ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ފުރަތަމަ ޑިގްރީ އުސޫލަށް ހަރުކަށި ބަދަލުތަކެއް

ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމާ ގުޅޭ އުސޫލަށް ބަދަލުތަކެއް ގެނެސް ބައެއް ކަންކަން ހަރުކަށިކޮށްފި އެވެ.

ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ވައުދު ފުއްދެވުމުގެ ގޮތުން މި ޕްރޮގްރާމް ފެށީ ފެބްރުއަރީ 2019 އިން ފެށިގެންނެވެ.

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން މިމަހުގެ 10 ވަނަ ދުވަހު ގެޒެޓް ކުރި "ފުރަތަމަ ޑިގްރީ ސްކީމުގެ އުސޫލު"ގައިވާ ގޮތުން ފުރަތަމަ ޑިގްރީގައި ސަރުކާރުން ހަރަދުކޮށްގެން ކިޔަވާނަމަ ކޯސް ޑިފާކުރެވޭނީ 12 މަސް ދުވަހަށެވެ. އެއަށްވުރެ ފަސްކޮށްފިނަމަ ކޯސް ދޫކޮށްލީ ކަމަށް ނިންމާ ސަރުކާރުން ކުރި ހަރަދު އަނބުރާ ދައްކަން އަންގާނެ އެވެ. ކުރީގައި ދެ އަހަރު ދުވަހަށް ޑިފާ ކުރެވެ އެވެ.

އާ އުސޫލުގައިވާ ގޮތުން ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރަކު ކޯހުގައި ބައިވެރިވާތާ 18 މަސް ދުވަސް ފަހުން ކޯހުގެ ފައިސާ ހޯދުމަށް ހުށަހެޅި ނަމަވެސް މިއުސޫލުގައިވާ ގޮތުން ފައިސާ ދޫކުރަނީ ކޯހުގެ ބާކީ މުއްދަތަށެވެ. އަދި ފްރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ޕްލޭސްމަންޓް ލެޓާގައި ކޯސް ނިމެނޭ ކަމަށް ބުނާ ތާރީހަށް ކޯސް ނިންމާނުލެވިއްޖެނަމަ އެފަދަ ދަރިވަރުންނަށް އާ އުސޫލުގެ ދަށުން ކޯސް ނިންމަން ލިބޭނީ އިތުރަށް 18 މަސް ދުވަހެވެ. މިމުއްދަތު މިވަގުތު ފަހަނަ އަޅާފައިވާ ފްރަތަމަ ޑިގްރީގެ ދަރިވަރުންނަށް މި އުސޫލު ގެޒެޓް ކުރާ ދުވަހުން ފެށިގެން އެއް އަހަރުގެ މުއްދަތެއް ކޯސް ފުރިހަމަ ކުރުމަށް ލިބޭނެ އެވެ.

ފުރަތަމަ ޑިގްރީއަށް ހުށަހަޅާ ދަރިވަރުންގެ މައުލޫމާތު ފޯމު ފުރިހަމަނަމަ ކުރީގައި ތިން ދުވަސް ތެރޭގައި ޖަވާބު ދިން ނަމަވެސް އާ އުސޫލުގެ ދަށުން ޖަވާބު ދޭނީ 10 ދުވަސް ތެރޭގަ އެވެ.

މީގެއިތުރުން ފުރަތަމަ ޑިގްރީ ސްކީމުގެ އުސޫލުގައި ވަނީ ސަރުކާރުން ހަރަދުކޮށްގެން ޑިގްރީއަށް ކިޔަވާ ދަރިވަރަކު އަމަލުކުރާ ގޮތެއްގެ ސަބަބުން އެ ދަރިވަރުގެ ކޯހަށް ސަރުކާރު ކުރި ހަރަދު އަނބުރާ ދައްކަންޖެހޭ ހާލަތުގައި އަމަލުކުރަންޖެހޭ ގޮތްވެސް ހަރުކަށިކޮށްފަ އެވެ. މީގެތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ދަރިވަރުން ފައިސާ ދައްކަންޖެހޭ ބައެއް މުއްދަތުތައް ވަނީ ކުުރުކޮށްފަ އެވެ. އަދި ފައިސާ އަނުރާ ދައްކަންޖެހޭ ދަރިވަރަކު ފައިސާ ނުދައްކައިފިނަމަ ޝަރުއީ ފިޔަވަޅު އެޅޭނެ ގޮތްތަކެއް ވެސް އުސޫލުގައި ވަނީ ހިމަނާފަ އެވެ.