( 9 މެއި 2023 އާ ގުޅޭ )
ކުއްލިއަކަށް ދޮރޯށި މީހަކު ހުޅުވާލިއެވެ. ސިއްސައިގެން ގޮސް ޚިޔާލުގެ ލޯގަނޑު ފުނޑުފުނޑުވިއެވެ. އަވަސްއަވަހަށް އަހަރެން ބަލާލީމެވެ. އަދި ފަހަތަށް ދެތިންހަތަރު ފިޔަވަޅު އަޅާލީމެވެ. ނުހަނު ބޮޑަށް އަހަރެން ހާސްވިއެވެ. އެކަނި ހުއްޓާ ގެއަށް ފިރިހެނަކު ވަންނަން ދިމާކުރީމައެވެ. އޭނާގެ ނަޒަރު ވެސް ހުރީ އަހަރެންނަށް ހުއްޓިފައެވެ.
"ކީއްވީ." ދޮރޯށިން ވަންނަން ދިމާކުރި ޒުވާނާގެ ފަހަތުން އެހެން ފިރިހެނެއްގެ އަޑު އިވުނެވެ.
އަހަރެންނެކޭ އެއްފަދައިން އެ ޒުވާނާ ވެސް ފެންނަނީ ހައިރާންކަމެއްގައި ވާތީއެވެ. އާމީކަޓްއޭ މިކިޔާ ވަށްޓަފާޅިއަށް ކުރުކުރެވިފައިވާ އިސްތަށުގަނޑު އޮމާންކުރެވިފައި ހުރިގޮތުން އޭނާގެ ނިތްކުރި އިތުރަށް ފުޅާވެ ތަނަވަސްކަމަށް ދައްކައެވެ. ފިރިހެންވަންތަ ދެ ބުމައިގެ ހިޔަލުގައި އޭނާގެ ދެ ލޯ ކުޑަކޮށްލައިގެން ބަލަން ހުރިއިރު ނިތަށް ހިސާބަކަށް ރޫގިނަވެފައިވިއެވެ. އެ ދިގު މޫނާ ގުޅޭ ފަދަ ދިގު ނޭފަތެކެވެ. ކަތުރުކަށިގަނޑު ފާޅުވެލައި ދަތްދޮޅިއަށް ހިމަވެލާފައިވާ ގޮތުން ރީތިކަން އިތުރުވެއެވެ. އަސްކަނިން ފައިބަމުން ދިޔަ ވާރޭ ފެނުން އޭނާގެ ކަނާއަތްފަރާތް ތެމެމުން ދިޔައެވެ. މުލައްދަނޑި ފެންނަވަރަށް އޮޅާލާފައި އޮތް އަޅިކުލައިގެ އަތްދިގު ގަމީސް ވަނީ ކަޅުފަޓުލޫނުގެ ދަށަށް ޖަހައި ބެގީ ކުރެވިފައެވެ. އަރާފައި ހުރި ކަޅުކުލައިގެ ކެޝުއަލް ބޫޓުގެ ރީތިކަމާއި ހަސަދަވެ ހަމަލާދެމުން ދިޔައީ ފެނާއެކުވެ ބުރައިގެން އަންނަ ވެލިތަކެވެ. ނިތްކުރިމަތިން ފެން އޮހެން ފެށުމުން އޭނާ ކަނާއަތް ހިއްލާލައި ފުހެލުމާއެކު ކުރިޔަށް ޖެހިލައި ދޮރޯށި ބޮޑަށް ހުޅުވާލިއެވެ. އޭނާގެ ފަހަތުގައި ހުރި ދެބައިއުމުރަށްވުރެ މައްޗަށް ގޮސްފައިވާ ފިރިހެން މީހާ އަހަރެންނަށް ފެނުނީ ދެނެއެވެ. އެމީހާއަށް ވެސް ގޭތެރެއިން ދޮރާ ދިމާގައި ހުރި އަހަރެން ފެނި އަޖައިބުވެ ހިސާބަކަށް ހުއްޓުންއެރިކަން އެނގެއެވެ. ނަމަވެސް ވާރޭގައި ނުހުންނަން އޭނާ ހަލުވިކޮށް އައިސް ގޭތެރެއަށް ވަނެވެ. އަހަރެން އެއަށްވުރެ ބާރު ހިނގުމެއްގައި ސޯފާތަކާއި ކައިރިއަށް އަތުވެއްޖައީމެވެ. އޭރު ދޮރޯށި ލައްޕާފައި އެއްކަލަ ޒުވާނާ ވެސް އައިސް ގެއަށް ވަދެއްޖެއެވެ. އޭގެ ދެ މީހުން ވެސް ތިބީ ދަބަހެއް ހިފައިގެންކަން އަހަރެންނަށް ރެއަކާލީ ދެނެވެ.
"ކޮންކުއްޖެއްތީ؟. ސީރަތާއި އިތުމީނާ ކޮބާ؟. އެކަކުވެސް ނެތީތަ؟." ދުވަސްވީ މީހާ އަހަރެންނަށް ބަލަން ހުރެ ސުވާލު ކުރިއެވެ.
ދޭނެ ޖަވާބެއް އަހަންނަކަށް ނުވިސްނުނެވެ. އެކަކުވެސް ގޭގައި ނެތޭ ބުނަންވެދާނެބާއޭ ހިތަށް އެރިއެވެ. އެ ދެ މީހުންނަކީ ކޮންބައެއްކަން އަހަރެންނަށް އެނގެނީއެއް ނޫނެވެ. ވީއިރު އެ މީހުން ކުރާ ސުވާލަކަށް ތެދުބަހުން ޖަވާބު ދިނުން ބުއްދިވެރިކަމަކަށް ނުވާނޭ އަހަރެންގެ ޟަމީރު ވެސް އެއްބަސްވެއެވެ.
"ކާކުތީ؟. މިގޭގަ ކީއްކުރަނީ؟." ނިކަން ހަރުކަށި އަޑަކުން އެއްކަލަ ޒުވާނާ ސުވާލުކުރިއެވެ. އަދި އަހަންނާ ދިމާއަށް އޭނާ އައެވެ.
ކަންބޮޑުވެ ހާސްވެގެން އަހަރެންނަށް ވަށައިގެން ހޯދާލެވުނެވެ. ސޯފާތަކުގެ މެދުގައި ހުރި ކޮފީމޭޒުމަތީ އޮތް ޓީވީގެ ދިގު ރިމޯޓު ފެނުނެވެ. އެދިމާއަށް ޖެހިލި ގޮތަށް ރިމޯޓު އަތަށް ހެޔޮވަރުކޮށްލީމެވެ. އަހަރެންގެ ހަރަކާތްތައް ފެނި އެތަނުގައި ހުރި ދުވަސްވީ މީހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ކަލޭތީ ކާކު؟." ވަރަށް ކެރޭ މީހަކަށް ހެދި އަހަރެން ވެސް އެ ޒުވާނާއަށް ސުވާލުކޮށްލީމެވެ. އަދި ކައިރިއަށް ނާންނާށޭ ދޭހަވާނޭހެން އޭނާއަށް ދިމާއަށް ރިމޯޓު ދިއްކޮށްލީމެވެ. ކައިރިވެއްޖެއްޔާ އެއިން ޖަހާނަމޭ ހިތުގައި އޮތެވެ. އަހަރެންނަށް އަނިޔާއެއް ލިބުމުގެ ކުރީން އުމުރަށް ނުފިލާވަރުގެ ޒަޚަމެއް އެ ރީތި މޫނުގައި ލައްވާލަން އަހަރެން ހުރީ ނިންމައިގެން ވަރުގަދަ އަޒުމެއްގައެވެ. ނިކަން ކައިރިއަށް އާދެބަލާށެވެ.
"ހޫދު." ދުވަސްވީމީހާ ގޮވާލިއެވެ. އެއާއެކު އެ ޒުވާނާ އެނބުރި އޭނާއަށް ބަލާލިއެވެ. އެމީހާ ދެފަރާތަށް ބޯހޫރާލުމުން އެ ޒުވާނާ ދުރަށް ޖެހިލިއެވެ. އެހެންނަމަވެސް އޭނާގެ ނަޒަރު އަހަރެންގެ ބޮލުންފެށިގެން ތިރިއަށް ދަތުރުކޮށްލި ގޮތް އަހަރެން ދުށީމެވެ. ދަތްކުނޑިވިކާލެވުނީ ބޭއިޚްތިޔާރުގައެވެ. މަޑުކުރުމެއްނެތި އޭނާ ކޮޓަރިތަކާ ދިމާއަށް ދިޔައެވެ. އެދިމާއަށް އަހަރެން ބަލާލަންވާއިރަށް އަހަރެންގެ ސަމާލުކަން އަތުލީ ސިޓިންރޫމުގައި ހުރި ދެންހުރި މީހާއެވެ.
"އަހަރެން މީ ބަޝީރު. މީ އަހަރެންގެ ގެ." އުމުރުން ދުވަސްވީމީހާ އަހަރެންނާ ކުރިމަތިލައިގެން ހުރެ ވާހަކަދެއްކިއެވެ. ބަޝީރޭ ބުނާއިރަށް އަހަރެންނަށް އެއީ ކޮންބައެއްކަން އެނގިއްޖެއެވެ.
"އިތޫގެ ބައްޕަ ދޯ." އަހަރެން ނިކަން އަވަހަށް ބުނީމެވެ. އެއާއެކު އޭނާ ބޯޖަހާލައިފިއެވެ.
"އަޅުގަނޑަކީ އާނިޔާ. އިތޫގެ ރައްޓެހިކުއްޖެއް. އިތޫއާއެކީ މި ރަށަށް އައީ. މިވަގުތު ގޭގައި އެކަކުވެސް ނެތް. ސީރަތުމެން ގޭ ކުއްޖަކު ގުޅައިގެން ވާހިދު ދޮންބެއާ ދެ މީހުން ދިޔަތާ އަދި ގިނައިރެއްނުވޭ. އިތޫ ވީ ޒަފަރުމެންގެއަށް ގޮސް. އެކަމަކު މިހާރު އަންނަން އުޅޭނެހެން ހީވަނީ. ވާރޭގައި ޖެހިގެން ކަންނޭނގެ ލަސްވަނީ." އިތޫގެ ބައްޕައަށް ވީތީ އިޚްތިރާމާއެކީ އަހަރެން ވާހަކަދެއްކީމެވެ. އެވަގުތު އަހަރެން އެކަނި ހުންނަން ޖެހުނީ ކީއްވެކަން އޮޅުންފިލުވާ ދިނީމެވެ. އަދި ނޭނގުމުގައި ކުރީން ދެއްކުނު ބީރެއްޓެހިކަމާއި ހަރުކަށިކަމަށް އަހަރެން އިނީ ކުޑަކޮށް ލަދުގެންފައެވެ.
"އެހެންތަ. ބައްޕަ ވެސް ހަނދާންމިވީ ތިހެން ބުނީމަ. ވާހިދާ ވާހަކަދެއްކި އިރު އޭނާ ތިޔަކަހަލަ ވާހަކައެއް ކުރީން ދުވަހު ދެއްކި." އިތޫގެ ބައްޕަ ބުންޏެވެ.
