( 12 މެއި 2023 އާ ގުޅޭ )
އެމީހަކު އަހަރެން ދަމާލި އަތުގެ ކުޑަހުޅާ ހިސާބުގައި ހިފާލީ ހުސިޔާރުވެ ހުރި ފަދައިންނެވެ. ކުރިމަތީ ހުރީ ހޫދުއެވެ. އޭނާ އަހަރެންގެ އަތުގައި ހިފަހައްޓާލި ގޮތުން އަހަރެންގެ އަތްތިލަ ހުރީ އޭނާގެ ބަނޑާއި މެޔާއި ދެމެދުގައި ޖެހިފައެވެ. އަހަރެންނަށް ހުރެވުނީ ދެ ލޯ ބޮޑުކޮށްލައިގެން ބަލާށެވެ. ކައިރީގައި އިތޫ ނެތީ ކީއްވެބާއޭ ހިތަށް އެރިއެވެ.
"ދަނީތަ؟. ކޮންތާކަށް؟." ހޫދު އަހާލިއެވެ.
އަހަރެމެންގެ ނަޒަރު ހުރީ އެކަކުއަނެކަކަށް ހުއްޓިފައެވެ. އޭނާ ކުރި ސުވާލު އަޑު އިވުނެވެ. ނަމަވެސް އަހަރެން ހުރީ ވާހަކަދައްކަން އުނދަގޫވެފައެވެ. ހިތް އަވަސްވީވަރުންނެވެ. މަޑުމަޑުން އަތް ދަމައިގަންނަން ހަރަކާތްކޮށްލީމެވެ. އެއާއެކު އަހަރެންގެ އަތުގައި ވަށާލެވިފައިވި ހޫދުގެ އިނގިލިތައް ބާރުކޮށްލި ކަމުގެ އިޙްސާސް ކުރެވުނެވެ.
"އަތުން..." އަހަރެން ބުނަން އުޅުނީ އަތުން ދޫކޮށްލާށޭއެވެ. ނަމަވެސް އަނގައިގަ ބަސް އޮއްވާ ދުވަމުން ކަހަލަ ގޮތަކަށް އައި އިތޫގެ އަޑު އިވުނީއެވެ. ވަގުތުން އަހަރެންގެ އަތުން ހޫދު ދޫކޮށްލީ އެހެންވެއެވެ.
"އަހަރެން ހަނދާންނެތުނީ. މި ބަލާ މިދިޔައީ. މީ ޒަފަރު މަންމަ ދިން އެއްޗެހި. އެކޮޅުގައި ހުންނައިރު ކާލަން ރަނގަޅުވާނެ." އިތޫ އަހަރެންގެ އަތަށް ލައިދިނީ ކޮތަޅެކެވެ.
"ދަނީ. ހެނދުނުން ގުޅާނަން." އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.
ދޮރުމަތިން ހޫދު ދުރަކަށް ނުދިޔައެވެ. ނުވީތާކަށް ދޮރޯށި ދޮށަށް އަހަރެން ފޮނުވާލަން އިތޫ ނުކުތުމުން އޭނާ ވެސް ނުކުމެ ހުއްޓެވެ. ކާރު އޮތީ ގޭ ދޮރުމަތީގައި ކަހަލަ ގޮތަކަށެވެ. ވާރޭ ވެހޭތީ ފަޒީލު ވެސް އިނީ ކާރު ތެރޭގައެވެ. އަހަރެން އަވަހަށް ފަހަތު ދޮރުފަތް ހުޅުވާލައި ކާރަށް އެރީއެވެ. ވާހަކަތަކެއް ނުދައްކާ ފަޒީލު ވެސް ކާރު ދުއްވާލައިފިއެވެ.
"ކީއްވެ ކުރިޔަށް ނޭރީ." ފަޒީލު އަހާލިއެވެ.
"އަވަހަށް އަރަންވެގެން. ވާރޭ ވެހޭތީ." އަހަރެން ބުނީމެވެ. ފަޒީލު ހީނލީއެވެ.
