މޯލްޑިވިއަން އައިޑޮލްގެ އެލިމިނޭޝަން ރައުންޑުގައި، ޝޯގެ ފެވަރިޓެއް ކަމަށްވާ އަހުމަދު ނަޒީހު ކަޓައިގެން އާ ދުވަހަކަށް އިރު އެރިއިރު ސޯޝަލް މީޑިއާ އަށް ބަންޑުވެފައި އޮތީ ތަޖުރިބާކާރު މިއުޒީޝަން އަދި އެކްޓަރު ހުސެއިން ސޮބާހްގެ "ރަހުމްކުޑަ" ތީރުތަކަކުން ޒަޚަމްކޮށްލާފައިވީ މޯލްޑިވިއަން އައިޑޮލްއެއްގެ ވާހަކަ އެވެ.
އެ ދުވަހަށް އިރު އޮއްސުނުއިރު އެ މަންޒަރު އޮތީ އޭގެ އަނެއްކޮޅަށް ބަދަލުވެފަ އެވެ. ތީރުތަކުން ޒަޚަމްވެފައި އޮތީ ސޮބާ އެވެ. ހޫނުފެނުގައި ވެސް އޮތީ ސޮބާ އެވެ.
ހަގީގަތަކީ ވާނުވާ ބަލައިނުލައި ފެތުރި ޚަބަރެއްގެ ސަބަބުން ސޮބާގެ އަގު ވެސް އެތައް ބައެއްގެ ކުރިމަތީގައި ވެއްޓިގެން ދިއުމެވެ. އަދި މޯލްޑިވިއަން އައިޑޮލްގެ ފޭނުންނާއި ސޮބާއާ ދެމެދު ބޮޑު ހުޅުގަނޑެއް ވެސް ރޯވެ އަނދަން ފެށީ އެވެ. ސޮބާގެ ދިގު 25 އަހަރުވީ ކާމިޔާބު ކެރިއަރުގައި ހޯދި ހުރިހައި ކާމިޔާބީތައް ވެސް އެއްޗަކަށް ނުވެ ތަނެއްދޮރެއް ނުދަންނަ މީހަކަށް އާންމުންގެ ކުރިމަތީގައި އިސާހިތަކު ސޮބާ ބަދަލުވެގެން ދިޔައީ އެވެ.
އެކަމަކު އެނގޭ ހެއްޔެވެ؟ ސޮބާ ބުނަނީ އޭނާ އައިޑޮލްއާ ގުޅުވައިގެން ދެއްކި ކަމަށް ބުނާ ވާހަކަތަކަކީ އޭގެ އަސްލު ގެއްލުވާލާފައިވާ ވާހަކަތަކެއް ކަމަށާއި އެއީ އޭނާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވެސް ދެއްކި ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެ ވާހަކަ އޭގެ ހަގީގަތް އޮޅޭ ގޮތަށް ޕަބްލިޝްކޮށްފައިވާއިރު ހުއްދަ ހޯދުމެއް ވެސް ނެތްކަން އޭނާ ފާހަގަކުރި އެވެ.
"އެ ނޫހަކަށް އަޅުގަނޑު ދިން އެއްވެސް [އިންޓަވިއުއެއް] ނޯންނާނެ. އެއީ ޕަބްލިކަށް ވެސް ނުފެންނަ ގޮތަށް އަޅުގަނޑުގެ ރައްޓެހިންތަކަކާއެކު ފޭސްބުކްގައި ކުރި ކޮމެންޓްތަކެއް ނަގައިގެން ލިޔެގެން އުޅޭ ވާހަކައެއް. އެއީ އެމީހުން ވަރަށް ގޯސްކޮށް ކޮށްފައި އޮތް ކަމެއް. އެމީހުން އެ ވާހަކަ އެގޮތަކަށް ލިޔާކަށް ނުޖެހޭނެ،" މިއަދު އަވަސް އަށް ދިން އިންޓަވިއުއެއްގައި ސޮބާ ބުންޏެވެ.
ސޮބާ ބުނީ އޭނާއޭ ކިޔައިގެން ޝާއިއުކޮށްފައިވާ ވާހަކައިގައި އޭނާގެ ހިޔާލު ވެސް ބަދަލުވާ ގޮތަށް ގެނެސްދީފައިވާ ކަމަށާއި އެ ލިޔުމެއްގެ މަގުސަދަކީ އާންމުން ރުޅިއެރުވުންކަން ވަރަށް ސާފު ކަމަށެވެ.
"އޭގައި އެބަހުރި އަޅުގަނޑުގެ ހިޔާލު ކޮންމެވެސް ވަރަކަށް ބަދަލުވެފައި ވެސް. މީހުން ރުޅި އަންނަ ކަހަލަ ގޮތަކަށް އޭތި ލިޔެފައި އޮތީ އެ ނޫހުގައި. އަޅުގަނޑު މި ވާހަކައެއް އަޅުގަނޑުގެ ފޭސްބުކްގައި ލިޔުނީކީ އެއްގޮތަކަށް ވެސް އާންމުންނަށް ފެންނަ ގޮތަކަށް ނޫން. އަޅުގަނޑުގެ ރައްޓެހިންތަކަކާއެކު ދެއްކި ވާހަކައެއް އެގޮތަށް ނަގައި ޕަބްލިކް ކޮށްލުމަކީ ހަގީގަތުގައި ނޫސްވެރިންގެ މައްސަލައެއް،" ސޮބާ ކިޔައިދިނެވެ.
"އެތަނަކުން ނުވެސް ގުޅާ. ނުވެސް އަހާ. ހުއްދައެއް ވެސް ނުހޯދާ. މި ވާހަކައެއް ޖެހިކަން އަޅުގަނޑަށް އެނގުނީ ވެސް މީހަކު އޭގެ ސްކްރީންޝޮޓެއް ފޮނުވީމަ. އަޅުގަނޑުގެ ހުއްދައެއް ނުހޯދައި އެގޮތަށް އެ ވާހަކަ އެމީހުން ޕަބްލިޝްކުރުން އެއީ ގޯހެއް."
"އަސްލު ވަރަށް ހަޑިކޮށް ކުރި ކަމެއް އެއީ."
މި މޭރުމުން ވާހަކަ ދައްކަމުން ސޮބާ ބުނީ މޯލްޑިވިއަން އައިޑޮލްއާ މެދު އޭނާ ހިތްހަމަނުޖެހިގެން ރުޅިގަދަވެގެން އުޅޭ ކަމަށް ބުނާ ވާހަކަ އާއި އޭގެ ޖަޖުންނާ ޒާތީވެގެން އުޅޭ ކަމަށް ބުނާ ވާހަކަ އަކީ ވެސް އޭގައި ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ހިޔާލުތަކެއް އެނބުރިގެން އުޅެނީ އެ ނޫހުން އޭނާގެ ހުއްދައެއް ހޯދުމެއް ނެތި ހަގީގަތް އޮޅޭ ފަދަ ގޮތަކަށް އެ ވާހަކަ ގެނެސްދިނުމުން ކަމަށް ވެސް ބުންޏެވެ.
ސޮބާ ބުނީ އައިޑޮލްގެ ތިން ޖަޖުންނަކީ ވެސް އޭނާ ނިކަން ބޮޑަށް ރެސްޕެކްޓް ކުރާ ތިން ޖަޖުން ކަމަށެވެ. އަދި އެ މީހުންގެ ނިންމުންތަކުގައި މައްސަލައެއް ހުއްޓަސް އެއަށް އިހްތިރާމްކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
"އެއީ އަޅުގަނޑު ވަރަށް ރެސްޕެކްޓްކުރާ ތިން ކުދިން އެތަނުގައި ޖަޖުންނަށް އެތިބީ. އޭގެ ތެރެއިން ކޮންމެ ކުއްޖަކީ ވެސް އަޅުގަނޑު ގާތުން މިއުޒިކްގެ ކޮންމެވެސް މަސައްކަތެއްކޮށްފައިވާ ކުއްޖެއް. މިސާލަކަށް އައްމަޑޭ. އައްމަޑޭ ފުރަތަމަ މިއުޒިކް ބޭންޑަކަށް މަސައްކަތްކުރީ ވެސް އަޅުގަނޑު ހެދި ބޭންޑެއްގައި،" ސޮބާ ބުންޏެވެ.
"އަޅުގަނޑު ނޯންނާނެ އެއްވެސް ޖަޖަކާ ޖައްސާލައިގެން ނުވަތަ ޒާތީވެގެން އެއްޗެއް ބުނެފައެއް. އެކަމަކު ޖަޖުކުރުމުގައި ހުންނަ ކަންތައްތަކަށް ފާޑުކިޔުމަކީ އަމިއްލަ މިނިވަންކަމަށްވާއިރު އެގޮތަށް ބުނެވުނު އެއްޗެއް އިންނާނީ."
ޖަޖުންނާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ އެމީހުންގެ ނިންމުމެއްގެ ސަބަބުން ޝޯއިން ވަކި މީހަކު ކަޓައިގެން ދިއުމަކީ ވެސް އޭނާ އެއްވެސް ވަރަކަށް ސަމާލުކަމެއް ދޭ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު ބަލާ ޝޯއެއް ވެސް ނޫން މޯލްޑިވިއަން އައިޑޮލް އަކީ. އާންމުކޮށް ބަލަނީ ވެސް ކުއްޖަކު ކަޓައިގެން ނުވަތަ މިވެނި ދުވަހަކު މިވެނި ޖަޖަކު ކޮމެންޓްކުރި ގޮތް ވަރަށް ސަކަރާތޭ ބުނެގެން ބަލާލަނީ. އެގޮތަށް ބަލާފަ ރައްޓެހިންނާ އަޅުގަނޑު ވާހަކަ ދައްކަނީ،" ސޮބާ ބުންޏެވެ.
"އަޅުގަނޑަށް ހެޔޮ އެތަނުން ކޮންމެ މީހަކު ކެޓިޔަސް. އެންމެން އެއްފަހަރާ ކެޓިޔަސް އަޅުގަނޑަށް ހެޔޮ. ޖަޖުން ކެޓިޔަސް އޯކޭ. ޝޯގައި ކުދިން ކެޓުމަކީ މައްސަލައެއް ވެސް ނޫން."
ސޮބާ ބުނީ ޖަޖުންގެ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން އޭނާ އެމީހުންނާ ޒާތީވާން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.
"އަޅުގަނޑު ކީއްވެގެންތޯ ޒާތީވާންވީ؟ އެމީހުންނާ ޒާތީވެގެން ބުނެފަ އިން އެއްޗެއް ނޫން އެއީކީ. އެއީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހިން،" ހިނިގަނޑެއް ޖަހާލާފައި ސޮބާ ބުންޏެވެ.
އެހެން ނަމަވެސް ސޮބާ ބުނީ ޝޯގެ ޖަޖުންނަކީ އެންމެ މޮޅު މީހުން ކަމަކަށް އޭނާ ގަބޫލެއް ނުކުރާ ކަމަށާއި ޖަޖުންނަށް ކޮންމެ ބަޔަކު ތިއްބަސް ގޯސް ހެދޭނެ ކަމަށް ވެސް ގަބޫލުކުރާ ކަމަށެވެ.
"ކޮންމެ ބަޔަކު ޖަޖުންނަށް ތިއްބަސް އެ ތިން މީހަކަށް ފެންނަ އެންމެ ރަނގަޅުގޮތް ހާމަކުރުން ވާނީ އެ ތިން ޖަޖުންގެ އެންމެ ރަނގަޅު ނިންމުމަށޭ. އެއީ ކިތަންމެ ފެންވަރު ދަށް ޖަޖުންތަކަކަށްވިޔަސް އެ ނިންމުމެއް ބަލައިގަންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ސޮބާ ބުންޏެވެ.
"އެކަމަކު ކޮންމެ ތަނެއްގައި ބައިވަރު ކުދިން ލަވަކިޔާއިރު ޖަޖުންނަށް ބައިވަރު މިސްޓޭކްސް ހެދޭނެ. އަދި އަޅުގަނޑު ގަބޫލެއް ނުކުރަން އެ ތިން ޖަޖުންނަކީ ސީދާ ރާއްޖޭގައި ތިބި އެންމެ މޮޅު ތިން ޖަޖުން ކަމަކަށް. ލަވަކިޔުންތެރިންނާއި މިއުޒިކް ޑައިރެކްޓަރުންނާއި މިއުޒިކް ކޮމްޕޯސަރުންނާއި ލަވަ ކޯޗުން މިއީ މުޅިން ތަފާތު ބައެއް."
"އެތަނުގައި އެތިބީކީ މިއިން ޒަމާނެއްގައި ވެސް ބަޔަކަށް ލަވަ ކޯޗުކޮށްދިން ބައެއް ނޫން. ބަޔަކަށް ލަވަ ކިޔަވައިދޭން ދިޔަ ބައެއް ނޫން. މިއީ ހަގީގަތް. ދެން ރުޅި އަންނަ މީހަކު ރުޅިއަޔަސް ކުރާނެ ކަމެއް ނެތް. އެތާނގަ އެތިބަ ތިން މީހުންނަކީ ދުނިޔޭގެ އެއްވެސް ތާކުން މިއުޒިކް ދަސްކޮށް މިއުޒިކް ކޯސް ހަދައި މީހުންނަށް އުނގަންނައި ދިނުމުގެ ގޮތުން ކިޔެވި ބައެއް ވެސް ނޫން."
"އޭގެ ކޮންމެ މީހަކު ވެސް ލަވަކިޔުމުގެ ދާއިރާގައި ފުރަތަމަ ސްޓެޕް އަޅާފައިވާނީ އަޅުގަނޑާ އެކު."
މިއީ ސޮބާގެ ހިޔާލެވެ. އެކަމަކު އޭނާ ބުނީ އެއްގޮތަކަށް ވެސް މޯލްޑިވިއަން އައިޑޮލް އާއި އޭގެ ޖަޖުންނާ މެދު ޒާތީ މައްސަލައެއް ނެތް ކަމަށެވެ. ބޮޑަށް މިހާރު ސޮބާ ހިތްހަމަނުޖެހިފައި ހުރީ އޭނާ ދިން ކޮމެންޓްތަކަކަށް ހަދައިގެން ނޫހަކުން ފެތުރި ވާހަކައަކާ ގުޅިގެން އަމާޒުވެފައިވާ ހުތުރު ފާޑުކިޔުންތަކާ ހެދި އެވެ.
"މިހާރު އެގޮތަށް އެމީހުން އެ ވާހަކަ ޖެހުމުން އަޅުގަނޑާ ދިމާލަށް ވަރަށް ހަޑިކޮށް މީހުން އެބަހުރި ރައްދު ދީފައި ވެސް. އެއީ އެއްވެސް އެއްޗެއް ނޭނގޭ މީހަކަށް، މިއުޒިކް ނޭނގޭ މީހަކަށް އަޅުގަނޑު ހެދިޔަސް މި ރާއްޖޭގައި އުފެއްދި މިއުޒިކްގެ ތެރެއިން ގިނަ މިއުޒިކް އުފެއްދުމުގެ ޝަރަފް ލިބިގެން އަޅުގަނޑަށް ވަނީ 2013 ގައި ހިތްވަރު ދިނުމުގެ އިނާމް ލިބުނީ ވެސް،" ސޮބާ ބުންޏެވެ.
"މާނައަކީ 50 ޕަސެންޓަށް ވުރެ ގިނަ ވާނީ އަޅުގަނޑު އުފެއްދި ލަވަތައްކަން އަޅުގަނޑު ޔަގީންކޮށްދޭނަން އަޅުގަނޑު ގާތަށް އަންނަ ފަރާތަކަށް."
މީގެއިތުރުން އޭނާ ބުނީ މިއުޒިކްގައި އޭނާ އަށް ނުލިބޭ ކާމިޔާބީއެއް ރާއްޖޭގައި ނެތް ކަމަށާއި އޭނާ އަށް ފާޑުކިޔާ ފަރާތްތަކަށް އެކަން އަންގައިދޭން ބޭނުންވާ ކަމަށެވެ. އަދި އޭނާއާ އަޅާކިޔާލެވޭނެ ދެ ވަނަ މީހަކު ހުރި ނަމަ އެ މީހަކު ނުކުތުމަށް ވެސް ގޮވާލި އެވެ.
"މިއުޒިކް ކުޅެގެން ލިބެން ޖެހޭ ހުރިހާ އެވޯޑް ހަމައެކަނި ކާމިޔާބުކޮށްފައި ވާނީ ހުސެއިން ސޮބާހް. އެއީ ހިތްވަރު ދިނުމުގެ އިނާމް. އާފަތިސް އެވޯޑް. އެންމެ މޮޅު އަމިއްލަ ރާގު އެވޯޑް. ފިލްމު އެވޯޑް. އެންމެ މޮޅު މަދަހަ ރާގު އެވޯޑް. މިހެން ގޮސް ހުރިހާ އެވޯޑެއް ހުންނާނެ،" ސޮބާ ބުންޏެވެ.
"އަޅުގަނޑަކީ އެއްޗެއް ނޭނގޭ މީހަކަށް ހަދައިގެން އާންމުން އެގޮތަށް ވާހަކަ ދައްކާތީ ބުނެލަން ބޭނުންވޭ އަޅުގަނޑަކީ [މިއުޒިކް ކުޅެގެން] މި ރާއްޖޭގައި ލިބެން ހުރި ހުރިހާ ކާމިޔާބީއެއް ލިބިފައި ހުރި މީހެކޭ. އަޅުގަނޑާ އަޅުވާކިޔާނެ އެހެން މީހަކު ހުރިއްޔާ އެމީހެއްގެ ނަން ލިޔެފައި ފާޅުކޮށްލާ އަޅުގަނޑާ އެއްވަރުތޯ ބަލާލަން."
މިހުރިހައި ވާހަކައެއް ދައްކައި ނިމުނީމަ އެންމެ ފަހު ސުވާލަކަށް ކޮށްލެވުނީ، މޯލްޑިވިއަން އައިޑޮލްގައި ޖަޖުކަން ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ މިހާރު އެތިބަތިން ޖަޖުންނަށް ވުރެ މޮޅަށް އެކަން ސޮބާ އަށް ކުރެވިދާނެތޯއާ ބެހޭ ގޮތުންނެވެ. ތިރީގައި މިއޮތީ އޭނާ ދިން ޖަވާބެވެ.
"އެމީހަކު އަމިއްލަ އަށް އެމީހެއްގެ ފޮނި ވާހަކަ ދެއްކުމަކީ އެހާ ރަނގަޅުކަމެއް ނޫން. އެކަމަކު އަޅުގަނޑު ޖަޖުކަން ކުރިން ބޮޑުބެރު ޗެލެންޖުގައި ލައިވްކޮށް ކޮމެންޓްސް ދޭ ތަނެއްގައި. ފޮތުގަ ޖަހައިގެން ފޮރުވައިގެނެއް ނޫން. އެ މުބާރާތް ނިމިގެން ދިޔައީ 25 ބޮޑުބެރު ގްރޫޕްގެ މެދުގައި މައްސަލައެއް ދިމާނުވެ. އެއީ އަޅުގަނޑުގެ ޖަޖުކުރުން."
"އިތުރަށް އެއްޗެއް ބުނާކަށް ވެސް ބޭނުމެއް ނޫން."