ވިލާ ގްރޫޕް

ވިލާ ފައުންޑޭޝަނުން ނަރުހުންނަށް ސްކޮލަޝިޕް ސްކީމެއް ތައާރަފުކޮށްފި

ވިލާ ގްރޫޕްގެ ސީއެސްއާރު ގޮފި ކަމަށްވާ ވިލާ ފައުންޑޭޝަނުން ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާއި ގުޅިގެން ނަރުހުންނަށް ހާއްސަކޮށްގެން އާ ސްކޮލަޝިޕް ސްކީމެއް ތައާރަފްކޮށްފި އެވެ.

ވިލާ ފައުންޑޭޝަނުން ބުނި ގޮތުގައި މި ސްކީމް ރަސްމީކޮށް ފަށާނީ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހަށް އަމާޒުކޮށް މިމަހުގެ 12 ވަނަ ދުވަހު އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީ ގޮތުން ނަރުހުން ހިދުމަތް ދޭން ފެށީ މީގެ 75 އަހަރު ކުރިންނެވެ.

ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ހަމީދު ވިދާޅުވީ ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާއި ގުޅިގެން މި ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ނަރުހުންނަކީ ސިއްހީ ނިޒާމުގެ މުހިންމު ބައެއް، އަދި އަޅުގަނޑުމެންގެ މުޖުތަމައުގައި ނަރުހުންގެ ދައުރަކީ ނުހަނު މުހިއްމު ދައުރެއް. މި ސްކޮލަޝިޕް ސްކީމުގެ ސަބަބުން ނަރުސްކަން ކިޔަވަން ބޭނުންވާ ދަރިވަރުނަށް އު ފުރުސަތު ފަހިވެ ރާއްޖޭގެ ސިއްހީ ދާއިރާއަށް އަގުހުރި މަސައްކަތެއް ކޮށްދެވޭނެ ކަމަށް އުންމީދު ކުރަން،" މުހައްމަދު ހަމީދު ވިދާޅުވި އެވެ.

ވިލާ ފައުންޑޭޝަނުން ބުނި ގޮތުގައި ނަރުހުންނަކީ ސިއްހީ ދާއިރާއަށް މެދުކެނޑުމެއްނެތި މިންނެތް މަސައްކަތް ކުރަމުން އަންނަ ބައެކެވެ.

ހޮސްޕިޓާ އަދި ކްލިނިކްތަކުގައި ބަލިމީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި އެތަކެއް ގަޑިއިރު ހިދުމަތުގައި ނަރުހުން ތިބޭއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޑޮކްޓަރުންނާއެކު އެންމެ ކުރީ ސަފުގައި ނަރުހުން މަސައްކަތްކޮށްފައިވާކަން ވިލާ ފައުންޑޭޝަނުން ފާހަގަކުރެ އެވެ.

ވިލާ ފައުންޑޭޝަނާ ގުޅިގެން މި ސްކޮލަޝިޕް ސްކީމް ތައާރަފު ކުރުމަކީ ލިބޭ އުފަލެއް ކަމަށް ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޝިފާނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ނަރުހުންގެ ތައުލީމަށް އިންވެސްޓްކުރުމަކީ ރާއްޖޭގައި ސިއްޙީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއް،" މަރިޔަމް ޝިފާނާ ވިދާޅުވި އެވެ.

ވިލާ ފައުންޑޭޝަނުން ނަރުހުން ކުރާ މަސައްކަތް ފާހަގަކޮށް ރާއްޖޭގައި ދެން އަންނަ ޖީލުގެ ނަރުހުންނަށް އެހީތެރިވުމުގެ ގޮތުން މި ސްކޮލަޝިޕް ސްކީމް ތައާރަފު ކުރުމަކީ ފަހުރުވެރިވާ ކަމެއްކަމަށް މަރިޔަމް ޝިފާނާ ވިދާޅުވި އެވެ.

މި ސްކީމްގެ ދަށުން ވިލާ ކޮލެޖުގައި ޑިޕްލޮމާ އިން ނާސިން ކޯސް ހަދަމުންދާ ދަރިވަރުންނަށް އަހަރަކު ތިން ސްކޮލަޝިޕް ލިބޭއިރު، އަންހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ދެ ސްކޮލަޝިޕް އަދި ފިރިހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން އެއް ސްކޮލަޝިޕް ލިބޭނެ އެވެ.

ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާ (އެމްއެންއޭ) އަކީ ރާއްޖޭގައި ނަރުހުންގެ ދާއިރާއަށް އެއްބާރުލުންދީ ކުރިއެރުވުމަށް މަސައްކަތްކުރާ އެންމެ މަތީ ފަންތީގެ އެއް ޖަމިއްޔާއެވެ.

ނަރުހުންގެ ސްކޮލާޝިޕްގެ އިތުރު މައުލޫމާތު ހޯދުމަށް ވައިބާ، ވަޓްސް އެޕް، ޓެލެގްރާމް ނުވަތަ އެސްއެމްއެސް ގެ ޒަރިއްޔާއިން 7547887 އަށް ގުޅުއްވުމުން ލިބޭނެ އެވެ. ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއިން ފާހަގަ ކުރާ ގޮތުގައި މިއީ ނަރުހުންގެ ޖަމިއްޔާގެ އިރުޝާދުގެ މަތިން ނަރުސްކަން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ.