމެއް އާލާވެ ދިރުމުގެ ބަދަލުގައި މިހާރު އޮތީ ނަފުރަތާއި ހަސަދަވެރި ކަމެވެ.

އެމެރިކާއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކޮލަސް ބާންއާ ބައްދަލުކުރައްވައި ޗައިނާގެ ފޮރިން މިނިސްޓަރު ޗިން ގަންގް ވެސް ވަނީ މި މައުލޫ ތަންކޮޅެއް ބޮޑަށް ހުޅުވާލައްވައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޗިން ގަންގް ވިދާޅުވީ ޗައިނާ އާއި އެމެރިކާއާ ދެމެދު ގުޅުން ޚަރާބުވާން ދިމާވީ އެމެރިކާގެ ވިސްނުމެއް ނެތް އަމަލުތަކުގެ ސަބަބުން ކަމަށެވެ.

ޗައިނާގެ މައްޗަށް އޮތް ހަސަދަވެރި ކަމުގައި އެމެރިކާއިން ވަނީ އެކުވެރިކަމުގެ އިންތައް ހުރަސްކޮށް އަދާވާތްތެރިވެފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ޗައިނާއަށް މިހާރު އޮތް އެންމެ މުހިންމު ކަމަކީ އެމެރިކާއާ ގުޅުން ބަދަހިކުރުމެވެ. އޭނާ އަދި ވިދާޅުވީ ޓައިވާންގައި ވަކިވެގަތުމަށް ހިތްވަރު ނަގާ ބަޔަކަށް ވޮޝިންގްޓަނުން އެއްބާރުލުން ދިނުމަކީ އެމެރިކާއިން ހަދާ އެންމެ ބޮޑު ގޯސް ކަމަށެވެ.

ޓައިވާނަށް މިނިވަން ދައުލަތެއް ކަށަވަރުކޮށްދޭން އެމެރިކާއިން ކުރަނީ ފަހަރެއްގައި ބޭކާރު އަދި އެނޫން ގޮތެއްގައި ގެއްލުން ބޮޑު ކަމަކަށް ވެދާނެ ކަމަށްވެސް ޗައިނާގެ ވަޒީރު ވިދާޅުވި އެވެ.

ދުނިޔޭގެ ގައުމުތަކުން އެމެރިކާއަށް އިހުތިރާމު ކުރުމަކީ ވޮޝިންގްޓަން އެދޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޗިން ގަންގް ވިދާޅުވި އެވެ. އެކަމަކު އިހުތިރާމް ނުކުރާ ބަޔަކަށް އިހުތިރާމި ކުރާނީ ސޭކުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާ ގަބޫލުކުރާ ގޮތުގައި ޓައިވާން އަކީ ވަކިން އޮންނަ އެ ގައުގެ އަވަށެެކެވެ. ވަކި ސަރުކާރެއް ގާއިމުކޮށް ވެރިކަން ކުރި ނަމަވެސް އޮންނަން ވާނީ ޗައިނާގެ ބެލުގެ ދަށުގަ އެވެ.

ޓައިިވާނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ދިނުމަށް ގޮވާލާ އެއްވެސް ބަޔަކަށް ޗައިނާ އިހުތިރާމް ނުކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.