ދިރާގު

އޭބީޔޫ މީޑިއާ ސަމިޓްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ދިރާގު

އޭބީޔޫ މީޑިއާ ސަމިޓް 2023ގެ ޕްލެޓިނަމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ބްރޯޑްކާސްޓިން ޔޫނިއަން ކަމަށްވާ އޭޝިޔާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން (އޭބީޔޫ) އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގުޅިގެން އިންތިޒާމުކުރާ ސަމިޓު ކްރޮސްރޯޑްސްގައި ފަށާފައިވަނީ އިއްޔެ އެވެ. މި ސަމިޓު މިއަދުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އޭބީޔޫ ސަމިޓުގެ މިއަހަރުގެ ޝިއާރަކީ "ފްރޮމް އެޓޯލްސް ޓު އާލްޕްސް އެންޑް އެރިޑް ލޭންޑްސް: ކޮމިއުނިކޭޝަން ދަ ކްލައިމެޓް ޗޭންޖް ޗެލެންޖް" އެވެ.

މިގޮތުން ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ މޫސުމަށް އަންނަ ބަދަލުތަކާއި އެކި ކާރިސާތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށް ދިނުމުގައި މީޑިއާގެ ދައުރަށެވެ. މީގެ އިތުރުން ކްލައިމެޓް ސައިންސްގެ އެންމެ ފަހުގެ ހޯދުންތަކާއި ބްރޯޑްކާސްޓަރުންނަށް މި މައުލޫމާތު ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި އެމައުލޫމާތާއި ވަށައިގެންވާ ތަފާތު މައްސަލަތަކާއި ބެހޭ ގޮތުންވެސް މި ސަމިޓުގައި ވާހަކަދެކެވޭނެ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތަކުރަމުން ދަނީ ތިމާވެށީ ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށާއި އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި މިއީ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒުކަން ދިރާގުން ފާހަގަކުރެ އެވެ.