"އަބްދުލް އެކޮޅުގައި އުޅޭނެ ދޯ." އަހަރެން ޔަގީންކޮށްލަން ބޭނުންވީއެވެ. މިއޮއް ވިއްސާރަ ރޭގައި އެ ބޮޑު ގެސްޓްހައުސްގައި އަހަރެން އެކަނިކަން ހުންނާނީ ހިތަށް އެރުމުން މޭގަނޑު ފިނިވާގޮތްވަނީއެވެ. ހިސާބަކަށް ޖެހިލުންވަނީ ނޭނގޭ ބިރުވެރިކަމެއް ހިތަށް ވެރިވާތީއެވެ. އެކަމަކު އަހަރެންގެ އެ އިޙްސާސްތައް އެހެން މީހަކަށް ދައްކާކަށް ބޭނުމެއްނޫނެވެ.
"އާން. ކިހިނެއްވީ؟. ކަމެއް ބޭނުމީތަ؟. ފިހާރައަކަށް ވަންނަން އާނިޔާ ބޭނުންތަ؟. އަދި ހުންނާނެ ފިހާރަތައް ހުޅުވާފައި." ފަޒީލު ބުންޏެވެ.
"ފަޒީލަށް އުނދަގޫނުވަންޏާ އަހަރެން ބޭނުން ފިހާރައަކަށް ވަދެލަން." އަހަރެން ބުނީމެވެ. ފަޒީލު ބޯޖަހާލާފައި އޭނާ ކާރުގެ މިސްރާބު ބަދަލުކޮށްލިއެވެ.
އަހަރެންނާއެކީ ފިހާރައަށް ފަޒީލު ވަނެވެ. ވިޔަފާރިކޮށްގެން އަހަރެން ނުކުތުމުން މިފަހަރު ފަޒީލު އެދުނީ ކާރުގެ ކުރިޔަށް އެރުމަށެވެ. އެހެންވެ އަހަރެން އިނީ ފަޒީލު ކައިރީ ކުރިޔަށް އަރައެވެ. އަހަރެމެންގެ ދަތުރަކީ ކުރު ދަތުރެއްނޫނެވެ. އަނެއްކޮޅުން ފަޒީލު ވެސް ކާރު ދުއްވަމުން ދިޔައީ އާދައިގެ ދުވެއްޔެއްގައެވެ. ބައެއް މަގުތައް ނިކަން އަނދިރިއެވެ. އެހެންވިޔަސް މަގުތައް ފަޒީލު ހޭނިފައިވާ ކަހަލައެވެ.
"ވާހަކައެއް އަހާލަންތަ؟." ވެރިވެފައި އޮތް ހިމޭންކަން ނައްތާލީ އަހަރެންނެވެ. ފަޒީލު ހޫން ލައްވާލިއެވެ.
"ކީއްވެ ފަޒީލުގެ ދޮންބެ ގެސްޓްހައުސްގައި ދިރިއުޅެނީ. އަނެއްކާ ފެމެލީއާ މައްސަލައެއް އުޅެނީތަ؟." އަހަރެން އަހާލީމެވެ.
"މައްސަލައެއް ނުޖެހޭ. އެތަން ބޮޑަށް ބަލަހައްޓާ މީހަކީ ދޮންބެ. އާނިޔާއަށް ވެސް ފެނިފައެއްނު ހުރީ އެތަނުގެ ބޮޑުކަން. މީހަކު ނުބަލަހައްޓަންޏާ ނިކަން އަވަހަށް ވީރާނާވޭ. އެހެންވެ ދޮންބެ އެތާ ދިރިއުޅެނީ. އަހަރެމެން ދެބެން ނޫނީ މަންމަގެ ނެތް. ކޮންމެވެސް ކުއްޖަކު މަންމަ ކައިރީ ހުންނަންވާނެއެއްނު." ފަޒީލު ބުންޏެވެ.
"ބައްޕަ." އަހަރެން މަޑުމަޑުން ކިޔާލީމެވެ. ބައްޕަގެ ވާހަކަ އެއްވެސް ފަހަރަކު ފަޒީލު ނުދައްކާތީއެވެ.
"ބައްޕަ..." ފަޒީލު އެހެން ބުނެލީ ކުރިމަތިން ފެންނަ މަގަށް ގެއްލި އިނދެއެވެ. އޭނާގެ ނިތަށް ހިސާބަކަށް ރޫގިނަވެލިއެވެ.
