ފިނިޕޭޖް

ދަ ކްރައުޑަޑް ރޫމްގައި ގައިން ހީބިނަގައިގެންދާ ފަދަ މަންޒަރުތަކެއް

މާވެލް ސިނަމެޓިކް ޔުނިވާސްގައި ސްޕައިޑަމޭންގެ ރޯލު އަދާކުރަމުންދާ ޓޮމް ހޮލެންޑްގެ އާ ޕްރޮޖެކްޓްގައި ތަފާތު ރޯލަކުން ފެނިގެންދާނެ އެވެ.

އެޕަލް ޕްލަސްގެ "ދަ ކްރައުޑަޑް ރޫމް" އަކީ ގައިން ހީބިނަގައިގެންދާނެ ފަދަ ސައިކޮލޮޖިކަލް ތްރިލާ އެކެވެ. މިއީ ބިލީ މިލިގަން ހިމެނޭ ހަގީގީ ހާދިސާއަކަށް ޑެނިއަލް ކީޒް ލިޔެފައިވާ ނޮން-ފިކްޝަން ވާހަކައިން އިންސްޕަޔާ ވެފައިވާ ސީރީޒެކެވެ.

މި ސީރީޒްގެ ފުރަތަމަ ޓްރޭލާއިން ފެންނަނީ ޓޮމް 26 އަހަރުގެ ޑެނީ ސަލިވަންގެ ރޯލު އަދާކުރާ ތަނެވެ. 1979 ގައި ނިއު ޔޯކްގައި ހިނގި ބަޑީގެ ހަމަލާއަކާ ގުޅިގެން ޑެނީ ހައްޔަރުކުރެ އެވެ. ޑިޓެކްޓިވް ރިޔާ ގުޑްވިން، ޑެނީ އިންޓަރަގޭޓް ކުރަމުންދާއިރު، ޑެނީގެ އާދަޔާ ހިލާފު މާޒީ އެނގިގެންދެ އެވެ. އަދި އެޔާއެކު ޑެނީގެ ފުރާނަ ސަލާމަތްކޮށްދިން އާދަޔާ ހިލާފު މީހެއްގެ ވާހަކަވެސް އެނގިގެންދެ އެވެ.

ޑެނީ، އޭނާގެ ނަސީބު ރަނގަޅުކަމުން މީހަކު އޭނާ ސަލާމަތްކުރި ކަމަށް ބުނުމުން ރިޔާގެ ސުވާލަކީ ޑެނީއަކީ ނަސީބު ރަނގަޅު މީހެއްތޯ އެވެ. ޑެނީއާ ދެކޮޅަށް ބައިވަރު ހެކިތައް ލިބިފައިވާ ކަމަށް އެހެން ޑިޓެކްޓިވުންނަށް ފެނުނު ނަމަވެސް ރިޔާ ދެކެނީ ޑެނީ އަކީ މައުސޫމު މީހެއް ކަމަށެވެ.

"ދަ ކްރައުޑަޑް ރޫމް" ގައި ރިޔާ ގުޑްވިންގެ ރޯލް އަދާކުރަނީ އެމެންޑާ ސޭފްރީޑް އެވެ. މީގެ އިތުރުން އެމީ ރޮސަމް، ޖޭސަން އައިސާކްސް، ސާޝާ ލޭން، ވިލް ޗޭސް، ކްރިސްޓޮފާ އެބޮޓް، ހެންރީ އައިކެންބެރީ އަދި އެމާ ލެއާޑް ވެސް މި ސީރީޒްގައި ހިމެނެ އެވެ. މި ސީރީޒްގައި ލީޑް ރޯލެއް އަދާކުރުމުގެ އިތުރުން ޓޮމްއަކީ މި ސީރީޒްގެ އެގްޒެކްޓިވް ޕްރޮޑިއުސަރެވެ.

މި ސީރީޒްގެ 10 އެޕިސޯޑްގެ ތެރެއިން ފުރަތަމަ ތިން އެޕިސޯޑް ޖޫން 9 ގައި ދައްކާނެ އެވެ. އަދި އޭގެ ފަހުން ޖުލައި 28އާ ހަމައަށް ކޮންމެ ހުކުރު ދުވަހަކު އެޕިސޯޑެއް ދައްކާނެ އެވެ.