ކުޅުދުއްފުށީ އެއާޕޯޓް

ކުޅުދުށްފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފަށަން ތައްޔާރުވެއްޖެ

ހދ. ކުޅުދުއްފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށްޓަކައި ލައިޓް ހަރުކޮށް ޓެސްޓް ފްލައިޓެއް ބާއްވައިފި އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވެރިކަމުން ވަޑައިގެންނެވީ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅައިދީ އެތަނަށް ޓެސްޓް ފްލައިޓް ޖައްސާފަ އެވެ. އެކަމަކު ކުޅުދުއްފުށްޓަށް ޝެޑިއުލް ދަތުރުތައް ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮގަސްޓް 9، 2019ގައެވެ.

ރޭގަނޑު ކުޅުދުއްފުށި އެއާޕޯޓަށް ދަތުރުތައް ނުބާއްވާތީ އެ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މޭޔަރާއި ބައެއް ރައްޔިތުންވެސް ދިޔައީ އެކަމާ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ.

ކުޅުދުއްފުށި އެއާޕޯޓް ހިންގާ ކުންފުނި -- ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށި އެއާޕޯޓްގައި ނައިޓް ލޭންޑިން ސިސްޓަމް މިހާރު ހަރުކޮށް މިދިޔަ ބުރާސްފަތި ދުވަހު ޓެސްޓް ފްލައިޓް ވެސް ޖައްސާފައިވާ ކަމަށެވެ.

ރޭގަނޑުގެ ދަތުރުތައް ފެށުމާ އެކު ކުޅުދުއްފުށި އެއާޕޯޓުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށާއި އޭރުން ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށާއި ތަފާތު ވިޔަފާރިތައް ކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކާއި ލުއިތައް ލިބޭނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން އެއާޕޯޓްތަކުގެ ތެރެއިން ކުޅުދުއްފުށި އެއާޕޯޓާ އެކު ރޭގަނޑު ދަތުރުތައް ކުރެވޭ އެއާޕޯޓްތަކުގެ އަދަދު މިހާރު ވަނީ ހަތަރަކަށް އިތުރުވެފަ އެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ފަރެސްމާތޮޑާ އެއާޕޯޓް އަދި ފުވައްމުލައް އެއަޕޯޓެވެ.