ހަބަރު

ނަޝީދު ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ޗައިނާ

Jan 24, 2015
1

އަސްކަރީ ބޭސްއެއް ހަދަން ލ. އަތޮޅުން ޗައިނާއަށް ބިމެއް ދޭން އުޅޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މިރޭ ދޮގުކޮށްފި އެވެ. 

އެ އެމްބަސީން މިރޭ ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ބޭރުގެ އެއްވެސް ގައުމެއްގައި އަސްކަރީ ބޭސްއެއް އަޅަން ޗައިނާ އިން މިހާތަނަށް ނިންމާފައި ނެތް ކަމަށެވެ. އަދި ނަޝީދު ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ބަޔާނުގައި ބުނީ ޗައިނާއިން އެހެން ގައުމުތަކާއެކު ހާރިޖީ ގުޅުން ގާއިމް ކުރަނީ އަމާން ކަމާއި ތަރައްގީއަށް އިސްނަގައިގެން އެކަމުން ދެ ފަރާތްތައް ވެސް ފައިދާ ކުރަނިވި ގޮތަކަށް ކަމަށެވެ.

"ރާއްޖެއާ ޗައިނާއާ ދެމެދު މި އޮތް ގުޅުމުގެ އަސާސަކީ ވެސް މިއީ އެވެ. އަދި ޗައިނާގެ އަސްކަރީ ސިޔާސަތަކީ އެހެން ގައުމުތަކަށް ބުރަ ނުވާ އަމިއްލަ ސިޔާސަތެކެވެ،" ޗައިނާގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ މިފަހަކަށް އައިސް އިތުރަށް ބަދަހިވަމުން އަންނަ ރާއްޖެ – ޗައިނާ ގުޅުން އިތުރަށް ބަދަހި ކުރުމުގައި ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ވެސް މަސައްކަތްތަކެއް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުމުގެ ސަބަބުން ދެ ގައުމަށް ވެސް އޮތީ ފައިދާ ކަމަށް އެ ގައުމުން ބުންޏެވެ.

ދާދިފަހުން ރައީސް ނަޝީދު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ލ އަތޮޅުން ބޮޑު ބިމެއް ޗައިނާގެ އަސްކަރީ ބޭނުމަށް ދޫކުރުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެއީ އިންޑިއާ ކަނޑުގެ ސުލްހަޔަށް އޮތް ނުރައްކަލެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އޭގެ ބަދަލުގައި ޗައިނާއިން ރާއްޖެއަށް ދެ ބިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.