ވާހަކަ

ގަހަނާ ފޮށި

( 8 މެއި 2023 އާ ގުޅޭ )

"އެއީ ކޮންތަނެއް؟." ފަޒީލު ހުރިކަން އެނގޭތީ އަހަރެން އަހާލީމެވެ. އަހަރެންގެ ނަޒަރު ހުރީ ކޮންދިމާއަކަށްކަން ފަޒީލު ނަގައިގަތެވެ.

"އެއީ މިތަނުގައި ހަމައެކަނި ވަނުން މަނާ ތަނަކީ. އެހެން ކޮންމެ ތަނަކަށް އާނިޔާ ދިޔަޔަސް މަނާކުރާނެ މީހަކު ނުހުންނާނެ." ފަޒީލު ބުންޏެވެ. އަހަރެން ހައިރާންވެ ސުވާލު އުފެދުނެވެ. ފަޒީލާ ދިމާއަށް އަހަރެން ބަލާލީމެވެ. އޭނާގެ ނަޒަރު ވެސް އަހަރެންނާ އަމާޒުކޮށްލިއެވެ.

"އެނީ ރީޒަން." އަހަރެން އަހާލީމެވެ.

"ސަބަބަކީ އެތާ ދިރިއުޅެނީ އަހަރެންގެ ދޮންބެވީމަ. މީ އޭނާގެ ދިރިއުޅުން އޮތްތަނަކީ." ފަޒީލު ބުންޏެވެ.

"އެހެންވިއްޔާ ފަޒީލު ހުންނަނީ ކޮންތާކު؟. އަނެއްކާ އަންހެނުން ގޭގަތަ؟." އަހަރެން އަހާލީމެވެ. ރަށުތެރެ ދައްކާލަން ދިޔަ ދުވަހު ކޮފީގައި އިނދެފައި ފަޒީލު ސިންގަލްއޭ ބުނި ހަނދާން އަހަރެން ހުއްޓެވެ. އެހެންވިޔަސް އެއީ އޭނާ ކުރި ސަމާސާއެއް ނޫންކަމެއް އެނގެނީ ކިހިނެއް ހެއްޔެވެ. ކޮންމެއަކަސް އަހަރެންގެ ސުވާލުން ފަޒީލު ކައިރިޔަށް ހިނިއައެވެ.

"އަހަންނާއި މަންމަ ދިރިއުޅެނީ މަންމަގެ މުސްކުޅި ގޭގައި. އަނތްބެއްގެ ނަސީބެއް އަދިނެތް. އެކަމަކު ދެން ހޯދަންވީހެން ހީވަނީ." އެއްވަރަކަށް ހިނިއައިސްފައި ހުރެ ފަޒީލު ބުންޏެވެ.

"އަނތްބަކު ހޯދަނިއްޔޭ." އަހަރެންގެ ކައިރިޔަށް އިތޫ އައެވެ.

"އާން. އަނތްބަކު ހޯދަންވީއޭ. އާނިޔާމެން ކަހަލަ ކުއްޖަކު ފެނުނީމާ އަނތްބެއް ބޭނުންނުވާނީ ކާކު." ފުޅާ ހިނިތުންވުމަކާއެކު ފަޒީލު ބުންޏެވެ. އޭނާގެ ވާހަކައަށް އަހަރެން ނިކަން އަވަހަށް ތުންއަނބުރާލީމެވެ. އިތޫއާއި ފަޒީލު ޖަހާލީ ހިނިގަނޑެކެވެ.

"ތިނޫން ކަމަކާ އުޅޭ." އިތޫ ބުނެލިއެވެ.

"ދެން މިތާ ތިބެނީތަ." އަހަރެން އަހާލީމެވެ. ސަމާސާކަން އެކުލެވިފައި ވިޔަސް ކުއްލިއަކަށް ފަޒީލު އެ ފެށި ވާހަކައާ އަހަރެން ގަޔާނުވީއެވެ. ވާހަކަ ބަދަލުކޮށްލަން ބޭނުންވީ އެހެންވެއެވެ.

ކޮޓަރީގެ ތަޅުދަނޑި އަހަންނާ ހަވާލު ކުރުމަށްފަހު އެންމެން އެކުގައި ކޮޓަރިން ނުކުތީއެވެ. ފަޒީލު އަހަރެމެން ގޮވައިގެން އައީ ތިރިއަށެވެ. ގެސްޓްހައުސްގެ ކުރިމަތިން ފޭބެން އޮތީ އަތިރިމައްޗަށެވެ. މުޅި ހިސާބުގައި ވެސް ރުއްތައް ވަރަށް ގިނައެވެ. އަހަރެމެން ފުރަތަމަ ފޭބީ އެ ދިމާއަށެވެ. އެތަނުގައި ލައްޕާލެވިފައި ހުރި ދެ ބީޗު ކުޑައާއި ކުޑަތަކުގެ ދަށުގައި ބީޗު ގޮނޑި ޖަހާފައި ހުއްޓެވެ. އެއްފަރާތުގައި ކެނޯއަކާއި ކުޑަބޮއްކުރާގަނޑެއް އެއްގަމަށް އަރުވާފައި އޮތެވެ. އެދިމާގައި ފަޅުތެރޭގައި ޑިންގީއެއް އަޅާފައި އޮތެވެ. ރީތި ދޮންވެލިގަނޑާއި ސާފު މޫދު ފެނި އެތަނުގައި ރާޅުގެ އަޑު އަހާލައި އެ ގުދުރަތުގެ ހިތްގައިމުކަމަށް ގެއްލި ކިތަންމެ އިރަކު ވެސް އިނދެވިދާނޭ ހިތަށް އެރިއެވެ.

"މިދިމާ މޫދު ވެސް ސަޅިވާނެ. މޫދުވިނަ ހެދިފައެއް ނޯންނާނެ. ވަރަށް ސާފުވާނެ." ފޮނި ގޮތަކަށް ފަޒީލު ބުންޏެވެ.

"ޒަފަރު ބުންޏޭ ޕިކްނިކް ހަދާލަން މިތަން ވަރަށް ސަޅިވާނޭ." އިތޫ ބުންޏެވެ. އޭނާ ވެސް އެ ހުރީ ފެންނަމުންދާ ގުދުރަތުގެ ރީތިކަމާމެދު ޝޯޙުވެފައިކަން ގައިމެވެ. އެ މޫނުން އެ އަޖައިބުކަމާއި އެކަމުން ލިބިފައިވާ ހިތްހަމަޖެހުން ފާޅުވެއެވެ.

"ބާބެކިއު ޕޮއިންޓް އިންނާނީ އެކޮޅުގައި. ހިނގާ." ފަޒީލު ބުންޏެވެ. އަހަރެމެން އެއްގަމަށް ހިނގައިގަތީމެވެ.

ގެސްޓްހައުސްގެ ދެފަރާތުން ވެސް ބިއްދޮށަށް ނުކުމެވޭ ގޮތަށް ހުސްތަން އޮތެވެ. އެކަމަކު ވައަތް ފަރާތުގައި އަޅާފައި ހުރި ބީޗްހައުސްގެ އިތުރުން އެތަނުގައި އޮތް ހުސްތަން ވެސް މާބޮޑެވެ. ކޮޅަށް ލެނބިފައިވާ ދިގު ރުކެއް އެތަނުގައި ހުއްޓެވެ. އެ ދިމާލުން އަތިރިމައްޗާ ދިމާގައި ހަމަބިމަށްވުރެ އުސްކޮށް ކުޑަ ހަޓެއްހެން ހިޔާކޮށް ލަކުޑިން ހަދާފައި ހުރި ތަން ހީވަނީ މަރިޔާދުގެއެއް ހެންނެވެ. ބާބެކިއު ގްރިލް ބަހައްޓާފައި ހުރީ އެތަނުގައެވެ. އިށީންނަ ބަޔާއި ލެނގޭބައިގައި އިސްޕެންޖު ޖަހާފައި ހުރި ލައުންޖު ގޮނޑިތައް ހުއްޓެވެ. ދެ ގުރޫޕަކަށް ތިބެވޭނެހެން ގޮނޑިތައް ޖަހާފައި ހުރިއިރު ކޮންމެ ބައެއްގައި ލަކުޑި ކޮފީމޭޒެއް ވެސް ހުއްޓެވެ. އެތަނުގެ ގޮނޑިތަކުގައި ތިބޭއިރު ބީޗްހައުސް ނުފެނުނަސް އެ ބީޗްހައުސްގެ ބެލްކަންޏަށް ނުކުމެ ހުންނަ މީހަކަށް އެ މަރިޔާދުގޭގައި ހިނގާ ހުރިހާކަމެއް ސާފުކޮށް ފެންނާނެއެވެ.

"ކާކު މިތަން ޑިޒައިން ކުރީ." މުޅި ގެސްޓްހައުސް ފަރުމާކޮށްފައިވަނީ ޒަމާނީ ފެންވަރަށެވެ. ރިސޯޓުތަކުން ފެންނަ ފަދަ އަގުބޮޑު ހިތްގައިމުކަމެއްގެ ސިފަ އެތަނުގެ ކޮންމެ ދިމާއަކުން އަހަރެންނަށް ފެނެއެވެ.

"ދޮންބެގެ މަސައްކަތް." ފަޒީލު ބުނެލިއެވެ. ކުރިމަތީ ހުރި ފަޒީލަށްވުރެ އޭނާގެ ދޮންބެއާ ބައްދަލުކޮށްލުމުގެ ޝައުގު ހިތުގައި އުފެދުނީ ކީއްވެކަމެއް ނޭނގެއެވެ. ލޯމަތިން މިފެންނަ ފުރިހަމަކަމުގެ ފަހަތުގައިވަނީ އޭނާގެ ދޮންބެކަން އެނގުމުން ވީ ގޮތެއް ކަންނޭނގެ އެވެ.

ފަޒީލު އަހަރެމެން ގޮވައިގެން ދެން އައީ ގޭގެ ބިއްދަށެވެ. އެ ހިސާބަށް ނުކުމެވުމުން ތަފާތުކަމެއް އިޙްސާސް ކުރެވުނެވެ. އާދަޔާ ޚިލާފު ފިނިކަމެއް ފަޒާގައިވާ ކަހަލައެވެ. ހަށިގަނޑު ފީކޮށްލާ ފަދަ ފިނިކަމެކެވެ. ގަސްތައް ގިނަކަމުން ކަމަށް ވެދާނެއެވެ. އެ ގެސްޓްހައުސްގައި ބޮޑު ބިޔަ އަނބުގަހަކާއި އަހިވަށް ގަހެއްގެ އިތުރުން ހެލެނބެލި ގަހެއް ހުއްޓެވެ. ފެހިކުލައިގެ ދާޖަހައި ވަކިކޮށްފައި ހުރި ބަޔަކީ "ގްރީން ހައުސް"އެއްކަން ފަޒީލު ބުންޏެވެ. އެތަނުގެ ތެރޭގައި އާންމުކޮށް ކެއުމުގައި ބޭނުންކުރާ ބާވަތްތަކުގެ ގަސްތައް ހުއްޓެވެ. އެތަނުގެ ބޭރުގައި ޖޭމުގަހަކާއި ބިލިމަގު ގަހެއް ހުއްޓެވެ. ގަސްތައް ފެނި އިތޫ ހީވީ މޮޔަވީހެންނެވެ.

"މަޖާ ހަދަން އަންނަންވީ މިތަނަށް. މިހާރު ވެސް އަނގައިގަ ހުތްރަހަ ލައިފި." ކުޅުދިޔާވެގެން އިތޫ އަނގަކާލިއެވެ. އަހަރެންނަށް ހެވުނެވެ.

"ކާކު މިހުރިހާ އެއްޗެއް ބަލަހައްޓަނީ." އަހަރެން އަހާލީމެވެ.

