ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން ގަބޫލުނުކުރުމުގެ ހައްގު ދިވެހި ސަރުކާރަށް އޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކަނޑު ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އިޓްލޮސްގެ އެތައް ނިންމުމެއް އެކި ސަރުކާރުތަކުން ގަބޫލުނުކުރުމުން އަމަލުނުކުރެވި އެބަހުރި ކަމަށެވެ.
"އިޓްލޮސްގެ ނިންމުން ނިންމުމަކަށްވާނީ ދިވެހި ސަރުކާރުން އެކަން ގަބޫލުކުރީމާ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މި ސަރުކާރުން މޮރިޝަސްއަށް ކަނޑު ހަވާލުކޮށްފައިވާ ކަމަށާއި ކުރީގެ އެއްވެސް ސަރުކާރަކުން އެ ސަރަހައްދަކީ މޮރިޝަސްގެ ސަރަހައްދެއް ކަމަށް ބުނެފައިނުވާ ކަމަށެވެ.
"މި ސަރުކާރުން، އިޓްލޮސްގައި މި މައްސަލަ ހިނގަމުން ދަނިކޮށް ސިޓީއެއް ފޮނުވާފައި ބުނެފި މޮރިޝަސްގެވެސް ކަނޑެކޭ ތި ކަނޑަކީ،" އުމަރު ވިދާޅުވި އެވެ.
އެހެން ސަރުކާރެއް އޮތްނަމަ އެފަދަ ސިޓީއެއް ނުފޮނުއްވާނެ ކަމަށާއި އެ ސިޓީގެ ސަބަބުން އިޓްލޮސްގެ ނިންމުމަށް އަސަރުކުރި ކަމަށް އުމަރު ވިދާޅުވި އެވެ.
"މޮރިޝަސްގެ ކަނޑެއް ކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރީމާ އިޓްލޮސްގެ ތިބޭ ފަނޑިޔާރުންނަށް އިނގޭނެ ކީކޭކަން މިބުނީ. އަދި (ރައީސް) އިބްރާހީމް މުހައްމަދު ސޯލިހަށް މި ބުނެވުނު އެއްޗެއް ފަހަރުގައި ނޭނގުނު ކަމަށް ވިޔަސް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވަނީ ރައީސް ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ ބާތިލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރަނީ އެހެން ގައުމަކުން ކަމަށް މި ސަރުކާރު ފެށުނީންސުރެ ތުހުމަތު ކުރެވެމުންދިޔަ ކަމަށާއި ކަނޑުގެ ސަރަހައްދުގެ މައްސަލަ ނިމުމުން އެ ތުހުމަތުތައް ޔަގީންވެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަމިއްލަވަންތަކަން ހިފެހެއްޓި ކަމަށް އުމަރު ވިދާޅުވި އެވެ.
އިޓްލޮސްގެ ނިންމުމާއެކު ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަން ކަށަވަރުވެފައިވާ ކަމަށާއި ޗާގޯސް ރާއްޖެއަށް ހޯދުމަށް މަސައްކަތްކޮށް ދެން އަންނަ ސަރުކާރެއްގައި އެކަމަށް ދައުވާކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ.