ފިނިޕޭޖް

މިންޑީ ކަލިން، މަނީޝް މަލްހޯޓްރާގެ ރީތި ގައުންއެއްގައި

ނެޝަނަލް މިއުޒިއަމް އޮފް އޭޝިއަން އާޓްސްގެ ސެންޓޭނިއަލް ސެލެބްރޭޝަން ޑިނާގެ ރެޑް ކާޕެޓް މަތިން ފާހަގަވީ އެކްޓްރެސް އަދި ޕްރޮޑިއުސާ މިންޑީ ކަލިން، 43، ލީ ގައުން އެވެ.

މިންޑީ ލީ ގައުން އަކީ އިންޑިއާގެ ޑިޒައިނާ މަނީޝް މަލްހޮތްރާ ޑިޒައިންކުރި ގައުންއެކެވެ. ޕީޕަލް.ކޮމް އަށް ދިން އިންޓަވިއުއެއްގައި މަނީޝް ބުނީ އެ ގައުން އަކީ ހުދުކުލައިގެ 4،000 ސްވަރޯސްކީ ކްރިސްޓަލް އިން ފްލޯރަލް ޑިޒައިންއެއް ޖަރީކޮށްފައިވާ ކަޅުކުލައިގެ މައްޗަކާއި ފަލަމަސްގަނޑާ ހިސާބަށް ފަޅާފައިވާ ސްކާޓެއް ހިމެނޭ "ނުއާ" ގައުންއެއް ކަމަށެވެ.

މި ގައުންގެ ދެ އަތުގެ މެދަކާ ހިސާބުން ފެށިގެން ފަޔާ ހިސާބަށް 300 އަށް ވުރެ ގިނަ ކަޅު ފެދާ ލާފައިވެ އެވެ.

މަނީޝް ބުނީ އެއީ ސަގާފަތާއި މިޒަމާނާ އެއްގޮތަށް ސޮފިސްޓިކޭޓަޑްކޮށް ހަދާފައިވާ ގައުންއެއް ކަމަށެވެ.

ގައުންގެ ފްލޯރަލް ޑިޒައިން އާއި މުޅިގައުން އަތުން ފެހުމަށް މަނީޝްގެ ޓީމު 2،500 އަށް ވުރެ ގިނަ ގަޑިއިރު ހޭދަކޮށްފައިވެ އެވެ.

މަނީޝް ބުނީ މިއީ މިންޑީއާ އެކު މަސައްކަތްކުރި ފުރަތަމަ ފަހަރު ކަމަށާއި އެއީ މިންޑީގެ ސްޓައިލް އާއި ޝަހްސިއްޔަތުގެ ސަބަބުން ވަރަށް އުފާވެރި ތަޖުރިބާއެއް ކަމަށެވެ.

މިންޑީ ވަނީ ރެޑް ކާޕެޓްތަކުގައި އެކި ފާޑުގެ ފާހަގަކޮށްލެވޭ ގައުންތައް ލުމުގެ އިތުރުން، އެންޑީ ސްވިމް އާއެކު ސްވިމް ވެއާ ކަލެކްޝަނެއް ޑިޒައިންކޮށްފަ އެވެ. މި ކަލެކްޝަންގައި މިންޑީ ވަނީ 33 ޕީސް ޑިޒައިންކޮށްފަ އެވެ.