"ދޭތެރެއަކުން މަންމަ އަންނާނެ. ދޮންބެ ވެސް ބަލަހައްޓާނެ. އަހަރެން ކުރާހިތްވާކަމެއްނޫން. މިތަން އެހާ ބީޗާ ކައިރީގައި ހުންނައިރު ވެސް ގަސް ހައްދަން ނިކަން ފަސޭހަ. މިހުރި ޖޭމުގަހާއި ބިލިމަގު ގަހަކީ އަމިއްލަ ހެދިފަ ހުރި ދެ ގަސް. ތިއޮއް ވާގަނޑު ވެސް ކޮށާތީ މިތާ ތެރެއަށް ނުވަދެ އެ އޮންނަނީ. އެހެންނޫނީ ފާރުމަތިން އަރައިގަންނާނެ ނިކަން އަވަހަށް." ފަޒީލު ކިޔާދިނެވެ.

ވާހެދިފައި އޮތް ދިމާއަށް ބަލާލުމުން މޭގަނޑު ފިނިވާގޮތް ވިއެވެ. ބިރުވެރި ފިލްމުތަކުގައި ފެންނަ ފަދަ ދުންފިނި ހެދިފައި އޮންނަ ގަސްބޯ ޖަންގައްޔެކޭ ތަފާތެއް ނެތެވެ. ވެރިވެފައި އޮންނަނީ ވެސް އެފަދަ ތޫނު ހިމޭންކަމެވެ. ގިނައިރު ބަލަން ހުންނަން ވެއްޖެނަމަ ހިޔަނިތަކުގެ ސިފަ ބަދަލުވާން ފަށާފާނޭ ހީވެއެވެ. ހިންދިރުވާލުމާއެކު އަހަރެން އަވަސްއަވަހަސް ނަޒަރު ބަދަލުކޮށްލީމެވެ. އަހަންނަށް އެންމެ ކަމުދިޔައީ އަނބުގަހުގައި އެލުވާފައި ހުރި ޖޯލި އުނދޯލިތަކެވެ. ހަތަރު އުނދޯލި އެލުވާފައި ހުއްޓެވެ. އަހަރެން އައިސް އެތަނުން އުނދޯއްޔެއްގައި އިށީނީމެވެ. އެތަން ފެނި އިތޫ ވެސް އައިސް އެންމެ ކައިރީ ހުރި އުނދޯލީގައި އިށީނދެ ހެއްލަން ފަށައިފިއެވެ. ފަޒީލު ހެވިފައި އަހަރެމެންނަށް ބަލަން ހުއްޓެވެ. ގެސްޓްހައުސް އިން މަރިޔާދުގެއާ ހަމައަށް ހަތަރެސްކަން ބޮޑެތި ގާތަކުން މަގެއް ހަދައިފައި އޮތްއިރު އެ ހިސާބުގަނޑު އަލިވާނޭހެން ބޮކިދަނޑިތައް ޖަހާފައި ހުއްޓެވެ. "ވިކްޓޯރިއަން" އިރުގައި ބޭރުގައި ހަރުކޮށްފައި ހުންނަ ބޮކިދަނޑިތަކާ އެއްވެސް ތަފާތެއް ނެތުމުން ފެންނަނީ އިހުގެ އާސާރީ ފާނޫޒުތަކެއް ފަދައިންނެވެ.

"މިތާ ބަދިގެއެއް ވެސް ހުންނާނެ އިނގޭ. އަމިއްލައަށް އެއްޗެއް ހަދަން ބޭނުންވެއްޖެނަމަ ގޮސް ހެދޭނެ. ކާއެއްޗެއްސެއް ނުހުންނާނެ. އަމިއްލައަށް ގަނެގެން އައިސް ހަދަން ޖެހޭނީ. މިތާ ކައިރީގައި ފިހާރައެއް ނެތްކަން އެނގޭ. އަބްދުލްގެ ނަންބަރު އަހަރެން ފޮނުވާނަން. އޭނާ ތިރީގައި ހުރި ކޮޓަރިއެއްގައި ދިރިއުޅޭނީ. އޭނާ ކައިރީ ބުނީމަ ވެސް ގަނެގެން ގެނެސްދޭނެ. އާނިޔާ ބޭނުމިއްޔާ ގޮވައިގެންދާން އަހަރެން ވެސް އަތުވެދާނަން." ފަޒީލު ބުންޏެވެ.