"އިތޫ ބައްޕަ އެއްޗެއް ބޭނުންތަ؟. ހޫނު ސައިތަށްޓެއް ނޫނީ ކޮފީއެއް ގެނެސްދެންތަ؟." އަހަރެންގެ އަމިއްލަ ގެއަށް ނުވިޔަސް އަހަރެންގެ މަންމައާއި ބައްޕަ ވަނީ އަދަބު އަޚްލާޤު އަހަންނަށް ދަސްކޮށްދީފައެވެ. އުމުރުން ދުވަސްވީ މީހުންނަށް ހެޔޮކޮށް ހިތުމާއި އެމީހުންނަށް މެހެމާންދާރީ އަދާކުރާނޭ ގޮތް އުނގަންނައިދީފައެވެ. އިތޫ ބައްޕައަށް ވިއްޔާ ވާނީ ކީއްހެއްޔެވެ. އޭނާ ހުރިނަމަ އޭނާ ވެސް އެ ބައްޕައަށް ޚިދުމަތްކޮށްދިނުމަށް އަވަސްވެގަންނާނެކަން ޔަގީނެވެ. މިވަގުތު އިތޫ ނެތަނަސް އަހަރެންނަކީ ވެސް އަންހެން ދަރިއެކެވެ.
"އިތޫ އަންނަންދެން ބައްޕަ މަޑުކޮށްލާނީ." ބަޝީރު ބުންޏެވެ. އެ ބައްޕައަށް އަހަރެން ލައްވާ އެވަރުގެ ކުޑަ މަސައްކަތެއް ކުރުވާން ވެސް ނުކެރުނީކަން އަހަރެން ދެނެގަތީމެވެ.
"އިތޫހެން މިވެސް އަންހެން ދަރިއެއް. ބައްޕަ ބޭނުންވާ އެއްޗެއް ބުނުއްވާ. ކޮފީތަ ނޫނީ ސައިތަ؟. އަޅުގަނޑު އަތުން ހަދާ އެއްޗެއް ނުބައެއްނުވާނެ." ކުޑަކޮށް ހިނިއައިސްފައި އަހަރެން ބުނެލީމެވެ. އިތޫ ބައްޕަ ހީނލާފައި ނިކަން ހޫނުކޮށް ފޮނިމަޑުކޮށް ކިރުކޮފީތަށްޓެއް ހަދައިގެން ގެނެސްދޭށޭ ބުންޏެވެ. ބޯޖަހާލާފައި އަހަރެން ތެދުވެގެން އައީ ބަދިގެއަށެވެ.
ސީރަތާއި އިތޫއާއެކު ހެނދުނުގެ ސައި ތައްޔާރު ކުރުމުގައި ބަދިގޭގައި އަހަރެން ވެސް އުޅޭތީ އެއްޗެހި ހުރި ތަންތަން ނޭނގިގެން އުޅޭކަށް ނުޖެހުނެވެ. ފެންކައްކާ ޖަގަށް ފެންއަޅައި ކަރަންޓަށް ޖައްސާފައި އަހަރެން ކޮފީފުޅި ނެގީމެވެ. ހަވީރު ސައިބޯން އަހަރެމެން އެޅީ އޯޓްސް ކުޅިބޯކިބާއެކެވެ. އެއިން އެތިކޮޅެއް ވެސް ވަތުތަށްޓަކަށް ލީ ކޮފީއާއެކު ގެންގޮސްދިނުމަށެވެ. ފެންޖަގު ކެކުމުން އަހަރެން ކޮފީ ގިރަން ފެށީމެވެ. ކުޑަހޫނު ފެންކޮޅެއް އަޅައިގެން ސަމްސަލުން ގަށަން ހުރީ ކޮފީއިން ފޮނުއަރާވަރަށް ގިރާލަން ގަސްތުކޮށްގެންނެވެ. ބަދިގޭ ދޮރުމަތީ މީހަކު ހުރިހެން ހީވެ އަހަރެން ބަލާލީމެވެ. ދެ އަތް އުރާލައިގެން ދޮރުކަނީގައި ލެނގިލައިގެން ހުރީ ހޫދުއެވެ. އޭނާ ތެމުނީމާ ކަންނޭނގެއެވެ. އިހު ލައިގެން ހުރި އެއްޗެހި ބަދަލުކޮށް މިހާރު ހުރީ ނޫކުލައިގެ ޓީޝަޓާއި ޖިންސެއްގައެވެ. ދޮރުކަނީގައި ލެނގިލައިގެން ސީރިއަސްކަންވީ ބެލުމަކުން އަހަރެންނަށް ބަލަން އޭނާ ހަމަ ހުރީއެވެ. ޔަގީނުން ވެސް އޭނާ އައިތާ އަދި ގިނައިރެއްނުވާނެކަން އަހަނަށް އެނގެއެވެ.
"ސޮރީ. ނޭނގުނީ އިތޫ ބޭބެކަން." އޭނާއަށް ބަލަން ހުރެ އަހަރެން ބުނެލީމެވެ. އެއާއެކު އޭނާ ހަރަކާތެއް ވެސް ގެނެސްނުލައި ހޫން ލައްވާލީއެވެ. އަހަރެންނަށް އެއީ އިތޫގެ ކުޑަބެކަން ޔަގީންވީ ބަޝީރަކީ އިތޫގެ ބައްޕަކަން އެނގުނު ހިސާބުންނެވެ. ބައްޕައާއެކީ ކުޑަބެ އަންނާނެއޭ އިތޫ ކައިރީ ރޭގައި ވާހިދު ބުނި ހަނދާންވީ ވެސް ދެނެވެ.
"ކޮފީއެއް ބޭނުމީތަ؟." ދުރަށް ނުގޮސް ހޫދު ހުންނަން ފެށުމުން އަހަރެން އަނެއްކާ ވެސް ވާހަކަދެއްކީމެވެ. އޭނާ ލަސް ފިޔަވަޅު ތަކުގައި އައިސް އަހަރެން ހުރި ހިސާބުގައި މަޑުކޮށްލިއެވެ. ދެ އަތް ފުރަގަހަށް ލައި ތިރީކަބަޑު ސެޓުގެ މަތީ ހިފަހައްޓާލައިގެން ހުރެ އަހަރެން ގިރަމުންދިޔަ ޖޯޑަށް ބޯއަރިކޮށް އޭނާ ބަލާލިއެވެ. އަހަރެންގެ ނޭފަތުގައި ޖެހުނު މަސްތުކުރުވާ ފަދަ ފިރިހެން ވަހެކެވެ. ހިއްސުތައް ހިމޭންވެލި ކަހަލައެވެ. ނަމަވެސް އެ ހިމޭންކަން ފޫދުއްވާލީ ހޫދުއެވެ.
"ތިކަހަލަ ކޮފީއެއް އަހަރެން ބޮއެއް ނޫޅެން." ހޫދު ބުންޏެވެ. އޭނާގެ އަޑުގައި މަލާމާތުގެ ރާގުވާކަން ޔަގީނެވެ.
"ދެން ކޮންކަހަލަ ކޮފީއެއް ތިއަރުތެރެއިން ދިރެނީ. ރަނާއި ޖަވާހިރުގެ ކޮފީތަ؟." ގަޔާނުވެގެން އަހަރެންނަށް ދެބުމަގޮށްޖަހާލެވުމާއެކު ބުނެލީމެވެ. ނަމަވެސް ހޫދުގެ މޫނުން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. ނަމަވެސް އޭނާގެ ބެލުމުގައިވާ ފަރުވާތެރިކަން އަހަރެންނަށް ފާހަގަވިއެވެ. އަހަރެންގެ މުށިކުލައިގެ ކަޅި ލިބިފައިވާ ދެ ލޮލުން ނޭފަތާއި ތުންފަތަށް އޭނާގެ ކަޅި ދަތުރުކުރިތަން ފެނުމުން ކުއްލިއަކަށް ނޭނގޭބާރު މިނެއްގައި ހިތްއަވަސްވެގެން އައެވެ. ވަގުތުން މޫނު އަނބުރާލީ އޭނާއަށް ނުބަލާންވެގެންނެވެ. އިހުނަށްވުރެ ބޮޑަށް އަހަންނަށް މޫނުކުނިކޮށްލެވުނެވެ. އިތޫއާއި ވާހިދު ދޮންބެގެ މިޒާޖެއްގެ ވެރިއަކަށް ހޫދު ވެސް ވާނޭ އަހަރެން ހީކުރީމެވެ. ނަމަވެސް އެ ހީކުރުމަކީ ހަޤީޤަތެއްނޫންކަން ޔަގީން މިވީ ހޫދުއާ ބައްދަލުވީމައެވެ.
ކޮފީ ތައްޔާރުކޮށްގެން އަހަރެން އަވަސްއަވަހަށް ކާމޭޒު ކައިރިޔަށް އައީމެވެ. އަދި ކޮފީޖޯޑާއެކު ބޯކިބާކޮޅު ލާފައިވާ ތަށި ހިފައިގެން ބަދިގެއިން އަހަރެން ނުކުތީމެވެ.
"ކޮބާ އަހަރެންގެ ކޮފީ." ދޮރުން ނުކުމެނުކުމެއް ހުއްޓާ ހޫދު ބުނި އަޑު އަހަންނަށް އިވުނެވެ. ނަމަވެސް އަހަރެން އެ އަޑު ނީވޭ ކަމަށް ހެދީ ގަސްދުގައެވެ.
ސިޓިންރޫމު ސޯފާގައި އިތޫގެ ބައްޕަ އިނެވެ. އަހަރެން ފެންނައިރަށް ހިނިތުންވެލައިފިއެވެ. ކޮފީޖޯޑާއި ބޯކިބާތަށި ގެނެސް މޭޒުމަތީ ބަހައްޓާލަ ދީފައި އަހަރެން ވެސް އިށީނީއެވެ. ބޭރު ދޮރާށި ހުޅުވާލައި ދުވަމުން އައިސް ގޭތެރެއަށް ވަންތަން ފެނުނީ އިތޫއެވެ. އޭނާގެ ފަހަތުން ޒަފަރު ވެސް ވަނެވެ.
"ބައްޕާ. ކޮންއިރަކުން އައީ؟. މިރޭ ކަމަކަށް ހީކޮށްގެން މިހުންނަނީ." އިތޫއަށް ބައްޕަ ފެންނައިރަށް އޭނާއާއެކު ހުރި ޒަފަރުގެ މަތިން ވެސް ހަނދާންނެތް ފަދައެވެ. އުފާވެރިކަމުގެ ފުޅާ ހިނިތުންވުމަކާއެކު ނިކަން ހަލުވިކޮށް އޭނާ އަހަރެމެންގެ ކައިރިޔަށް އަތުވެއްޖެއެވެ.
"އަޅެ ވާހިދު ދޮންބެ ވެސް ބައްޕަ އައިކަން ބުނެނުލާ." އިތޫ ޝަކުވާކޮށްލިއެވެ.
"ދޮންބެއެއްވެސް ނެތޭ ބައްޕަ އައިއިރު. އެހެންނޫނަސް ބައްޕައާ ބައްދަލުކުރާން ކުއްޖަކު ގޭގައި ބަހައްޓާފައެއްނު ދަރިފުޅުމެން އެންމެން ދިޔައީ." އިތޫގެ ބައްޕަ އަހަންނަށް ބަލާލިއެވެ.
"ބައްޕައާ އާނައާ ބައްދަލުވެއްޖެ ދޯ. އާނަ އެކަނިތަ ގޭގަ ހުރީ. ކީއްވެ އަހަރެންނަށް ނުގުޅީ. ވާރޭގައި ޖެހިގެން ނާދެވިފައި ހުންނަތާ ކިތަންމެ އިރެއް. ހުއްޓާނުލާނޭ ހީވާތީ އެންމެން ފަހުން މިއައީ." އަހަރެންގެ ކައިރީ އިށީންނަމުން އިތޫ ވާހަކަދެއްކިއެވެ.
އިތޫގެ ބައްޕަ ޒަފަރަށް ގޮވާލައި އަހަރެމެންނާއެކީ އިށީންނަން އަންނާށޭ ބުނެލިއެވެ. ބައްޕަ ފެނުމުން އިތޫގެ އަނގަ ވަކިން ގަދަވިއެވެ. އޭނާގެ ކުޑަބެ ވެސް ބައްޕައާއެކީ އައިކަން އެނގުމާއެކު އިންތާ އިނދެ ހޫދަށް ގޮވަންފެށިއެވެ. އަހަރެން އިނީ ނުބަލަން ނިޔަތް ގަނެގެންނެވެ. ނަމަވެސް އިތޫ އަހަރެންގެ އަތުގައި ހިފައި ތަޅުވައިގަނެފައި ހޫދު ދެއްކިއެވެ. ސޯފާތައް ކައިރީ ކޮޅަށް ހޫދު ހުއްޓެވެ.
"ކުޑަބެ... މީ އަހަރެންގެ ބެސްޓީ އާނިޔާ. އެންޑް އާނަ... މީ މި ފެމެލީގެ މިސްޓަރ ޕާފެކްޓް." މިހެން ބުނެ އިތޫ ހީނގަތެވެ. މިފަހަރު އަހަރެން ހޫދުއަށް ހިނިތުންވުމެއް ދޭކަށް މަސައްކަތެއް ނުކުރަމެވެ. އޭނާގެ ފަރާތުން އިޝާރާތެއްވޭތޯ އިނީއެވެ. ނަމަވެސް އޭނާ އިތޫއަށް ބޯޖަހާލާފައި ޖިންސުގެ އަރިމަތީ ޖީބުން ފޯނު ނަގައިގެން ހިނގައިގަތީ މައިދޮރާ ދިމާއަށެވެ. އިޙްތިޔާރަކާއި ނުލާ ނަމަވެސް އަހަރެންނަށް ތުންފިއްތާލެވުނެވެ. އެހާ ބޮޑާކަން ލިބިފައިވާ މީހަކު "މިސްޓަރ ޕާފެކްޓް"އަށް ވާނީ ކޮންގޮތަކުން ހެއްޔޭ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނެވެ. އަންހެން ކުދީންނެކޭ އެއްފަދައިން ފިރިހެނުން ވެސް ރީތި ސިފައެއް ލިބުނީމާ ހިތް އޮންނަނީ އަރާ އާސްމާނުގައޭ ހިތަށް އެރިއެވެ. ހޫދަށް ވެސް ވާރުތަކޮށްގެން އެ އުޅެނީ އެކަހަލަ ބަލިމަޑުކަމެއްކަން ޔަގީނެވެ. މީހާއަށް މީހާ ފެނިފައި ހުރީއެވެ.
* * * * *
ރޭގަނޑު ނުވައެއް ޖަހައިފިއެވެ. ކައިނިމިގެން އިތޫގެ ކޮޓަރިއަށް އައިސް މަންމައާ ފޯނުން ގުޅައިގެން ވާހަކަދައްކަން އިންދާ ފަޒީލުގެ ކޯލު އަހަންނަށް އަންނަންފެށިއެވެ. އެހެންވެ ހެނދުނުން މަންމައަށް ގުޅާނަން ކަމަށް ބުނެ އެ ކޯލު ކުރުކޮށްލާފައި ފަޒީލަށް ގުޅީމެވެ.
"އާނިޔާ. ފަޒީލޭ." ކޯލު ނެގި ގޮތަށް ފަޒީލު ބުންޏެވެ.
"އެނގޭ. ކިހިނެއްވީ؟." އަހަރެން ބުނީމެވެ.
"ގެސްޓްހައުސްއަށް ނިދަން އަންނާނެތޯ ބަލަންވެގެން. ކިހިނެއްތޯ އެކޮޅަށްދާނީ ވެސް އަހާލަން." ފަޒީލު ބުންޏެވެ. އަހަރެންގެ ސިކުނޑިން ކައްސާލާފައި އޮތްކަމެއް ފަޒީލު ހަނދާންކޮށްދިން ކަހަލައެވެ. ގެސްޓްހައުސް އިން ކޮޓަރި ނެގީ އިތޫމެން ގޭގައި ނުހުންނަން ވެގެންނެވެ. އެކަން އޮންނަންވާނީ އެގޮތަށްކަން އަހަރެން ޤަބޫލުކުރީމެވެ.
