މޯލްޑިވިއަން އައިޑޮލް ހަގީގަތަށް ހެދުމަށް ޕީއެސްއެމްގެ ޓީމުން ކުރަމުންދާ މަސައްކަތަކީ އަގުވަޒަންނުކުރެވޭ ވަރުގެ ބުރަ މަސައްކަތެކެވެ. މިކަން އެންމެ ރަނގަޅަށް އެނގޭ އަދި އެ މީހުންގެ އެ ބުރަކަމުގެ އިހްސާސް އެންމެ ބޮޑަށް ކުރެވޭ އެއް ބަޔަކަށް ވާނީ ޔަގީނަށް ވެސް ދިވެހި އެހެން އާޓިސްޓުންނެވެ.
ރާއްޖޭގައި މިފަދަ ފްރެންޗައިޒް ޝޯއެއް އުފެއްދުމުގެ ގާބިލުކަމަކީ މިއޮތްހާ ދުވަހަށް ހުވަފެނެކެވެ. އެންމެފަހުން އެ ހުވަފެނެއްގައި ކުލަޖެހިގެން އެންމެންގެ ސިޓިންރޫމުތަކަށް "ފަޅާލުމުން" ބަންޑުންވި އުފާވެރިކަމަކީ ގިނަ ބަޔަކަށް ބުނެދޭން ވެސް ނޭނގޭވަރުގެ އިހްސާސެކެވެ. އަދި މި ޝޯ ވެގެން ގޮސްފައި ވަނީ ވަރަށް ގިނަ ބަޔަކު ސިއްސުވާލި ނުވަތަ ޝޮކްކޮށްލި ޝޯއަކަށެވެ.
ވަކިން ހާއްސަކޮށް ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ނިސްބަތްވާ ގިނަ ބަޔަކު ތިބީ ގަބޫލުކުރަން ނޭނގޭ ކަހަލަ ޖަޒުބާތެއްގައި ޖެހިފަ އެވެ. އެންމެ ފުރަތަމަ ވެސް، ދިވެހި ސިނަމާގެ ލެޖެންޑަރީ ޑައިރެކްޓަރު ޓެޑްރީ މުހައްމަދު ނިޔާޒުގެ ޖަޒުބާތުން ފަށައިގަންނަމާ ހިނގާށެވެ. މޯލްޑިވިއަން އައިޑޮލްގެ ޓީމުން ގަބޫލުކުރާ ގޮތުގައި އެމީހުންކޮށްފައިވާ މަސައްކަތް ދެން އެންމެ ކޮލިޓީކޮށް ކުރާނެ އެކަކަކަށް ޔަގީނަށް ވެސް ޓެޑްރީވާނެ އެވެ.
އެހެންވީމަ ޓެޑްރީ ބުނަނީ ކީކޭތޯ ބަލައިލުމަށް އެ ޓީމު ވެސް ބޭނުންވާނެކަން ޔަގީނެވެ.
ޕްރޮޑަކްޝަން ލެވެލް، ޕްރެޒެންޓޭޝަން އަދި އެޑިޓިން ވެސް ވަރަށް ކަމުދޭ
ޓެޑްރީ ބުނަނީ މިހެންނެވެ. އޭނާ ބުނީ އާންމުކޮށް ޓީވީ ޝޯތައް ބަލާ މީހަކަށް އަދި ވަކިން ހާއްސަކޮށް މި ދުވަސްކޮޅު އެއްވެސް މިފަދަ ޓީވީ ޕްރޮގްރާމަކަށް ޝައުގުވެރިނުވި ނަމަވެސް މޯލްޑިވިއަން އައިޑޮލް އަކީ ދޫކޮށްލާވަރުގެ ޝޯއެއް ނޫން ކަމަށެވެ. ޝޯއަށް ވަގުތު ހޯދަނީ އެހެންވެ ކަމަށް ޓެޑްރީ ބުންޏެވެ.
އޭނާ ބުނީ މޯލްޑިވިއަން އައިޑޮލްއެއްގެ ވާހަކަ އަޑުއިވުމުން އެންމެ ފުރަތަމަ ހީކުރީ އެކަމެއް ދާނީ ނިކަން ސަކަރާތްކޮށް ކަމަށެވެ.
"އެކްސްޕެކްޓޭޝަންނަށް ވުރެ ބޮޑުތަން ރަނގަޅު. ހީކުރީ ސަކަރާތްކޮށް ކަމަށް ދާނީ. އިންޓަނޭޝަނަލް ފޯމެޓަކަށް ހަދާއިރު މިވަރުގެ ޕްރޮޑަކްޝަނެއް ރާއްޖޭގައި ތިބި މީހުންނަށް އަދި ހުރި ސާމާނާއެކު އުފެއްދިދާނެ ކަމަށް ޝައްކުވި ވަަރަށް ބޮޑަށް
އެކަމަކު އެއާކުރާ އިރު ވަަރށް ރަނގަޅޭ ބުނެވޭނީ،" ޓެޑްރީގެ ތައުރީފު އޮއްސާލި އެވެ.
"ޕްރޮޝަކްޝަން ލެވެލްގައި ވަރަށް ކަމުދޭ އޭގެ ޕްރެޒެންޓޭޝަނުން އަދި އެޑިޓިިން ވެސް. ބަލާ މީހުން ވެސް ވަރަށް ބޮޑަށް އެންގޭޖުކުރުވައިގެން ކުރިއަށް ގެންދަނީ. ފޫހިކަމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތް ހަދާފައި ވަނީ."
"އެކަމު ކޮންމެ ޝޯއެއްގައި ވެސް ހުންނާނެތާ ރަނގަޅުކުރަން ޖެހޭ ކަންތައް. މީގައި ވެސް އެބަހުރި."
ރަނގަޅުކޮށްލަން ޖެހޭ ކަމަކަށް އޭނާ ފާހަގަކުރީ ޖަޖުންގެ މައްސަލައެކެވެ. އަދި މިފަދަ ޝޯއެއް ފާޑުކިޔުމަކުން ސަލާމަތެއް ނުވާނެ ކަމަށް ވެސް ބުންޏެވެ.
"އެމީހުންނަށް ވަރަށް ގިނަ ކަންތަކެއް ކުރަން އެބަޖެހެއޭ ބުނެފައި ހުންނާނެ އަޅުގަނޑު ވެސް. ފާހަގަކުރެވެނީ އޯވަރިއެކްޓް ކުރާ ކަމަށް. އެކަމަކު ފާޑުކިޔުންތަކަކީ މިފަދަ ޝޯއެއް އަލަށް ގެނެސްދޭއިރު މިފަދަ ކޮންޒަވޭޓިވް ސޮސައިޓީތަކުގައި އާންމުކަމެއް. ހުރިހާ ކަމަކާ ގުޅުވައިގެން ކިޔާނީ މުޅިން ވެސް ގޯހޭ،" ޓެޑްރީ ސާފުކޮށް ކިޔައިދިނެވެ.
"މީގެ ސަބަބުން މުޅި ކޮމިއުނިޓީ އަށް ފައިދާކުރޭ. ވަރަށް ބޮޑު އިމްޕެކްޓެއް އައިސްފި. އަޅުގަނޑު ބަލާނީ މިކަން ވަރަށް ޕޮޒިޓިވް ކަމެއްގެ ގޮތުގައި. އެބަޖެހޭ ސިޓިންރޫމުގައި ތިބެ ޓީވީ ބަލައިގެން އަޅުގަނޑުމެންގެ މި ނުތަނަވަސްކަމުން އަރައިގަނެވޭނެ ފަދަ ޝޯއެއް."
"އެއް އެޕިސޯޑުން އަނެއް އެޕިސޯޑަށް ކުރިއެރުން އެބަ ފެނޭ. ޖަޖުންގެ ފެންވަރު ވެސް ރަނގަޅުވަމުންދާކަން ފާހަގަކޮށްލެވޭ."
"ދެރިޔާ" ގެ ޑައިރެކްޓަރު ބުނީ މިފަދަ ޝޯއެއްގެ ސަބަބުން ފިލްމީ ދާއިރާ އަށް ފައިދާކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތުގެ ދާއިރާއަށް ވެސް ވަރަށް ފައިދާ ކުރާނެ މީގެ ސަބަބުން. ކޮމްޕީޓްކުރާނެ އެއްޗެއް މި ލިބުނީ. ބެންޗު މާކެއް އެ އޮތީ ކަނޑައަޅާފައި މިފަދަ ޝޯއެއް އުފައްދާއިރަށް. ދިގު މުއްދތަކަށް މީގެ ފައިދާ އަދި ބޮޑުވާނީ."