"އައި އޭމް ސޮރީ." އަހަރެން ބުނެލީމެވެ. ފަޒީލުގެ ބައްޕަވަނީ ނިޔާވެފައިކަމަށް އަހަރެން ހީކުރީމެވެ. އެ ވާހަކަދައްކަން އޭނާއަށް އުނދަގޫވީ އެހެންވެއޭ ހިތަށް އެރީއެވެ.
"އަހަރެން ނުބުންޏަސް އާނިޔާއަށް މިރަށު މީހުންގެ ތުންތުން މަތިން އެ ވާހަކަ ނީވޭކަމެއް މިހާރު ވެސް ނޭނގެ." އިރުކޮޅަކު ހިމޭންވެފައި އިނދެފައި ފަޒީލު ވާހަކަދެއްކިއެވެ.
"ކޮންވާހަކައެއް؟." އަހަރެން ހައިރާންވިއެވެ. އަނެއްކާ ފަޒީލުމެންގެ ގެސްޓްހައުސްއާ ގުޅިގެން ރަށުތެރޭގައި މީހުން ދައްކާ ވާހަކަ ހެއްޔެވެ. އިތޫގެ ފަރާތުން އަހަންނަށް އިވުނު ވާހަކަތަކަކީ އެއްވެސް ހެއްކެއްގެ މައްޗަށް ބުރަވެ މީހުން ދައްކާ ވާހަކަތަކެއްނޫނެވެ.
"އަހަރެންގެ ބައްޕަ ހުރީ ޖަލުގައި. އުމުރަށް ޖަލައްލާފައި... މި ރަށު މީހުން އެ ވާހަކަ އެކި ގޮތްގޮތަށް ދައްކާ. އެކަމެއް ހިނގިއިރު މަންމަ ބުނި އޭރު ދޮންބެއަށް ހަތް އަހަރޭ ވާނީ. ދޮންބެއަށްވުރެ 3 އަހަރު އަހަރެން ކުޑަވާނެ. އަހަރެން އެއްގޮތަކަށް ވެސް ހަނދާނެއް ނުހުރޭ. އަހަރެމެން އެހާ ކުޑަ... ދޮންބެ ވެސް ހިޔެއްނުވޭ ހަނދާން ހުންނަހެން. ބޮޑުވެގެން އައިއިރު އަހަރެމެންނަށް ވެސް އިވެނީ ރަށު މީހުން ދައްކާ ވާހަކަތައް.... އަހަރެންގެ ބައްޕަ... މީހަކު މެރީ... އެދުވަސްވަރު މުޅި ރާއްޖޭގެ ކޮންމެ ދިމާލަކުން ވިޔަސް ދެ މީހަކު އެއްވިއްޔާ ދައްކަމުން ދިޔައީ އެ ވާހަކަ ކަމަށްވަނީ. މަރަށްމަރު ނުހިފާތީ އޭރުއްސުރެ ޖަލަށްލީގޮތަށް ޖަލުގައި އެ ހުންނަނީ. އެކަމުގެ ސަބަބުން މަންމައަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބުނު. މިވަރުވެފައި މިތިބީ ބައްޕައަކާ ނުލާ. ތެދަށް ބުނަންޏާ މި ރަށު މީހުންގެ ހަސަދަވެރިކަން ވެސް ބޮޑީ. ޚާއްޞަކޮށް އަވަށްޓެރިންގެ ބަލާބޮޑު. ގައިމުވެސް އަހަރެމެން ހަރާން ދިރިއުޅުމެއްނޫން އުޅެނީ. ހަލާލު ގޮތުގައި މަސައްކަތްކޮށްގެން ދިރިއުޅުން އާބާދު ކުރަމުން އައީ. ކޮންމެ އަޅަކަށް ވެސް ރިޒްޤު ދެއްވާ ފަރާތަކީ ﷲ. އަހަރެމެންގެ ދިރިއުޅުން ތިޔާގިވެ ތަނަވަސްކަން އިތުރުވާތަން ފެނުމުން އެކަން ހަޖަމްނުވާ މީހުން ގިނަވީ. މަންމަ ރެޔާއި ދުވާލު ކުރާ ބުރަ މަސައްކަތެއް އެ މީހުންނަކަށް ނުފެނުނު. އަހަރެމެން ކުރާހާ ކަމެއް ކުރާއިރު ވެސް އެކަމުން މަންފާއެއްނުވުމަކީ އަހަރެމެންގެ އެސްފީނާކަމުގައި އެކަހަލަ ޖާހިލުން ދެކެނީ. ހީވާ ކަހަލަ ބައްޕަ އެހާ ނުބައިކަމެއް ކުރީމާ އެ ކުށުގެ އަޒާބު އަބަދު އަހަރެމެންނަށް ލިބިލިބިއޭ ތިބެންޖެހޭނީ. ދުވަހަކުވެސް އަހަރެމެންނަށް ރަނގަޅުގޮތެއް ވެގެން ނުވާނޭ." ފަޒީލުގެ އަޑުގައި ނުރުހުމާ އެއްވަރަށް ރިހުންވާކަން ޔަގީނެވެ.
"އަހަރެމެންނަށް ކޮންޓްރޯލު ކުރެވޭނީ އަހަރެމެންގެ ނަފްސު އެކަނި. އެހެން މީހުންގެ މައްޗަށް ބާރެއް ނުފޯރުވޭނެ. އެންމެ ރަނގަޅުވާނީ އެފަދަ ކަންކަމަށް ސިކުނޑިން ޖާގައެއް ނުދިނިއްޔާ. ރިޒްޤު ދެއްވާ އިލާޙު އެ މީހުންގެ ހަސަދަވެރިކަމާއި ޢަމަލުތައް ވެސް ބައްލަވާވޮޑިގެންވާނެ. ފަޒީލުގެ މަންމަ ވަރަށް ސްޓްރޯންގް. ތިކިޔާދިން ކަހަލަ މާޙައުލެއްގައި އެކަނިމާއެކަނި ދެ ދަރީން ގޮވައިގެން ސާބިތުވެ ހުރެވޭނީ ވަރަށް ކެތްތެރި އަންހެނަކަށް. މި ރަށުގައި އެކަންޏެއްނޫން. ކޮންމެ ތަނެއްގައި ވެސް ހަސަދަވެރިކަމާއި ފުރައްސާރަ ކުރާނޭ ބަޔަކު އުޅޭނެ. ދުނިޔޭގެ ހަޔާތުން ބައެއް އެއީ. އެކަހަލަ ބައެއްގެ ރާޑަރަށް އަރައިފިއްޔާ އުޅޭން ދަތިކުރާނެ." އަހަރެން ބޭނުންވީ ފަޒީލަށް ހިތްވަރުދޭށެވެ. އޭނާގެ ޢާއިލާ ތަޙައްމުލު ކުރީ ކިހާވަރެއްގެ ވޭނެއްކަމެއް ހަޤީޤަތުގައި އަހަރެންނަށް އަންދާޒާ ވެސް ނުކުރެވެއެވެ. އެހެންވިޔަސް ބުނެލާ ހިތްވަރުގެ ބަހަކީ ނިކަމެތިކަން އިޙްސާސްކޮށްފައިވާ ހިތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނޭކަން އެނގެއެވެ. އިތުރަށް އެ މަޢުޟޫއަށް ސުވާލު ކުރާކަށް ވެސް އަހަރެންނަކަށް ނުކެރުނެވެ. ހިތުގައި ސުވާލެއް ނެތީއެއްނޫނެވެ. ފަޒީލުގެ ބައްޕަ އެވަރުގެ ބޮޑުކަމެއް ކުރީ ކީއްވެބާއޭ ހިތުގައި އޮތެވެ. އަދި މަރާލީ ކާކުބާއޭ ވެސް ހިތަށް އެރިއެވެ.
"އާނަ... އޯކޭތަ އަހަރެން ވެސް އާނަ ކިޔަން. އިތޫ އެހެން ކިޔާ އަޑު އިވިފައި ހުރީމަ." ފަޒީލު ބުންޏެވެ. އަހަރެން ބޯޖަހާލީމެވެ. އަދި އެއީ ގިނަ މީހުން އަހަރެންނާ މުޚާޠަބު ކުރާ ނަންކަން ބުނީމެވެ.
"އާނަ ފެމެލީގައި ތިބެނީ ކޮންބައެއް؟ ކީއްވެ މިދަތުރުގައި އެކަނި ތިއައީ." ފަޒީލު އަހާލިއެވެ.
"އަހަރެންގެ ދޯ... މަންމައާއި ބައްޕަގެ ތިބެނީ އަހަންނާ ލައިގެން އަންހެން ތިންބައިން. އަހަރެން މީ ގޭގެ ބްލެކްޝީޕް." ފަހު ޖުމްލައާއެކީ އަހަރެން ހީނލީމެވެ. އެއީ ދޮގެއްނޫނެވެ. ގޭގައި މީހަކަށްނުވި ދަރިއަކީ އަހަރެންނެވެ. އަދި މިދަތުރަކީ އަހަރެންގެ އެންމެ ގާތްކޮށް އުޅުނު ދުވަސްވީ ރަޚުމަތްތެރިޔާ ރަށަށް އެއްކޮށް ބަދަލުވާތީ އޭނާގެ ރަށް ބަލާލަން ކުރި ދަތުރެއްކަމުގައި ބުނެ ފަޒީލަށް ދޮގު ހެދީމެވެ. ފަޒީލުގެ މޫނުމަތިން އަހަރެންގެ ދެއްކި ސަބަބު ޤަބޫލުކުރިކަން ވެސް ދުށީމެވެ.
އަހަރެންނަކީ ރައިހާނާއާއި ހަމީދުގެ އެންމެ ހަގު ދަރިފުޅެވެ. ދޮންދައްތަ އާފިޔާއަކީ އެންމެ ދޮށީކުއްޖާއެވެ. އޭނާ މީހަކާ އިނދެގެން ފިރިމީހާގެ ގެއަށް ބަދަލުވީއެވެ. މިހާރު ދެ ކުދީން ވެސް ލިބިއްޖެއެވެ. ޢާއިލާގައި މެދަށް ހުންނަ ރިއާނާއަކީ ރަންދަރިއެވެ. ޚުދު އަހަރެން ވެސް ކުޑާއާ މެދު ފަޚުރުވެރިވެއެވެ. އެއީ މިހާރު ޚާފިޒާއެކެވެ. ހުރީ މަދީނާގައި ކިޔަވާށެވެ. މީހަކު ލޯބިވާނޭ ހުރިހާ ސިފައެއް ކުޑާއަށް ލިބިފައިވެއެވެ. އެހާ ކިޔަމަންތެރި އިއްފަތްތެރި ރަނގަޅު ދައްތައެއް ހުންނައިރު ނަމޫނާއަކަށް ދެކެން އެއީ އެއްވަނައެވެ. އެހެންވިޔަސް އަހަރެން މިއުޅެނީ އަހަރެން ހިތަށް އެރި ގޮތަކަށެވެ. ގޭގެ ހުރިހާ އެންމެން ބުރުގާ އަޅާފައި ތިބޭއިރު ވެސް އަހަރެން އަދި ބުރުގާ އަޅާކަށް ނުވިސްނަމެވެ. އެންމެ ކަންބޮޑުވަނީ ބުރުގާ އަޅާތަނުން އަހަރެންގެ އިސްތަށިގަނޑު ހަލާކުވެދާނެތީއެވެ. ކައިރީގައި އުޅޭ އެތައް ބަޔަކު އެހެން އެ ވާހަކަދައްކާ އަޑު އިވިފައި ހުރީމައެވެ. މަންމައަށް އަބަދު ޖެހޭނީ އަހަރެންގެ ކަންކަމާ ހިތްހަމަނުޖެހިގެން އުޅޭށެވެ. ދީނީ ކަންކަމާ ފަރުވާކުޑަވެގެން ހަޅޭލަވާށެވެ. އަހަރެން ވެސް ރަނގަޅުވާނަމޭ ހިތުގައި އޮވެއެވެ. އެހެންވިޔަސް ހަމަ ފަރުވާކުޑަކޮށްލެވެނީއެވެ. އެ ނޫންދެން އެހެން ކޮންކަމެއް ހެއްޔެވެ.
ގެސްޓްހައުސްއާ ކައިރިވާންވާއިރަށް އަބްދުލްއަށް ފަޒީލު ގުޅިއެވެ. ކުޑައެއް ހިފައިގެން ދޮރޯށި ކައިރިޔަށް ނުކުންނަން އޭނާ އަބްދުލް ކައިރީ ބުންޏެވެ. ދޮރޯށްޓާއި މައި އިމާރާތާ ދެމެދު އޮތް ހުސްތަން ހުރަސްކުރާންވާއިރަށް މީހާ ތެމިފޯވާނެކަން އެނގޭތީއެވެ. އަހަރެމެން އައިސް ގެސްޓްހައުސް ކައިރިއަށް މަޑުކޮށްލިއިރު ފަޒީލު ބުނިހެން އަބްދުލް ހުރީ ބޭރުގައެވެ.
ރޭގަނޑުގެ އަނދިރިކަމުގައި މުޅި ސަރަޙައްދު ފެންނަނީ ނިކަން ނާމާންކޮށެވެ. ބިރުން ހުރީތީ ދިމަދިމާއަށް ކަޅިނޫކާ ފަޒީލާއެކީ އައިސް އަވަހަށް ގެސްޓްހައުސްއަށް ވަނީއެވެ. ވާރޭގެ އަޑުނޫން އެއްވެސް އަޑެއް ނީވެއެވެ. ފަޒާވަނީ އިންތިހާއަށް ފިނިވެފައެވެ. އަހަރެންނާއެކީ ކޮޓަރިއާ ހަމައަށް ފަޒީލު އައެވެ. ދުވާލުގެ އަލިކަމުގައި ކޮޓަރި ބަރިއަށް ދެވެން އޮތް ސަރައްކާލި ބެލްކަނި ފަދައިން ބޭރު ފެންނާނޭހެން ލަކުޑި ރެއިން ޖަހާފައި އޮތްއިރު ނިކަން ހިތްގައިމެވެ. ނަމަވެސް މިހާރު މި ރޭގަނޑުގެ އަނދިރިކަމުގައި އަހަރެން އެކަނި އެ ސަރައްކާލި ހުރަސްކޮށް ކޮޓަރިއަށް ވަންނަން ޖެހިލުންވާވަރުވެއެވެ. ފަޒީލު އަހަންނާއެކީ އައިކަން ނަސީބެކޭ ހިތަށް އެރިއެވެ.
ފަޒީލު ދާން އެނބުރިލުމުން އަހަރެން ކޮޓަރީގެ ދޮރުލައްޕާލީމެވެ. ރަނގަޅަށް ދޮރު ތަޅުލާފައި ޗެކު ވެސް ކުރީމެވެ. އަދި އިތުރުކަމެއް ކުރުމުގެ ކުރީން ކޮޓަރީގައި ދެންހުރި ދޮރުތައް ވެސް ތަޅުލެވިފައިތޯ ހުރީ ބެލީމެވެ. ހިމޭން މާޙައުލެއްގައި ވާރޭ ވެހޭ މަންޒަރު ބަލަން ހުރުމަކީ އަހަރެން ކުރާހިތްވާ ކަމެކެވެ. މާލޭގައި ނަމަ ހުންނަން ކެރިދާނެއެވެ. ނަމަވެސް މި މާޙައުލުގައި އަހަންނަށް ލާހިކެއްނޫނެވެ. ވަށައިގެން ވެރިވެފައި އޮތް އަނދިރިކަން ބޮޑީއެވެ. އަހަރެން އައިސް އެނދުގައި އިށީނެމެވެ. އިރުކޮޅަކު އެގޮތުގައި އިނދެފައި ތެދުވެ ފޮށި ހުޅުވާލީމެވެ. އަލަމާރިއަށް ފޮށީގައި ހުރި ހެދުންތައް ބަދަލުކުރީމެވެ. ހަމައެކަނި ފޮށީގައި ބެހެއްޓީ ހެދުމުގެ އެތެރެއިން ލާން ބޭނުންކުރާ އެއްޗެހި އެކަންޏެވެ. ފޮށި ވެސް އަލަމާރި ތެރެއަށް ލެވެން ހުރީތީ އެތެރެއަށް ލައި އަލަމާރި ލައްޕާލީމެވެ. ހެދުން ބަދަލުކޮށްލައިގެން އައިސް އެނދަށް އަރާ ހަމަޖެހިލީ ދެނެވެ. ލޮލުގައި އަދި ނިދީގެ ކަންފުޅެއް ވެސް ނެތެވެ. އެކަނި އެގޮތަށް އޮންނަން ފެށުމުން އަހަރެންނަށް ވިސްނެންފެށުނެވެ. ކުރަން ބޭނުންނުވާ ޚިޔާލުތައް އެނބުރި އަންނަން ފެށިއެވެ. މަޑުމަޑުން އަހަރެންގެ ކައިރީ ބާއްވާލެވިފައި އޮތް ފޯނު ނަގައި އޭގައި ހުރި ފޮޓޯތައް ބަލަމުންދިޔައެވެ. އަހަރެންގެ ދެ ލޯ ފެންކަޅިވާން ނެގީ ކުޑަ ހިނދުކޮޅެކެވެ.
"ކީއްކުރަން ތި ފޮޓޯތައް ތި ބަލަނީ؟. ހިތްރޮއްވަން ނޫނީ އެހަނދާންތައް ކުރުމުގެ ބޭނުމެއް އެބައޮތްތަ؟. މޫވްއޯން ކުރަންވީ ވަގުތު މީ. ޖަސްޓް ފޮގެޓް ހިމް. ފޯނުގައި އޭނާގެ އެއްވެސް ހަނދާނެއް ބަހައްޓާނެ ކަމެއް ވެސް ނެތް. އޭނާއާ ގުޅިފައިވާ އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ނުވާނެ." އަހަރެންގެ ޟަމީރު އަހަރެންގެ ހިތަކަށް ހަމްދަރުދީއެއް ނުވިއެވެ. ކަންކުރަންވީ ކިހިނެއްކަން އެ ހިތަށް ޟަމީރު ވިސްނައިދިނީ ހަރުކަށިކަމާއެކުއެވެ.
ދެ ލޯ ފުހެލާފައި ބާލީސް ކައިރީ ފޯނު ބޭއްވީމެވެ. ހުރިހާ ބާލީސްތަކެއް ވަށައިގެން ޖައްސާލުމާއެކު ރަޖާގަނޑު އަޅައިލީ ނިދޭތޯ ގަސްދުކޮށްގެންނެވެ. ޚިޔާލުތަކާއި ދުރުވެވެން އޮތް ގޮތަކީ އެއީކަން ވިސްނިގެންނެވެ. އިރުކޮޅަކު ދެ ލޯ މަރައިގެން އޮވެފައި ލޯ ހުޅުވާލީމެވެ. ދެން ފޯނުން ލަވައެއް ޖަހާލީމެވެ. މަޑުމައިތިރި ލޯބީގެ ހިންދީ ލަވައެކެވެ. ވާރޭވެހޭ މިކަހަލަ ރެއާ ނިކަން ގުޅެޔޭ ހިތް ބުންޏެވެ. ޕްލޭލިސްޓުގައި ހުރީ މުޅިން ވެސް ހިތާމަވެރި އަސަރު އެކުލެވިގެންވީ ލޯބީގެ ލަވައެވެ. އެހެން އޮއްވާ އަހަންނަށް ލޯ މެރިއްޖެއެވެ. ދެން ސިއްސައިގެން ގޮސް ހޭލެވުނީ ދޮރުގައި ތަޅާއަޑަށެވެ. ނިކަން ބާރަށެވެ. ދެ ލޯ ހުޅުވުމާއެކު ފުންމައިގެން ތެދުވެ ކައްޓެއްހެން އިށީނދެވުނީ ދެ އަތުން މޭގައި ރަޖާގަނޑުގެ ބައެއް ބޮނޑިކޮށްލައިގެންނެވެ. އަހަރެންގެ ދެ ލޮލަށް އެއްވެސް ތަނެއް ނުފެނެއެވެ. މުޅި ކޮޓަރި އަނދިރިގަނޑަކަށްވެ ތަނެއްދޮރެއް ނުފެނެއެވެ. މޭގައި ނެގިނެގިފައި ހިތް ތެޅެމުންދިޔައެވެ. ބޯ ވާރޭގެ އިތުރުން ފޯނުން ލަވައިގެ އަޑު އިވިއިވި ހުރިކަން ރެއަކާލީ ދެނެވެ. އަވަހަށް ފޯނު ނަގައި އިސްކުރީނު ދިއްލާލީމެވެ. އަދި ލަވަ ނިއްވާލީމެވެ. އަނެއްކާވެސް ދޮރުގައި ތަޅައިގަތް އަޑު އިވުނެވެ.
(ނުނިމޭ)