އެމްއެންޑީއެފް

ގެއްލުނު ދެ މީހުން ފެނިއްޖެ، ބޯޓެއް ނުފެނޭ

ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ކ. ގާފަރަށް ގޮސް އެރަށުން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު "ޖަންބޯ" ބޯޓުގެ ފަޅުވެރިން ފެނިއްޖެ އެވެ.

ބޯޓު ގެއްލުނު އިރު އޭގައި ތިބީ ދެ މީހުންނެވެ.

އެމްއެންޑީއެފް އިން މިއަދު ހެނދުނު ބުނީ ދަތުކުރަމުން ދިޔަ ލޯންޗަކަށް ގެއްލުނު ދެ މީހުން ފެނިފައިވާ ކަމަށެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

މި ދެ މީހުން ދަތުރުކުރި ބޯޓަށްވީ ގޮތެއް އަދި އެނގިފައެއް ނުވެ އެވެ. ބޯޓު ފެނުނު ކަމަކަށް އެއްވެސް ފަރާތަކުން އަދި ބުނެފައެއް ނުވެ އެވެ.

އެމްްއެންޑީއެފް އިން ރޭގެ ވަގުތެއްގައި ބުނީ ގާފަރުން އިއްޔެ ހެނދުނު 10:40 ހާއިރު ފުރި ދޯނީގެ ހަބަރެއް އެންމެފަހުން ވެފައިވަނީ އިއްޔެ މެންދުރު 11:35 ހާއިރު އެވެ.

ޖަންބޯ ދޯންޏަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެކެވެ.

އެމްއެންޑީއެފް އިން ބުނީ އިއްޔެ މެންދުރުފަހު 1:00 އާއި 1:30އާ ދެމެދުގެ ވަގުތެއްގައި މިދޯންޏާއި ވަައްތަރު ދޯންޏެއް ކަމަށް ލަފާ ކުރެވޭ ދޯންޏެއް ކާށިދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ހަ މޭލު ބޭރުން ފެނުނު ކަމަށް އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުން ރޭގެ ވަގުތެއްގައި ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ޖަންބޯ ދޯނި ފުރިފަހުން ހަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓް ކުރީ އިއްޔެ އިރުއޮއްސި 6:03 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށްވެސް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ.