ރާއްޖެއާއި ސާބިއާއާއި ދެެމެދު ހަތަރު ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސާބިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގަ އިއްޔެ އެވެ.
ރާއްޖެއާއި ސާބިއާއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ވައިގެ ހިދުމަތުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގެ އިތުރުން ޑިޕްލޮމެޓިކް ތައުލީމުގެ ރޮނގުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް ހިމެނެ އެވެ. މީގެ އިތުރުން އިގުތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.
އެއްބަސްވުންތަކާއި ގުޅޭ ގޮތުން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ވައިގެ ހިދުމަތުގެ އެއްބަސްވުމުގެ ސަބަބުން ރާޢްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
އިގުތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓްތަކަށް އާ މާކެޓު ލިބިގެންދާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. އެ އެއްބަސްވުމާއެކު ސާބިއާއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކުޅިވަރުގެ ދާއިރާއިން ވެވުނު އެއްބަސްވުމުގެ ސަބަބުން ދިވެހި އެތުލީޓުންނަށް ސާބިއާ އިން ތަމްރީނުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.