ދެން މި އޮތީ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ހިޔާލެވެ. ފިލްމީ ދާއިރާ އަށް ބަލާއިރު ނަހުލާ އާއި ޓެޑްރީއަކީ ޓިއުނު ދިމާވާ އަދި ރަހަ ވެސް އެއްގޮތަކަށް ދިމާވާ ދެ ފަންނާނުންނެއް ނޫންކަން ނޫސްކިޔާ އެންމެނަށް ވެސް ދެން އެނގޭނެ އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ މޯލްޑިވިއަން އައިޑޮލްއާ ހިސާބުން މި ދެ "ހަތުރުން" ވެސް އެކައްޗަކަށްވީ އެވެ.
ގަޑި ސޯނާކޮށްގެން ހޭލައިގެން ވެސް މި ޝޯ ބަލަން
ނަހުލާގެ ޝައުގުވެރިކަން މި ޝޯއާ ގުޅިފައިވާ މިންވަރަކީ މިއީ އެވެ. އޭނާ ބުނީ އާންމުކޮށް ޓީވީ ނުބެލިޔަސް މިއީ ހޭލައިގެން ވެސް ބަލާ ޝޯއެއް ކަމަށެވެ.
"ގަޑި ސޯނާކޮށްގެން ހޭލައިގެން ވެސް މި ޝޯ ބަލަން. ޓީވީ ބަލާ މީހުންގެ 99 ޕަސެންޓް ބަލާނެ މި ޝޯ.
މީގައި މި ގެނެސްދެނީ އެންމެންގެ އިހްސާސްތަކެއްތާ. އެކި ރަށްރަށުގެ ކުދިންގެ ޓެލެންޓް މިގޮތަށް މި ގެނެސްދެނީ އަލަށް،" ނަހުލާ ކިޔައިދިނެވެ.
"މުޅި ޕްރެޒެންޓޭޝަން ވެސް ގެނެސްދީފައި ހުރި ގޮތް ވަރަށް ރަނގަޅު. ހުރިހާ އިމޯޝަންސްތަކެއް ވެސް އެބަހުރި."
ދިވެހި ސިނަމާގެ ޖަޒުބާތުތަކުގެ "މަންމަ" ދެން މިހެން ބުނީމަ އެންމެން ވެސް ޖެހޭނީ ގަބޫލުކުރާށެވެ!
"ހީއެއް ނުކުރަން މި ފެންވަރަކަށް މިކަން ކުރެވޭނެ ކަމަކަށް. ގަބޫލެއް ނުކުރެވޭ އެއްގޮތަކަށް ވެސް. ވަރަށް ބައިވަރު މީހުންގެ މަސައްކަތް މިއީ. އެމެރިކަ އިންޑިއަން އައިޑޮލްއޭ ކިޔައިގެން އުޅުނީމަ އަޅުގަނޑު ހީކުރީ ހަޑިއެއް ވެސް ހޭކިދާނެ ކަމަށް،" ނަހުލާ ލަފާކޮށްގެން ހުރި ގޮތަކީ މިއީ އެވެ.
ނަހުލާ ބުނީ ޖަޖުންގެ މައްސަލަ ވެސް ޖުމްލަކޮށް ރަނގަޅު ކަމަށާއި އެކަމަކު ތިން ވަނަ ޝޯގައި ކުޑަކޮށް ފާހަގަކުރެވުނު ކަމަށެވެ.
"ޖަޖުންގެ ތިން ވަނަ ޝޯ ކުޑަކޮށް ބޮލަށް އުނދަގޫވި. ވާހަކަ ގިނަވިހެން ހީވި. އެކަމަކު ދެން ދެއްކި ފުރަތަމަ ޝޯ އާއި ދެ ވަނަ ޝޯ އަދި ހަތަރު ވަނަ ޝޯގައި ޖަޖުންގެ ނިންމުންތަކާއި ވާހަކަތައް ވަރަށް ރަނގަޅު،" ސުޕަހިޓް ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ނަހުލާ ބުންޏެވެ.
ނަހުލާ ބުނީ ޝޯއިން ފެންނަނީ ލަވަކިޔުންތެރިންތަކަކަށްވިޔަސް ފިލްމަކުން ފުރުސަތު ދެވިދާނެ ފެންވަރުގެ ކުއްޖަކު ފެނުމަކީ އިންތިޒާރުކުރެވޭ ކަމެއް ކަމަށެވެ.
"ފިލްމަކުން ފުރުސަތު ދޭން އެޕްރޯޗްކުރާ ވަރުގެ ކުދިން އެބަ ތިބި މި ޝޯގައި. އާ ކުދިން ލައްވައި ލަވަ ކިޔުންވަން ބޭނުންވޭ އަހަރެން ވެސް."
ދިވެހިންނަށް މިކަން ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރަން!
ފިލްމު "އިނގިިލި" އަދި "މިކޮއެ ބައްޕަ ބައެ ބައެ" ގެ ޑައިރެކްޓަރު ރަވީ ފާރޫގް ބުނީ މޯލްޑިވިއަން އައިޑޮލް މި ފެންވަރަށް ތަރައްގީކުރެވިދާނެ ކަމަކަށް އޭނާ ގަބޫލެއް ވެސް ނުކުރާ ކަމަށެވެ.
"މީތި މިގޮތަށް ޕުލްއޮފްކޮށްލެވޭނެ ކަމަށް ގަބޫލެއް ވެސް ނުކުރަން. ރާއްޖޭގައި ނުބާއްވާ ވަރުގެ މެގަ ޝޯއެއް މިއީ. ދިވެހިންނަށް މިކަން ކުރެވޭނެ ކަމަކަށް ވެސް ގަބޫލެއް ނުކުރަން އެންމެ ފުރަތަމަ،" ރަވީ ބުންޏެވެ.
"ޖަޖުންގެ ޕާފޯމެންސް ވެސް ރަނގަޅު. ލަވަކިޔާ ކުދިންގެ ތެރޭގައި ހެސްކިޔާފަ މޮޅެތި ކުދިން ވެސް އެބަތިބި. ވަރަށް އެޕްރެޝިއޭޓްކުރެވޭ މި މަސައްކަތް."
އޭނާ ބުނީ ޝޯ ދައްކާ ވަގުތު ނުބެލުނަސް ފަހުން ޔޫޓިއުބުން ޝޯ ޑައުންލޯޑްކޮށްލައިގެން ވެސް ބަލާ ކަމަށެވެ.
"މިސްކޮށްލާވަރުގެ ޝޯއެއް ނޫން މިއީކީ،" ރަވީ ބުންޏެވެ.
އޭނާ ބުނީ ފިލްމީ ދާއިރާ އާއި ލަވަކިޔުމުގެ ދާއިރާއާ މެދު އޮންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ އާ މޫނުތަކެއް ނުފެނުމުގެ ޝަކުވާ އާއި ލަވަކިޔާނެ އާ އަޑުތަކެއް ނުލިބުމުގެ ޝަކުވާއަށްވީއިރު އެ މައްސަލައަށް ވެސް ފަހަރުގައި މޯލްޑިވިއަން އައިޑޮލް އިން ހައްލެއް ލިބިދާނެ ކަމަށެވެ.
ރަވީ ބުނީ ޝޯއަށް ބަޔަކު މީހުން ފާޑުކިޔުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
"ޖަޖުން ވަރަށް ސަޅި ޕާފޯމެންސް. ކުޑަ އިއްބެގެ ޕާފޯމެންސް އަދި ތަންކޮޅެއް ދަށްކޮށް ފެންނަނީ. އަނެއް ދެ މީހުންގެ ކެރެކްޓާ އެހެން ބަޔަކު ކޮޕީކުރަން ވެސް،" ރަވީ ބުންޏެވެ.
"ކަމުނުދާ މީހުން އުޅޭނެ. ބަވާ މީހުން ވެސް ތިބެން ޖެހޭނެ. އެމީހުން ތިބީމަ ފޯރިވެސް ގަދަވޭ. ޝޯގެ ވާހަކަ އިތުރަށް ގަދަކޮށްދޭ. ޒުވާބަކަށް ވެސް އަސްލު ސިޔާސީ ކަމަށް ވުރެ ބޮޑަށް މިހާރު ހިނގަނީ އައިޑޯލްގެ ވާހަކަ."
