ހުޅުމާލެ

މުޅި އިމާރާތުގައި ގެސްޓްހައުސް ހިންގުން މަނާކުރާ ގަވާއިދެއް

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި މުޅި އިމާރާތުގައި ގެސްޓުހައުސް ހިންގުން މަނާކުރާ ގަވާއިދެއް ހަދައި އަމަލުކުރަން ފަށައިފި އެވެ.

އާބަންކޯ އިން އެކުލަވާލާފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު" ގެޒެޓުކޮށް އަމަލުކުރަން ފަށާފައިވަނީ އެޕްރީލް 26 ވަނަ ދުވަހުން ފެށިގެންނެވެ.

ގަވާއިދުގައިވާ ގޮތުން މި ގަވާއިދު ހިނގާނީ އާންމު ދިރިއުޅުމަށް ހުޅުމާލެ ފޭސް އެކެއްގެ ރެސިޑެންޝަލް ނެއިބަހުޑް އެކެއް، ދޭއް، އަދި ތިނަކުން ދޫކޮށްފައިވާ ގޯތިތަކަށެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ދޫކޮށްފައިވަނީ އާންމު ދިރިއުޅުމަށް ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އިމާރާތުގެ ގްރައުންޑް ފްލޯ އާއި ފަސްޓް ފްލޯ އާއި ބޭސްމަންޓް ދިރިއުޅުން ނޫން ބޭނުންތަކަށް ކޯޕަރޭޝަނުން ހުއްދަކުރާ ގޮތެއްގެ މަތީން ބޭނުން ކުރެވިދާނެ ކަމަށް ގަވާއިދުގައިވެ އެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ކުރުން ހުއްދަނޫން ކަންކަން މި ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ކުރުން ހުއްދަނޫން ކަންކަން

  • ސިނާއީ މަސައްކަތް،
  • އަލިފާން ހިފާ ޒާތުގެ ތަކެތި ގެންގުޅޭ ނުވަތަ އެފަދަ ތަކެތި ރައްކާކުރެވޭ ތަންތަން ހެދުން،
  • އާންމުންނަށް އުނދަގޫވާ ވަރަށް އަޑުގަދަވާ ކަންކަމާއި، އާންމުންނަށް އުނދަގޫވާ ވަރަށް ވަސްދުވާ ކަންތައްތައް،
  • ކުނޑި އުފެދޭ ނުވަތަ ތަން ހަޑިވާ ފަދަ މަސައްކަތްތައް،
  • ގުދަން ކުރުން (ވެއާ ހައުސް، ސްޓްރޭޖް ފަދަ ބޭނުންތަކަށް)

ހުޅުމާލެ ފޭސް އެކެއްގެ ރެސިޑެންޝަލް ނެއިބަހުޑް އެކެއް، ދޭއް، އަދި ތިނަކުން ދޫކޮށްފައިވާ ބައެއް ގޯތިތަކުގައި ގެސްޓްހައުސްގެ ވިޔަފާރި ކުރެ އެވެ.

ގަވާއިދުގައިވާ ގޮތުން ދިރިއުޅުން ނޫން ބޭނުންތަކަށް ބޭނުންކުރެވޭނީ ގޯތީގެ ގްރައުންޑް ފްލޯ އާއި ފަސްޓް ފްލޯ އަދި ބޭސްމަންޓެވެ.

މި ގަވާއިދުގައި ވަނީ އެ ސަރަހައްދުތަކުގައި އިމާރާތްކުރާ ގެތައް އިމާރާތްކުރުމުގައި އަމަލުކުރަންޖެހޭ ކަންކަން ހިމަނާފަ އެވެ. އެގޮތުން އިމާރާތުގެ ފައުންޑޭޝަން އެޅުމުގައި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދަންޖެހޭ ހާލަތްތަކާއި އިމާރާތުގެ އުސްމިނާއި ގުޅޭ ކަންކަމުގެ އިތުރުން ބެލްކަންޏާއި ޓެެރަސްގައި ހުންނަންޖެހޭ ކަންކަން ހިމަނާފައިވެ އެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، މީގެ ކުރިން އަމަލު ކުރަމުންދިޔަ ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު ވަނީ އުވިފަ އެވެ.