އާރްޑީސީ

އާރްޑީސީގެ ތާރު މެޝިން ހުޅުމާލޭގައި ބަހައްޓައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫއުތަކުގައި ބޭނުންކުރުމަށް ގެނައި ތާރު މެޝިން ހުޅުމާލޭގައި ބަހައްޓައިފި އެވެ.

އާރްޑީސީގެ ތާރު މެޝިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމެއްގައި ބަހައްޓާފައި މިވަނީ މާލެ އިން އެކަމަށް ބިމެއް ނުލިބުމުންނެވެ.

ތާރު މެޝިނާ ގުޅިގެން އާރްޑީސީގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.

ތާރު އަޅާ މެޝިނެއް އާރްޑީސީން ރާއްޖެ ގެނެސްފައި މިވަނީ ތާރު އަޅައިގެން ހެދުމަށް ހަމަޖެހިފައިވާ އަމީނީ މަގުގައި ތާރުއެޅުން ލަސްވެ އާންމުންގެ ޝަކުވާ ވަރަށް ބޮޑު ވެފައި ވަނިކޮށެވެ.

އަމީނީ މަގުގައި ތާރުއަޅާފައިވާ ބައިގައި ތާރު އަޅާފައިވާ އެމްޓީސީސީގެ މެޝިނެއް ބޭނުންކޮށްގެން އެ ކުންފުނިންނެވެ.

އަމީނީ މަގުގައި ތާރު އެޅުމަށް މިހާރު ތައްޔާރުވަމުން ދަނީ ސްޓެލްކޯ އާއި ބިލަބޮންގް ސްކޫލާ ދެމެދުގަ އެވެ.

މާލޭގެ އަމީނީ މަގު ހަދަން ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި 3، 2022ގައި 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދިނީ ހަތް މަސް ދުވަހެވެ. ނަމަވެސް ކުރިން ކަނޑައެޅި ތާރީހަށް މަސައްކަތް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަމީނީ މަގުގެ މަސައްކަތް މިހާރު ނިމޭނެ ކަމަށް ބެލެވެނީ މިއަހަރުގެ ސެޕްޓެމްބަރުގަ އެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގު ބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މަޝްރޫއުގައި ހިމެނެ އެވެ. އަދި އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް އާރްޑީސީން ބުންޏެވެ.