"ރޭޓިން ދޭ ނަމަ 4/5 އޮޑިޝަނަށް. ރޭޓިން އަށް ބަލާ ނަމަ ސިކްސްއާ ހަމަ އަށް ވެސް ގެންދަން ޖެހޭނެހެން ހީވަނީ. މިއީ އެއްގޮތަކަށް ވެސް އެކްސްޕެކްޓްކުރި ކަމެއް ނޫން."
އެކްސްޕެކްޓް ކުރި ވަރަށް ވުރެ ވެސް މާ ރަނގަޅު!
ދިވެހި ސިނަމާގައި ސަސްޕެންސް ހިފެހެއްޓުމަށް ސްކްރީންރައިޓަރު މަހުދީ އަހުމަދަކީ ނަމޫނާއެކެވެ. އޭނާގެ ތައުރީފު މޯލްޑިވިއަން އައިޑޮލް އަށް އޮހުމަކީ ޔަގީނަށް ވެސް މި ޝޯގެ ކޮލިޓީ ރަނގަޅުކަމަށް ގަބޫލުކުރަން ފަސޭހަވާނެ ކަމެކެވެ.
"އެކްސްޕެކްޓް ކުރި ވަރަށް ވުރެ ވެސް މާ ރަނގަޅު. ރަނގަޅުވާނެ ކަމަށް އުއްމީދެއް ނުކުރަން އިއުލާނުކުރިއިރު. އެ ވަރުގެ ފްރެންޗައިޒް ޝޯއެއް ދިވެހިންނަށް އުފެއްދިދާނެތޯ އެއީ ސުވާލެއް،" މަހުދީ ބުނީ މިހެންނެވެ.
"އޮޑިޝަންތަކަށް ބަލާއިރު ލަވަކިޔާ ކުދިންނަށް ވުރެ ބޮޑަށް އެކްޓްކުރާ ކުދިން ވެސް އެބައުޅޭ. އެފަދަ ކުދިންނަށް އެޕްރޯޗްކޮށްގެން ރަނގަޅު އެކްޓަރުންތަކެއް ވެސް ރެކްރޫޓްކުރެވިދާނެ."
"އާ ސީޒަންއެއް ފަށައިފިއްޔާމު އިތުރު ބަޔަކު ދެ ވަނަ ސީޒަނަށް ތައްޔާރުވާނެހެން ހީވަނީ ދެން. ލަވަކިޔަން ތަމްރީން ހަދައިގެން އޮޑިޝަނަށް ވެސް. ހިތަކަށް ނާރާ މި ނިމުނީއެކޭ."
ޔޫކޭ އިން ޖަޖުން ހޮވީމަ ހީވަނީ އެންމެ ރަނގަޅަށްހެން އެކަން ކުރާނީ!
ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ ލަވަ "ރޯލީ މޭ" އިން ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ޒުވާން މިއުޒީޝަން އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ ފަތޯ އެދެނީ މިފަދަ އެހެން ޝޯތަކަށް ރާއްޖޭގައި ދިމާވި ގޮތް މި ޝޯ އަށް ދިމާނުވެ ކުރިއަށް ދިއުމެވެ.
"ޖުމްލަކޮށް ވަރަށް ސަޅި އެއްޗެއް މިއީ. ވަރަށް ރަނގަޅު ޕްލެޓްފޯމެއް މިއީ. ދެން ފަހަރަކުން ވެސް އޮވެއްޖެއްޔާ ވަރަށް ރަނގަޅު. އާންމުކޮށް އެއްފަހަރު ދައްކާފަ ދެން ނުދައްކާނެ،" ފަތޯ ބުންޏެވެ.
"މީގެ ބައިވެރިންނަށް ކުރާނެ ފައިދާ އެނގޭނީ ޝޯ އެއްކޮށް ނިމުނީމަ. ކުރިން އެބަހުރި މިފަދަ މުބާރާތްތަކުގައި އިނާމު އަދިވެސް ފުރިހަމަ އަށް ނުލިބި. އެހެން ނުވާނެ ކަމަށް އުއްމީދު މި ކުރަނީ މިޝޯގައި."