"ފަޒީލު ކީއްވާނީ ކޮންމެ ދުވަހަކު ހެނދުނު އަހަރެމެން ގެއަށް އާނަ ލައިދިނިއްޔާ. އެޓްލީސްޓް އެ ދަތުރު އަޅައިދޭންވީނު. ސުކޫލު އޮންނައިރު އެހާ ހެނދުނާ ކޮންމެ ދުވަހަކު ޒަފަރަށް ވެސް ނާދެވޭނެ. ދެން ހުންނާނީ ވާހިދު ދޮންބެ." އިތޫ ބުންޏެވެ.

"އަހަންނަށް އޯކޭ. އާނިޔާއަށް އޯކޭތަ." ފަޒީލު އަހަންނަށް ބަލާލިއެވެ.

"އޯކޭ." އަހަރެން މަޑުމަޑުން ބުނެލީމެވެ.

"ކޮފީއެއް ބޯލަން އެތެރެއަށް ދަމާ." ފަޒީލު ޚިޔާލު ފާޅުކުރިއެވެ. އަހަންނާއި އިތޫ ތެދުވެ އޭނާއާއެކު އެތެރެއަށް ދިއުމަށް ހިނގައިގަތީމެވެ.

ގެސްޓްހައުސްއަށް ވަންނައިރު ފެންނަ ކައުންޓަރުން ދޮށުން ބިއްދޮށަށް އަހަރެމެން ގޮވައިގެން ފަޒީލު އައިސް ވަނެވެ. ބަދިގެއަކީ އެތަނެވެ. ކައްކާ ކެވޭނެ ހުރިހާ އިންތިޒާމެއް އެތަނުގައި ހަމަޖެހިފައި ހުއްޓެވެ. ސާފުތާހިރުވެފައި ތަރުތީބުކަމުން ބަޔަކު އެތަން ބޭނުންކުރާހެން ހިޔެއްނުވެއެވެ. ފާރުގައި ހަރު ހަރުގައި އަޅުވާފައި ހުރި ކޮފީމަގުތަކުން ތިން މަގު ފަޒީލު ނެގިއެވެ. އަދި ސިންކު ކައިރިޔަށް ޖެހިލައި އެ އެއްޗެހި ދޮވެލިއެވެ. ދެން ކޮފީ މެޝިނު ކައިރިޔަށް އައިސް ކެޕްސޫލް ލައްވާލިއެވެ. އެދިމާ ތިރީ ކަބަޑުސެޓުގެ ވަތްގަނޑު ހުޅުވާލައިގެން ހުރެ އޭނާ އަހަންނާއި އިތޫއަށް ގޮވާލިއެވެ. އަދި ބޭނުންވަނީ ކޮންކަހަލަ ކޮފީއެއްތޯ އަހާލިއެވެ. އަހަންނާއި އިތޫ އައިސް އެ ވަތްގަނޑުގައި ތަރުތީބުން ޖަހާފައި ހުރި ކޮފީ ކެޕްސޫލް ތަކަށް ބަލަން ފެށީމެވެ.

"މިތާ އަހަރެންނޫން މީހަކު ނެތީތަ؟." ކޮފީބޯން ކާމޭޒުދޮށުގައި އެންމެން އިށީނުމުން އަހަރެން އަހާލީމެވެ.

"ހަތަރު ގެސްޓުން އުޅޭ. ދެ މަފިރިއަކާއި ދެ ލޯބިވެރީންކަމަށް ވަނީ. އެކަމަކު މިހަފްތާ ތެރޭ އެމީހުން ފުރާނެއޭ ދޮންބެ ކީ. އެމީހުން ދިޔައިމަ އަނެއްކާވެސް މީހަކު އަންނަންދެން އާނިޔާ އެކަނި ހުންނާނީ." ފަޒީލު ބުންޏެވެ.

"އެހެންވީރު އެމީހުން ކޮބާ." އަހަރެން އަނެއްކާ ވެސް ސުވާލު ކުރީމެވެ.

