ކުށްކުރުން

މާލޭގައި އަނބިމީހާއަށް ބޮޑެތި އަނިޔާތަކެއް ކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި

މާލޭގައި އަނބިމީހާއަށް އަނިޔާ ކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 53 އަހަރުގެ ހުސައިން ސަޔެދު އަބްރާރް ހުސައިން ކިޔާ މީހެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.

ހުސައިން ސަޔެދުގެ މައްޗަށް ގެވެށި އަނިޔާއާއި މާރާމާރީއާއި ބިރުދެއްކުމާއި އިންޒާރު ދިން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ބަންދު އަމުރުގައިވާ ގޮތުން ހުސައިން ސަޔެދު އޭނާގެ އަންހެނުންނަށް އަނިޔާ ކުރީ އޭނާގެ ދެ ދޮން ދަރިންގެ ކުރިމަތީގަ އެވެ. އަދި އަނބިމީހާ ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމު ނެރުއްވި އަމުރުގައި އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްގެ ގޮތުގައި ދެ ކަމެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން އޭނާ ދީފައިވާ އަނިޔާތަކަށް ބަލާއިރު އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތުމާއި، އޭނާގެ މަގާމުގެ ހައިސިއްޔަތުން މަންޒަރު ފެނުނު ދެކުދިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުން ހިމެނެ އެވެ.

މާލޭގައި އަނބިމީހާއަށް އަނިޔާ ކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން މިމަހުގެ ތެރޭގައި ހާމަކޮށްފައެއް ނުވެ އެވެ.