އެމްއެންޑީއެފް

ދެ މީހުންނާ އެކު ދަރަވަންދޫއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ގެއްލިގެން ހޯދަނީ

May 11, 2023

ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ކ. ގާފަރަށް ގޮސް އެރަށުން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރަމުން ދިޔަ "ޖަންބޯ" ނަމަކަށް ކިޔާ ބޯޓެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްްއެންޑީއެފް އިން ބުނީ ގާފަރުން މިއަދު ހެނދުނު 10:40 ހާއިރު ފުރި ދޯނީގެ ހަބަރެއް އެންމެފަހުން ވެފައިވަނީ މިއަދު މެންދުރު 11:35 ހާއިރު އެވެ.

ޖަންބޯ ދޯންޏަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެކެވެ.

މި ދޯނި ގެއްލުނުއިރު ދެ މީހުން ދަތުރުކުރި ކަމަށް އެމްްއެންޑީއެފް އިން މައުލޫމާތު ދީފައިވެ އެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު 1:00 އާއި 1:30އާ ދެމެދުގެ ވަގުތެއްގައި މިދޯންޏާއި ވަައްތަރު ދޯންޏެއް ކަމަށް ލަފާ ކުރެވޭ ދޯންޏެއް ކާށިދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ހަ މޭލު ބޭރުން ފެނުނު ކަމަށް އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުން މިރޭގެ ވަގުތެއްގައި ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ޖަންބޯ ދޯނި ފުރިފަހުން ހަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު އިރުއޮއްސި 6:03 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށްވެސް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ.