އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ކެމްޕޭން މެނޭޖަރަކަށް އިޔާދު

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އަދާލަތު ޕާޓީން ކުރަންޖެހޭ މަސައްކަތްތަކުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި -- ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި އެ ޕާޓީގެ ނައިބް ރައީސް މުހައްމަދު އިޔާދު ހަމީދު އައްޔަންކޮށްފި އެވެ.

އަދާލަތު ޕާޓީން ނިންމާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަނެއް ހަދައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށެވެ.

އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ ކެމްޕޭން މެނޭޖަރަކަށް އެ ޕާޓީގެ ނައިބް ރައީސް އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމަޖެއްސީ ޕާޓީގެ މަޝްވަރާ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.

ރިޔާސީ އިންތިހާބުގެ މަސައްކަތްތަކުގައި އަދާލަތު ޕާޓީން ކުރަންޖެހޭ މަސައްކަތްތަކުގައި އިސްކޮށް މަސައްކަތް ކުރާނެ 13 ބޭފުޅުންގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމިޓީއެއް ވެސް އެ ޕާޓީން ވަނީ އެކުލަވާލާފަ އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި އަދާލަތު ޕާޓީ މިހާރުވެސް ހިމެނޭއިރު ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލް ކުރާނެ އެއްވެސް މެންބަރަކު ނެތެވެ.

ރިޔާސީ އިންތިހާބު އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ.