ފިނިޕޭޖް

"ކުއީން ޝާލޮޓް: އަ ބްރިޖަޓަން ސްޓޯރީ" ބަލައިންފިންތަ؟

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 111ގެ ކޮރޮނޭޝަންއާ ދިމާކޮށް، ނެޓްފްލިކްސް އިން އިނގިރޭސި ރަސްކަމާ ގުޅޭ ވާހަކަތަކެއް ހިމަނައިގެން ސީރީޒެއް ނެރެފި އެވެ.

މިގޮތުން ނެޓްފްލިކްސްގެ މަގުބޫލު އަދި ކާމިޔާބުވި ސީރީޒް "ބްރިޖަޓަން"ގެ ޕްރީކުއެލް "ކުއީން ޝާލޮޓް: އަ ބްރިޖަޓަން ސްޓޯރީ" އަކީ މިއީ ޖޫލިއާ ކުއިންގެ ބްރިޖަޓަން ވާހަކަ ސީރީޒަށް ޝޮންޑާ ރައިމްސް ލިޔުނު ސްކްރިޕްޓަށް ހަދާފައިވާ ސީރީޒެކެވެ. އަދި މިއީ ހަގީގީ ހާދިސާ / ތާރީހަށް ބިނާކޮށް، ގަސްދުގައި ހިޔާލީ ކަންތައްތަކެއް ހިމަނައިގެން ގެންނަ ސީރީޒެކެވެ.

ހަ އެޕިސޯޑް އެކުލެވޭ މި ސީރީޒްއިން ދައްކަނީ ޖަރުމަންގެ ކުޑަ ރަށެއްގެ އަމީރާ ޝާލޮޓް، އިނގިރޭސި ރަސްގެފާނު ޖޯޖްއާ ކައިވެނިކުރަން ގެނެސް އަލަށް ދިމާވާ ތަނެވެ. އަދި ހަމަ އެ ދުވަހު ކައިވެނި ކުރާތަނާއި ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކާއި އޮޅުންތަކުގެ އިތުރުން ސިޔާސީ މައްސަލަތަކާ އެކުގައިވެސް ދެމީހުންގެ މެދުގައި އުފެދޭ ލޯބީގެ ވާހަކައެވެ.

މި ސީރީޒް ގެނެސްދީފައިވަނީ ރާނީ ޝާލޮޓް ދުވެސްވެފައި، ހަލާލު މާމަ ދަރިއެއް ނެތުމުގެ ސަބަބުން، އެ ޝާހީ ދަރިކޮޅު ކުރިއަށްދާނެ މައްސަލަ ހައްލުކުރަން އުޅޭތަނާއި އޭގެ އެކި ހިސާބުގައި ޗާލޮޓް އާއި ޖޯޖްގެ ޅަ އުމުރުގެ ވާހަކަ ލާފަ އެވެ. އަދި ފުރަތަމަ ބަލަން ފަށާއިރު ހީވާ ގޮތާއި ފަހުން ހަގީގަތް އެނގޭއިރު ވާގޮތަކީ ހީނުކުރާ ގޮތެކެވެ. މީގެ އިތުރުން ލޭޑީ އަގަތާ ޑެންބަރީގެ ހަޔާތްވެސް ގެނެސްދެއެވެ.

މި ސީރީޒްގައި ހަގު ރާނީ ޝާލޮޓްގެ ރޯލު އަދާކުރީ އިންޑިއާ އަމާޓީފިއޯ އެވެ. އަދި ހަގު ރަސްގެފާނު ޖޯޖްގެ ރޯލް އަދާކުރީ ކޮރީ މިލްކްރީސްޓް އެވެ. މީގެ އިތުރުން "ބްރިޖަޓަން"ގައި ދޮށީ ކުއީން ޝާލޮޓްގެ ރޯލް އަދާކުރި ގޯލްޑާ ރޮޝުއެލް އާއި ލޭޑީ އަގަތާ ޑެންބެރީގެ ރޯލް އަދާކުރި އަޖުއާ އެންޑޯ އެ ރޯލްތަކުން އަނެއްކާ ފެނުނެވެ. އަދި އަގަތާގެ ހަގު އިރުގެ ރޯލް އަދާކޮށްފައިވަނީ އާސެމާ ތޯމަސް އެވެ.

މި ސީރީޒަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ރޮޓަން ޓޮމާޓޯޒްގައި 93 ޕަަސަންޓްގެ ރޭޓިން ލިބިފައިވާއިރު ނޫސްތަކުންވެސް މި ސީރީޒަށް ތައުރީފްކުރަމުންދެ އެވެ. ތައުރީފުގެ ބަސްތަކުގެ ތެރޭގައި ވާހަކަ ގެނެސްދީފައިވާ ގޮތާއި ކޮސްޓިއުމްގެ ރީތިކަމާއި އެކްޓަރުންގެ މޮޅުކަން ފާހަގަކޮށްފައިވެ އެވެ.

މި ސީރީޒްގެ މައިގަނޑު ލީޑް އަކީ ރާނީ ޝާލޮޓްގެ ކެރެކްޓާ ކަމުގައިވީ ނަމަވެސް، ރަސްގެފާނު ޖޯޖްގެ ކެރެކްޓާގެ މޮޅުކަމާއި މިއަށްވުރެ ގިނައިން ސްކްރީންޓައިމް ދިން ނަމައޭވެސް ބުނެފައިވެ އެވެ. މި ސީރީޒް ބަލާފައި ރޮވުނު ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.