ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިމަހު 29ގައި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާންމު ޖަލްސާގެ ތާރީހް އިއުލާންކޮށްފި އެވެ.

މިޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިމަހުގެ 29 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ.

ބީއެމްއެލްގެ ހިއްސާދާރުންގެ ދަފްތަރުގައި މި މަހުގެ 21ގެ ނިޔަލަށް ރަޖިސްޓްރީ ކޮށްގެން ނޫނީ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

މި ޖަލްސާއަށް ހާޒިރުވެގެންނާއި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ މީޓިން މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިން ކޮށްވެސް ޖަލްސާގައި ބައިވެރިވެވޭނެ އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޕްރ-ީރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެ ރޭ 8:30ގެ ނިޔަލަށް އޮންނާނެ އެވެ.

އަހަރީ ޖަލްސާގައި މިދިޔަ ޖެނުއަރީ 10 ވަނަ ދުވަހު ބޭއްވި ބީއެމްއެލްގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މިދިޔަ އަހަރުގެ ބެލެންސް ޝީޓާއި، އާމްދަނީގެ ބަޔާނާއި، ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓަރުންގެ ރިޕޯޓާއި އަދި ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްކުރުން އޮންނާނެ އެވެ.

މީގެއިތުރުން މިއަހަރަށް އޮޑިޓަރެއް ހޮވައި އެ އޮޑިޓް ފާމުގެ ފީ ކަނޑައެޅުމާއި، ޑިރެކްޓަރުންގެ ބޯޑަށް ހޮވަންޖެހޭ ޑިރެކްޓަރުން ހޮވުމަށްފަހު ހިއްސާދާރުންނަށް ހިޔާލުފާޅުކުރަން ފުރުސަތު ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

ބީއެމްއެލް އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.63 ބިލިއަން ރުފިޔާ އެވެ.