އެމްޓީޑީސީ

އެމްޓީޑީސީން މިއަހަރުވެސް ހިއްސާއަކަށް 60 ލާރި ބަހަނީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ ފާއިދާއިން ހިއްސާއަކަށް 60 ލާރި ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.

އެމްޓީޑީސީގެ ބޯޑުން ނިންމާފައިވަނީ ހިއްސާ އަކަށް 60 ލާރީގެ ރޭޓުން ޖުމްލަ 20 މިލިއަން ރުފިޔާ ބެހުމަށެވެ. ނަމަވެސް ބޯޑުގެ ނިންމުމާ އެއްގޮތަށް ހިއްސާގެ ފައިދާ ބެހޭނީ އެމްޓީޑީސީގެ އާންމު ޖަލްސާ އިން ފާސްކުރުމުންނެވެ. އެމްޓީޑީސީން މިދިޔަ އަހަރުވެސް ބެހީ ހިއްސާ އަކަށް 60 ލާރި އެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 38.7 މިލިއަން ރުފިޔާ އެމްޓީޑީސީ އަށް ލިބިފައިވެ އެވެ. ނަމަވެސް 2021 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 180 މިލިއަން ރުފިޔާ ލިބުނެވެ.

މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އޭގެ ކުރީ އަހަރުގެ ސާފު ފައިދާއަށް ވުރެ ދަށްވީ އެމްޓީޑީސީން ލީޒްކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތަކަށް ގެނެވުނު ބަދަލުތަކަކާ ގުޅިގެންނެވެ.

އެމްޓީޑީސީން 2020 ވަނަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް ބަހާފައިވަނީ 50 ލާރި އެވެ. އެއީ 11 ފަހުން އެ ކުންފުނިން ހިއްސާގެ ފައިދާ ބަހަން ނިންމި ފުރަތަމަ ފަހަރެވެ.

އެމްޓީޑީސީ އަށް މިހާރު އާމްދަނީ ލިބޭ މައިގަނޑު ދެ ވަސީލަތަކީ އެ ކުންފުނީގެ އަޔާދާ މޯލްޑިވްސް އާއި އަނަންތާރާ ވިލާ އެވެ.

ހިއްސާދާރުންނަށް ޖަވާބ ދެއްވަމުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ އެ ކުންފުނިން ގެންދަނީ ހިއްސާދާރުންނަށް ލިބޭ ފައިދާ އިތުރުކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރަމުން ކަމަށާއި ފައިދާ އިތުރުކުރުމުގެ ގޮތުން ކުންފުނީގެ މުދާ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްޓީޑީސީ އަށް ލިބޭ ފައިދާ އިތުރުކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ ހުޅުމާލެ އިން 7،000 އަކަފޫޓުގެ ބިމެއް ގަނެއް އެތަނުގައި އޮފީސް އިމާރާތެއް އެޅުމަށްފަހު އެ ކުންފުނީގެ އޮފީސް އެ އިމާރާތަށް ބަދަލުކޮށް ބާކީ ހުންނަ ފްލޯތައް ކުއްޔަށް ދީގެން އާމްދަނީ އިތުރުކުރަން ވެސް ނިންމާފަ އެވެ.

އެމްޓީޑީސީން އުފެއްދީ އާންމު ރައްޔިތުންގެ ބައިވެރިވުން ޓޫރިޒަމްގައި އިތުރުކުރަން ނަމަވެސް އެ ކުންފުނި އުފެއްދި މަގުސަދާ އެއްގޮތަށް ކުންފުނި ނުހިނގާ އޮތުމަށްފަހު މިދިޔަ ހަތަރު އަހަރު ވަނީ އެމްޓީޑީސީ އަށް ފައިދާ ވާން ފަށާފަ އެވެ.