ޗާގޯސް އާކިޕެލާގޯ

ކަނޑުވިއްކާލި ކަމަށް ބުނެ ޖޫން 2ގައި މާލޭގައި އެއްވަނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު"ން ކުރިއަށް އޮތް ޖޫން މަހުގެ ދެވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ.

ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދުގައި ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ އަދި ކުރީގެ ދެ ވަޒީރުން ކަމަށްވާ ކުރީގެ ބަންޑާރަނައިބްބ ޑރ. މުހައްމަދު މުނައްވަރާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދާ ސިޔާސީ ހަރަކާތް -- "ފިކުރެއްގެ ދިރުން"ގެ ބޭފުޅުން ހިމެނެ އެވެ. މީގެއިތުރުން މި އިއްތިހާދުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ނަމަވެސް އަލީ ބައިވެރިވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށް އެ ޕާޓީން ބުނެ އެވެ.

ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި މީގެކުރިން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ބޭފުޅަކު ބައިވެރިވި ނަމަވެސް މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވި ޕެނަލްގައި އެމްއާރްއެމްގެ ބޭފުޅަކު ނެތެވެ.

ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދުގެ އިސް ބޭފުޅުން މިރޭ ހޮޓެލް ޖެންގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވަނީ ރާއްޖޭގެ ކަނޑު ވިއްކުމާ ދެކޮޅަށް އަންނަ މަހުގެ ތެރޭގައި ކުރިއަށް ގެންދާނެ ހަރަކާތްތަކެއް އިއުލާންކޮށްފަ އެވެ. އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރަނީ ޖޫން ދެވަނަ ދުވަހު މާލޭގެ އާޓިފިޝަލް ބީޗްގައި ބޮޑު އެއްވުމެއް ބޭއްވުމެވެ. މީގެއިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކުމާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ދިވެހި ރައްޔިތުން ސޮއިކުރާ ޕެޓިޝަނެއްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ހާމަކޮށްފައިވެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ދިވެހިންގެ ހައްގު ނިގުޅައިގަނެ ދިވެހިންގެ ކަނޑު ވިއްކާލާފައި ކަމަށެވެ.

"ދިވެހިންގެ ސިޔާސަތަކަށް އަބަދުވެސް ވާނީ އެންމެ ފުރަތަމަ ދިވެހި ގައުމު. އެހެންކަމުން މިމަސައްކަތުގައި ދިވެހިން ނިކުންނާނެ. މިކަމުގައި ފަސްނުޖެހޭނެ މަންޒަރު ފެންނާނެ،" މުނައްވަރު ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިސަރުކާރުން ވިއްކާލީ މޮރިޝަސް އަށް ނޫން ކަމަށާއި އެއީ އިންޑިއާ އަށް ކޮށްދިން ކަމެއް ކަމަށެވެ. އެކަން ޔަގީންވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ކަނޑުގެ މައްސަލަ ނިންމުމާ އެކު މޮރިޝަސްގެ ފޮރިން މިނިސްޓަރު އިންޑިއާއަށް ޝުކުރު އަދާކުރައްވާފައިވާތީ ކަމުގައިވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައިގެން [ވަކި ބަޔަކަށް] ލިބުނު ފައިދާއާއި ކުރިކަމެއްގެ ތަފްސީލް އެނގޭ ވެރިކަން ބަދަލުވުމުން،" އުމަރު ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުރީގެ ބަންޑާރަނައިބް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ސޮއިކުރަން ހަމަޖެހިފައިވާ ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި އޮންނާނީ ދިވެހި ސަރުކާރުން ދޫކޮށްލި 45،000 އަކަކިލޯމީޓަރުގެ ސަރަހައްދަކީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށްވާތީ އެކަން ބަލައިނުގަންނާނެ ވާހަކަ ކަމަށެވެ.

އާޒިމާ ވަނީ މި ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއި ކުރުމަށްވެސް އެދިވަޑައިގެންފަ އެވެ.

"ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރުން މުހިއްމު. މީގެއިތުރުން މިކަމުގައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް އަޅުގަނޑުމެން ކުރާނަން،" އާޒިމާ ވިދާޅުވި އެވެ.

އިޓްލޮސް އިން މިދިޔަ އޭޕްރީލް 28 ވަނަ ދުވަހު ނިންމީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. އެގޮތުން ދެ ގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ. އިޓްލޮސް އިން މައްސަލަ ނިންމާފައިވާ ގޮތުން ރާއްޖޭގެ ދެކުނުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ކަށަވަރުވާނެ އެވެ. މޮރިޝަސް އަށް ލިބޭނީ 45،331 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ މައްސަލަ ޖެހިގެން އުޅޭ 95،000 އަކަކިލޯމީޓަރު ބަހާލި ގޮތެވެ.