"އެއްވެސް ބަޔަކު ގަބޫލެއް ނުކުރޭކަން ނޭނގޭ މީގެ ކޮލިޓީ މި ވަރަށް ރަނގަޅުވާނެ ކަމަށް. އެހެންވީމަ ހެން ހީވަނީ މިފަހަރު މީހުން އެހާ މަދީ. ދެ ވަނަ ސީޒަނަށް މިއަށް ވުރެ ރަނގަޅުވާނެ ހެން ހީވޭ."
"ޖަޖުން ވެސް ގޯހެއް ނޫން މުޅިއަކުން. ނިންމުންތައް މުޅިއަކުން ގޯހެއް ނޫން. ކުޑަކޮށް އެބަހުރި މިސް ޖަޖުކުރެވިފައި. އެމެރިކަން އައިޑޮލްގައި ވެސް އެހެން ވޭ. އެކަމަކު އެއީ މައްސަލައެއް ނޫން. އެކަމަކު އޯވަ ރިއެކްޝަން ބޮޑު ކަމަށް ފާހަގަކުރެވޭ."
ޑިންބާ އިޝާންޓޭގެ ހިތް ވެސް މޯލްޑިވިއަން އައިޑޮލް އަށް!
މި ޝޯއެއް ކުރިއަށްދާއިރު ޝޯގެ މަންޒަރު އެންމެ ގާތުން ބަލަމުންދާ އެކަކަކީ ޑިންބާ މިއުޒިކް ފެމިލީގެ މައި ސިކުނޑީގެ ގޮތުގައި ހަރަކާތްތެރިވާ އިޝާންޓޭ އެވެ. ހަގީގަތުގައި އޭނާ ހުރީ ވަރަށް ރުޅިގަދަވެފަ އެވެ. ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ބަޔަކު މީހުން ޝޯ އަށް ފާޑުކިޔާތީ އާއި ޖަޖުންނާ ޖައްސާލައިގެން އުޅޭތީ އެވެ.
"ޖަޖުންނަށް ފާޑުކިޔާ ނަމަ މުޅި ޝޯއަށް ފާޑުކިޔަން ޖެހޭނީ. ޅަ ޖަޖުންތަކެއް ފެނުނީ ނަމަ މައްސަލަ އަކަށް ހަދާނެ ކަމެއް ނެތް. ޅަ ޖަޖުން ތިބުމަކީ ރަނގަޅު ފާލެއް. މިއީ އެމީހުން ވެސް ރަނގަޅަށް ޕާފޯމްކުރާނެ ސަބަބެއް. ޅަ ކުދިންނަށް ފުރުސަތު ނުދިނީމަ ފުޓްބޯޅައިގައި ވެސް އަބަދުވެސް ދަނގަޑޭ އާއި ކުޑަ މޫސައިގެ ވާހަކަ މި އަންނަނީ،" އިޝާންޓޭ ބުންޏެވެ.
"އަދި އަބަދު އޮގަރު ވަހީދު ހުންނާކަށް ނުޖެހޭ ޖަޖަކަށް. ދެން އަޅުގަނޑަށް އެންމެ ކަމުދަނީ އުނޫޝާގެ ޖަޖިން މީގައި."
"ވަރަށް އުފާވޭ ރާއްޖޭގައި މިއުޒިކް ދިރުވަން ބަޔަކު މަސައްކަތްކުރާތީ. ވަކި ފިކުރެއްގެ ބަޔަކަށްވިޔަސް. ކޮންމެ ސަރުކާރެއް އޮތަސް މިއުޒިކް ދިރުވާނަމަ މަށަށް ބަރާބަރު. މިކަހަލަ ޝޯއަކުން މި ފެންނަނީ މިއުޒިކްގެ ކުރިމަގު. ވަރަށް ބޮޑު ޕްލެޓްފޯމެއް މިއީ ލަވަކިޔަން ނުލިބިފައި ތިބި ކުދިންނަށް. އަސްލު ހުރިހާ މިއުޒީޝަނުން ވެސް ވަރަށް އުފާކުރަން ޖެހޭ ކަމެއް މިއީ."