"މިތާ ކައިރި ފަޅުރަށަކަށް ގޮސްވީ. މިހިސާބުގައި މީހުން ނޫޅޭތީ އެމީހުން ވަރަށް މިނިވަންކޮށް އިނގޭ އުޅެނީ. އެހެންވީމަ ލަދުގަންނަންޖެހޭ ކަހަލަ މަންޒަރެއް ފެނުމަކީ ވަރަށް ފޮސިބަލްކަމެއް. ކުރީބައިގަ މިބުނެލީ... ހެ ހެ ހެ... މަށަށް ވެސް ފެނިފަ ހުރީމަ." ލާނެތް ހިންޏެއް އައިސްފައި އިނދެ ފަޒީލު ބުންޏެވެ.

ދިހަގަޑި ބަޔާ ހަމައަށް އަހަރެމެން ގެސްޓްހައުސްގައި އުޅުނީމެވެ. އޭގެ ފަހުން ހުރިހާކަމެއް ހަމަޖެހިއްޖެކަމަށް ބަލާފައި އަހަރެންނާއި އިތޫ ގޮވައިގެން ފަޒީލު އެނބުރި އައީ އިތޫމެން ގެއަށެވެ. އަހަރެމެން ގެއަށްލާފައި ފަޒީލު މަޑުނުކޮށް ދިޔައީއެވެ. ގެއަށް އަންނަމުން އިތޫ އައީ ގެސްޓްހައުސްގައި ހުރި ބިލިމަގު ގަހުން ކުޑަ ޕްލާސްޓިކު ކޮތަޅެއްގެ މެދާ ހަމައަށް ބިލިމަގު ބިނދެގެން ހިފައިގެންނެވެ. އެހެންވެ އޭނާ އަވަސްވެގަތީ ބަދިގެއާ ދިމާއަށެވެ. އޭރު ބަދިގޭގައި މެންދުރަށް ކައްކަން ސީރަތު ތައްޔާރުވަމުން ދިޔައެވެ. ސިންކު ކައިރީ ތަރުކާރީ ދޮންނަން ހުރި ސީރަތަށް އަހަރެމެންގެ ހިލަންވުމުން ދިޔައީ ސިއްސައިގެންނެވެ.

"ތީ ކޯއްޗެއް." އިތޫގެ އަތުގައި އޮތް ކޮތަޅު ފެނުމުން ސީރަތު އެއްސެވެ.

"ރޯދި ބަރަކާތް." ހިނިއައިސްފައި އިތޫ ބުންޏެވެ.

"ހުތާއި ކުޅިރިހާކުރާ ޖަހައިގެން ކާން އެއައީ." އަހަރެން ބުނީމެވެ. އަނބު ހެއްޔާ ސީރަތު އަހާލިއެވެ. އަހަރެން ނޫނެކޭ ބުނެ ބޯހޫރާލި ވަގުތު ބިލިމަގޭ އިތޫ ބުނެފިއެވެ.

ބިލިމަގުތައް ބޮޑު ތަށްޓަކަށް ހުސްކޮށްލުމުން ސިންކު ކައިރީ ހުރި ސީރަތު އެ ދޮވެދީފައި އިތޫއަށް ތަށި ދިއްކޮށްލިއެވެ. އޭނާގެ ތިމާ ކުދީން ކަމަށްވާ އައިންތުއާއި ސީމާއަށް ގުޅައި އަންނާށޭ ބުންޏެވެ. ގެސްޓްހައުސްއާ ބެހޭ ގޮތުން ސީރަތު އަހަންނާއި ސުވާލު ކުރިއެވެ. އެތަނާމެދު އަހަރެން ހިތްހަމަޖެހޭކަން ފާޅުކުރީމެވެ. އަދި މިހާރު އެތަން ހުރި ހާލަތް ސީރަތަށް ކިޔާދިނީމެވެ. އެތަނުގައި ތިބީ ކިތައް މީހުންކަން ސީދާ ނުބުންޏަސް އެތަނުގައި އަހަރެން ނޫނަސް މީހުން އެބަތިބިކަން ބުނީމެވެ. އެކަމާ ހިސާބަކަށް ސީރަތު ހަމަޖެހުނުހެން އެ މޫނުން އަހަންނަށް ފެނުނެވެ.

* * * * *

އަސުރަށް ދުނިޔެމަތި ކަޅުކުރަމުން އައިސް ބޯކޮށް ވާރޭ ވެހިގަތީ ފަހެއް ޖަހަން އުޅެނިކޮށެވެ. މައި ގޭގެ ދޮރުމަތީ އަހަރެން ހުރީ ދޮރޯށި ހިޔާކުރާން އަޅާފައި އޮތް އީޓުގަނޑުން ރޮނގެއްހެން ފައިބަމުންދިޔަ ފެންތަކަށް ގެއްލިފައެވެ. އިތޫ އޭނާގެ މައިދައިތަ މެންގެއަށް ދިޔަ ގޮތަކަށް އޭރު ވެސް ނާދެއެވެ. ސީރަތުގެ ޢާއިލާއިން ގުޅައިގެން ވާހިދުއާ ދެ މީހުން ގެއިން ނުކުތްތާ އަދި ގިނައިރެއްނުވެއެވެ. އެމީހުން އަވަސްއަރުވާލާފައި އުޅުނު ގޮތުން ހީވަނީ އެ ދިޔައީ މުހިންމު ކަމެއް ޖެހިގެން ހެންނެވެ. އެ ގޭގައި އަހަރެން ހުރީ އެކަންޏެވެ. ސިޓިންރޫމުގައި ހުރި ބޮޑު ފަތި ޓީވީގައި އަޅުވާފައި ހުރި ދިވެހި ޗެނެލުގެ އަޑު ވެސް ވާރޭގެ ސަބަބުން ވަނީ ފަނޑުވެފައެވެ. އެ އެކަނިވެރިކަމާއި ހިމޭންކަމުގައި މަޑުމަޑުން އަހަރެންގެ ޚިޔާލުތައް އަމިއްލަ ދިރިއުޅުމުގެ ތެރެއަށް ފޭދެމުންދިޔައެވެ. ހަޔާތުގެ ސަފުހާތައް ނިއުޅި އޭގައި ރިކޯޑުވެފައިވާ ކަންކަމާމެދު އަހަރެންގެ ވިސްނުން ހިންގަން ފެށުނެވެ.

"އެންމެން ވެސް ހީކުރީ އޭނާއަކީ ވަރަށް ދީންވެރި ރަނގަޅު ފިރިހެނެއްކަމަށް. އަދުހަމް ނޫން އެހެން މީހަކު އެވާހަކަތައް ދެއްކިނަމަ އެއްވެސް މީހަކު ޤަބޫލެއްނުކުރީސް. ޚުދު އަހަރެން ވެސް ޤަބޫލެއްނުކުރީމުސް... ޒިޔާނަށް އަދުހަމްގެ ކުރިމަތީ ޗުއްޕު ވެސް ބުނަން ނުކެރުމަކީ އަދުހަމްގެ ބަސް ތެދުކަން އިތުރަށް ހާމަވީ ސަބަބު."

ކުއްލިއަކަށް ދޮރޯށި މީހަކު ހުޅުވާލިއެވެ. ސިއްސައިގެން ގޮސް ޚިޔާލުގެ ލޯގަނޑު ފުނޑުފުނޑުވިއެވެ. އަވަސްއަވަހަށް އަހަރެން ބަލާލީމެވެ. އަދި ފަހަތަށް ދެތިންހަތަރު ފިޔަވަޅު އަޅާލީމެވެ. ނުހަނު ބޮޑަށް އަހަރެން ހާސްވިއެވެ. އެކަނި ހުއްޓާ ގެއަށް ފިރިހެނަކު ވަންނަން ދިމާކުރީމައެވެ. އޭނާގެ ނަޒަރު ވެސް ހުރީ އަހަރެންނަށް ހުއްޓިފައެވެ.

(ނުނިމޭ)