ދިރާގު

ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު

ސްކޭޓް މޯލްޑިވްސްގެ 2023 އަދި 2024ވަނަ އަހަރުގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި ޕާޓްނަޝިޕް މެދުވެރިކޮށް ދިރާގުން ސްކޭޓް މޯލްޑިވްސްއަށް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އެ އެސޯސިއޭޝަނުން މިހާރު ދަނީ ދެ ވަނަ އިންޓަނޭޝަނަލް ރޯލާ ސްކޭޓިން ޗެމްޕިއަންޝިޕް ބާއްވަމުންނެވެ. މިމަހުގެ 11 އިން މިއަދުގެ ނިޔަލަށް މާލެ އުސްފަސްގަނޑު އަދި ހުޅުމާލެ މުބާރާތް ސަރަހައްދުގައި ކުރިއަށްދާ މި ކުލަގަދަ އިވެންޓުގައި ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގެ ސްކޭޓަރުންވެސް ބައިވެރިވެ އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ބްރޭންޑް، ނާޔާ ޝަރީފު ވިދާޅުވީ ރޯލާ ސްކޭޓިން ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ޕްރޮމޯޓްކޮށް ކުރިއެރުވުމަށް އެއްބާރުލުން ދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި އެސޯސިއޭޝަންއާއި ގުޅިގެން މި ކުޅިވަރު ކުރިއަރުވައި އައު ޖީލެއްގެ ގައުމީ ފެންވަރުގެ އެތުލީޓުން ތައާރަފް ކުރުން،" ނާޔާ ޝަރީފް ވިދާޅުވި އެވެ.

ސްކޭޓް މޯލްޑިވްސްގެ ރައީސް މުހައްމަދު ހާނިމު ވިދާޅުވީ ޕާޓްނަޝިޕްގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމަށް ގިނަ ސްކޭޓަރުންތަކެއް ތަމްރީނުކޮށް ބިނާކުރުމަކީ އުންމީދެއް ކަމަށެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.