ހަބަރު

މޯލްޑިވްސް ރިސާޗާއެކު ދިރާސާ މަސައްކަތްތައް ކުރަން ވިލާއިން ސޮއިކޮށްފި

ދިރާސާކުރުމުގެ ދާއިރާ އިން ގުޅިގެން މަސައްކަތްތަކެއް ކުރުމަށް މޯލްޑިވްސް ރިސާޗާ އެކު ވިލާ ކޮލެޖުން މިއަދު ސޮއިކޮށްފި އެވެ.

ވިލާ ކޮލެޖްގެ ކިޔުއައި ކެމްޕަސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖާއި މޯލްޑިވްސް ރިސާޗްގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުމުގެ އިތުރުން މޯލްޑިވްސް ރިސާޗާއި އޭޑީކޭގެ ދެމެދުގައި އެއްބަސްވުމެއް އަދި އެ ތަނާއި ވިލާ ފައުންޑޭޝަނާ މެދުގައި ސްޕޮންސާޝިޕްގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މޯލްޑިވްސް ރިސާޗަކީ އިނގިރޭސި ވިލާތުގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާ އެކެވެ.

މި އެއްބަސްވުންތަކަކީ ރާއްޖޭގެ އިޖުތިމާއީ ތަފާތު ދާއިރާތަކުގައި ދިރާސާކޮށް އާ ހޯދުންތަކަށް މަގުފަހި ކުރުމުގައި އެއްބާރުލުން އިތުރު ކުރުމަށާއި ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން ވިލާ ކޮލެޖާއި ވިލާއި ފައުންޑޭޝަންގެ އިތުރުން އޭޑީކޭއާއި މޯލްޑިވްސް ރިސާޗާ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކެކެވެ.

ވިލާކޮލެޖާއި މޯލްޑިވްސް ރިސާޗްގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ އިޖްތިމާއީ ތަފާތު ދާއިރާތަކުގައި އިލްމީ ދިރާސާ ކުރުމުގެ މަސައްކަތް ދެ ފަރާތުން ވިލަރެސްކޮށްގެން ކުރިއަށް ގެންދިއުމާއި ދިރާސާގެ މަސައްކަތުގައި ފަންނީ ގޮތުން އެއްބާރުލުން ދިނުމާއި، ދިރާސާގެ ދާއިރާއިން ތަމްރީނާއި ތަޖްރިބާ ހިއްސާކުރުމަށް އެއްބަސްވެފައިވެ އެވެ.

ވިލާ ކޮލެޖާއި، ވިލާ ފައުންޑޭޝަން، މޯލްޑިވްސް ރިސާޗް އަދި އޭޑީކޭ ހޮސްޕިޓަލްގެ އުންމީދަކީ ދިވެހިރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާނެފަދަ މުހިންމު އަދި ބޭނުންތެރި ދިރާސާތަކަކަށް، މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުން މަގުފަހިވެގެން ދިޔުން ކަމަށް އެ ތަންތަނުން މިއަދު ބުންޏެވެ.