"ރޫމަށް ނިދަން ދާނީ. މަޑުކޮށްލައްޗޭ އިތޫ ކައިރީ އަހަރެން އަހާލާނަން. އެކަމަކު މިހާ ވިއްސާރައިން ވާހިދު ދޮންބެމެން މީހަކަށް އަހަރެން އެހިސާބަށް ގެންދިއުން ދަތިވާނެ ދޯ. މިގޭގައި ކާރެއް ވެސް ނެތް. މި ވާރޭގައި ސައިކަލުގައި ކިހިނެއް ދާނީ." އަހަރެންނަށް ބުނެވުނެވެ.
"އަހަރެން ބަލާދާންވެގެންނޭ މިގުޅީ. އެކަމަކު އެގާރައިގެ ކުރީން މަށަށް ދެވޭނީ. އެހެންވެ އަސްލު މިގުޅީ." ފަޒީލު ބުންޏެވެ.
"އޯކޭ. އާދޭ... އައިސްފަ ގުޅާ. އަހަރެން ނުކުންނާނަން." ފަޒީލު ކައިރީ އަހަރެން މިހެންބުނެ ކޯލު ނިންމާލީމެވެ.
ވާރޭ ވެހޭތީ ފަޒީލު އަހަރެން ބަލާއައުންވީ އިތޫ ވެސް އެންމެ ހިތްހަމަޖެހުނު ގޮތަށެވެ. ދިހަގަޑި ބަޔަށްވުރެ ބޮޑުވެފައި ހުއްޓާ ފަޒީލު އަހަންނަށް ގުޅިއެވެ. އަހަރެންނާއެކީ ދޮރާ ހަމައަށް އިތޫ އައެވެ. ހެނދުނު ހޭލާފައި ގުޅައްޗޭ ކިޔާ އޭނާ ވާހަކަދެއްކިއެވެ. ފައިވާނަށް ވެލި އެޅިފައި ހުރުމުން ފައިވަން ނަގައި ދޮރުން ބޭރަށް ދެފައިވަން ކިބަ ތަޅާލީމެވެ. އަދި ބޭރުގައި ފައިވަން ބަހައްޓާލައި ނުކުމެ ފައިކޮށްޕާލީމެވެ. ހިނގައިގަންނަން އުޅެފައި މަޑުޖެހިލީ ފެންގަނޑަކަށް އެރެން ޖެހިދާނެތީ ހިތަށް އަރާފައެވެ. ގުދުވެލައި ޖިންސުގެ ފައިކުރި އޮޅާލީމެވެ. ހިންދެމިލަން ދޮރުކަންޏާ ދިމާއަށް އަތްދަމާލި ވަގުތު ޖެހުނީ މީހެއްގެ ގައިގައެވެ. އިތޫގެ ގަޔަކުނޫންކަން ޖެހުނީ އަހަރެންނަށް އެނގެއެވެ. ސިއްސައިގެން ގޮސް އަތްދަމައިގަންނަން އުޅުނީ އެހެންވެއެވެ. ނަމަވެސް އެމީހަކު އަހަރެން ދަމާލި އަތުގެ ކުޑަހުޅާ ހިސާބުގައި ހިފާލީ ހުސިޔާރުވެ ހުރި ފަދައިންނެވެ. ކުރިމަތީ ހުރީ ހޫދުއެވެ. އޭނާ އަހަރެންގެ އަތުގައި ހިފަހައްޓާލި ގޮތުން އަހަރެންގެ އަތްތިލަ ހުރީ އޭނާގެ ބަނޑާއި މެޔާއި ދެމެދުގައި ޖެހިފައެވެ. އަހަރެންނަށް ހުރެވުނީ ދެ ލޯ ބޮޑުކޮށްލައިގެން ބަލާށެވެ. ކައިރީގައި އިތޫ ނެތީ ކީއްވެބާއޭ ހިތަށް އެރިއެވެ.
"ދަނީތަ؟ ކޮންތާކަށް؟." ހޫދު އަހާލިއެވެ.
(ނުނިމޭ)