އިބްރާހިމް ރިއްފަތު

ކަނޑުގެ މައްސަލައިގައި ކުރީގެ ބަންޑާރަނައިބުންގެ އިހުމާލު ބޮޑު: ރިފްއަތު

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ކުރީގެ ސަރުކާރުތަކުންނާއި ކުރީގެ ބަންޑާރަނައިބުން އިހުމާލުވެފައިވާ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަންނަވަމުން ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ވިދާޅުވީ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ކުރީގެ އެއްވެސް ސަރުކާރަކުން ދިވެހިންގެ ހައްގުގައި ގޮތެއް ނިންމަން ނުކެރުނު ކަމަށެވެ.

"ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ކުރީގެ ބަންