ކްރިމިނަލް ކޯޓް

ވަގު ޑޮލަރަށް ފޯނެއް ގަތް މީހަކު ޖޫރިމަނާކޮށް، މުޖުތަމައުގެ ހިދުމަތަށް

އައިފޯނެއް ގަންނަން ވަގު ޑޮލަރުތަކެއް ދިން މީހަކު ޖޫރިމަނާކޮށް އަދި މުޖުތަމައަށް ހިދުމަތްކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އައިފޯނު 14 ޕްރޯ މެކްސްއެއް ގަންނަން 100 ޑޮލަރުގެ 15 ވަގު ނޫޓު ދިން މައްސަލައިގައި ދައުލަތުން އުފުލި ދައުވާއަށް އެ މީހާ ވަނީ ކޯޓުގައި އިއުތިރާފުވެފަ އެވެ.

މި މައްސަލައިގައި ކޯޓުން ހުކުމްކުރީ އޭނާ ތަންޒީރުކުރަންޖެހޭ ނުވަ މަހާއި 12 ދުވަހުގެ ޖަލު އަދަބުގެ ތެރެއިން ހަ މަހާއި 12 ދުވަހުގެ އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމަށެވެ. އަދި ބާކީ އޮތް ތިން މަހުގެ އަދަބު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބަކަށެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާ 38،400 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އިއްޔެއިން ފެށިގެން ހަ މަސް ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށާއި 480 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރުމަށް ހުކުމްކޮށްފަ އެވެ.