ފިނިޕޭޖް

ރޮބަޓް ޑި ނީރޯއަށް 79 އަހަރުގައި ހަތްވަނަ ދަރި ލިބިއްޖެ

ދެ އޮސްކާ އާއި އެތައް އެވޯޑެއް ލިބިފައިވާ ލެޖެންޑަރީ އެކްޓަރު ރޮބަޓް ޑި ނީރޯ އަށް އުމުރުން 79 އަހަރުގައި ހަތްވަނަ ދަރި ލިބިއްޖެ އެވެ.

ރޮބަޓް މި ވާހަކަ ހާމަކުރީ އީޓީ ކެނެޑާއަށް އަރާފަ އެވެ. އެ ޝޯގައި އިންޓަވިއުކުރި މީހާ ރޮބަޓްގެ ހަ ދަރިންނާ ބެހޭގޮތުން ސުވާލުކުރުމުން، ރޮބަޓް އޭނާގެ ހަތްވަނަ ދަރި ލިބިއްޖެ ކަމަށް ބުނެ، ރަނގަޅުކޮށްދިނެވެ.

ހަތަރު ކާފަ ދަރިން ހުންނަ ރޮބަޓްގެ އެންމެ ފަހު ފިލްމް "އަބައުޓް މައި ފާދާ"ގެ ނިއު ޔޯކް ޕްރީމިއާގައި އެކްސްޓްރާ އަށް ދިން އިންޓަވިއުއެއްގައި 79 އަހަރުގައި ދަރިއަކު ލިބުނަސް އެކަމަށް ތައްޔާރުކަމާއި އެއީ އެއްވެސް އުމުރެއްގައި ފަސޭހަ ކަމެއް ނޫން ކަމުގައި ރޮބަޓް ބުންޏެވެ.

ރޮބަޓް ބުނީ އޭނާ އަކީ ކޫލް ބައްޕައެއް ނޫން ކަމަށާއި އޯކޭ ބައްޕައެއް ކަމަށެވެ. ބައެއް ފަހަރު ކަންކަމުގައި ދަރިން އޭނާއާ ދެބަސްވީނަމަވެސް އިހްތިރާމް ކުރާ ކަމަށެވެ. އަދި ބައެއް ކަންކަމުގައި ހަރުކަށިވީ ނަމަވެސް އެއީ އެހާ ކުރާ ހިތްވާ ކަމެއް ނޫން ކަމަށް ރޮބަޓް ބުންޏެވެ.

ރޮބަޓްގެ ހަތްވަނަ ދަރިފުޅުގެ މަންމައަކީ ކާކުން ހާމަކޮށްފައިނުވި ނަމަވެސް، ގިނަ މީހުން ލަފާކުރަނީ އެއީ މާޝަލް އާޓްސް އިންސްޓްރަކްޓަރެއް ކަމުގައިވާ ޓިފަނީ ޗެން ކަމަށެވެ. ރޮބަޓް އާއި ޓިފަނީ 2018 އިން ފެށިގެން އެއްކޮށް ގިނަ ތަންތަނުން ފެނި، ދެމީހުން ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް އަޑު އަރާފައިވީ ނަމަވެސް، އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ރޮބަޓް އަދި ޓިފަނީ ވެސް ބުނެފައެއް ނުވެ އެވެ.

ރޮބަޓްގެ ފުރަތަމަ އަނބިމީހާ ޑިއާން އެބޮޓްއާ ކައިވެނި ކުރީ 1976 ގައެވެ. އަދި ޑިއާނާގެ ފުރަތަމަ ދަރިފުޅު ޑްރޭނާ ރޮބަޓް އެޑޮޕްޓްކޮށްފައިވާއިރު، މި ދެމަފިރިންނަށް ފިރިހެން ކުއްޖެއް ކަމަށްވާ ރަފައެލް ވެސް ލިބިފައިވެ އެވެ. 1988 ގައި ޑިއާނާއާ ވަކިވެ، 1996 އާ ހަމައަށް ޓޫކީ ސްމިތްއާ ލޯބީގެ ގޮތުން ގުޅުނެވެ. މި ދުވަސްވަރުގައި މި ދެ ލޯބިވެރިންނަށް ޓްވިސްން ޖޫލިއަން އާއި އާރޮން ލިބިފައިވެ އެވެ. 1997 ގައި ރޮބަޓް އާއި ހައިޓަވާއާ ކައިވެނި ކުރި އެވެ. މައްސަލަތައް ކުރިމަތިވެ، އެއްފަހަރު ދުރުވީނަމަވެސް މި ކައިވެނި 20 އަހަރަށް ވުރެ ގިނަ ދުވަހަށް ދެމެހެއްޓުނެވެ. މި ކައިވެންޏަށް އެލިއަޓް އާއި ހެލަން ގްރޭސް ލިބިފައިވެ އެވެ.