އަންގާރަ ދުވަހު އިޒްރޭލުން ފެއްޓި ހަމަލާތަކުގައި ފަލަސްތީނުގެ 33 މީހަކު މިހާތަނަށް ޝަހީދު ކޮށްލައިފި އެވެ.
ޝަހީދުކޮށްލި އާންމުންގެ ތެރޭގައި އަންހެނުންނާއި އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިން ހިމެނެ އެވެ.
މީގެއިތުރުން ހަމަލާތަކުގައި 110 މީހަކަށް އަނިޔާވެ ޒަހަމްވެފައިވެ އެވެ. މިހަމަލާތަކުގެ ބަދަލުގައި އިސްލާމިކް ޖިހާދުން ދިން ހަމަލާގައި އިޒްރޭލުގެ މައި ސިޓީއެއް ކަމުގައިވާ ރިހުވޫތުގައި އެކަކު މަރުވެ ދެ މީހަކު ޒަހަމްވެފައިވެ އެވެ.
މި ހަމަލާތައް ބަދަލުކުރަން ފަށާފައިވާތާ ހަތަރު ދުވަސް ވެފައިވާއިރު އޭގެ ތެރޭގައި އެތައް ކުޑަކުދިން ހިމެނޭއިރު އިސްލާމިކް ޖިހާދުގެ ގިނަ ލީޑަރުން ތަކެއްވެސް ހިމެނެ އެވެ.
އިސްލާމިކްޖިހާދުން ބުނެފައިވާ ގޮތުގައި އެ ޖަމާއަތުގެ ހަ ލީޑަރަކު މިހާތަނަށް ޝަހީދު ވެފައިވެ އެވެ. މީގެ ތެރޭގައި އެ ޖަމާއަތުގެ ވަރަށް އިސް ލީޑަރެއް ކަމުގައިވާ އިޔާދު އަލް ހަސަނީ އާއި އަހްމަދު އަބޫ ދީކާ، ރޮކެޓް ހަމަލަދޭ ޔުނިޓެއްގެ ކޮމާންޑަރުގެ ނައިބު އަދި އަލީ ގާލީ އެ ޔުނިޓުގެ ކޮމާންޑަރު ހިމެނެ އެވެ.
އިސްލާމިކް ޖިހާދުން އިތުރަށް ދީފާނެ ހަމަލާތަކަށް ތައްޔާރުވެ ތިބުމަށް އަދި ނަގަންޖެހިދާނެ ކޮންމެ ފިޔަވަޅަކަށް ތައްޔާރަށް ތިބުމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔުއާވް ގަލަންތް ވަނީ އަމުރުކޮށްފަ އެވެ.
"އަހަރެމެން އުއްމީދު ކުރަން މިހަމަލާތައް އަވަހަށް ނިމުމަށް. އެކަމަކު އަހަރެމެން ތާއީދުކުރަން ޝަހީދު ކޮށްލާފައިވާ މީހުންގެ ބަދަލު ހިފުމަށް،" ގާޒާގެ އައް ރިމާލް ޑިސްޓްރިކްޓް ގެ މައުމޫން ރާޒީ، 48 ބުނެފައިވެ އެވެ.
"އިޒްރޭލުން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ޖިހާދުގެ ލީޑަރަކު ޝަހީދުކޮށްލާފައި. އެއީ އެމީހުން އަމާންކަން ބޭނުން ނުވާތީ،" އޭނާ ބުނެފައިވެ އެވެ.
އިސްލާމިކް ޖިހާދުން ބުނެފައިވާ ގޮތުގައި އެޖަމާއަތުގެ ލީޑަރު މުހައްމަދު އަލް ހިންދީ ވަނީ ބުރާސްފަތި ދުވަހު ގާހިރާއަށް ސުލްހައިގެ ވާހަކަތައް ބޭއްވުމަށް ވަޑައިގެންފަ އެވެ.
މިސްރަކީ އަބަދުވެސް މި ހަނގުރާމަތަކުގައި ހިނގާ ހަމަނުޖެހުން ހުއްޓުވުމަށް މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަ އެންމެ މުހިއްމު އެއް ގައުމެވެ.
މިފަހަރުގެ މި ހަމަލާތައް ފެށިފައިވަނީ އިޒްރޭލުން އިސްލާމިކް ޖިހާދުގެ ތިން ލީޑަރަކު ރާވައިގެން ސިއްރިއްޔާތުގައި ޝަހީދު ކޮށްލުމާއި ގުޅިގެންނެވެ. މިއާއި ވިދިގެން ހުޅަނގު އައްސޭރީގައިވެސް ވަނީ ހަމަނުޖެހުންތައް އިތުރުވެފަ އެވެ.
އީޔޫ އާއި އދ އިންވެސް މިހަމަލާތައް ދެފަރާތުން ހުއްޓާލުމަށް މިހާތަނަށް ގޮވާލާފައިވެ އެވެ.
އެމެރިކާއިން މިހަމަލާތައް ހުއްޓާލުމަށް ނުގޮވައި ސިފަކޮށްފައިވަނީ ހިތާމައެއްގެ ގޮތުގަ އެވެ. އަދި އާންމުންނަށް ލިބޭގެއްލުން ވީހާވެސް ކުޑަކުރުމަށް ގޮވާލާފައިވެ އެވެ.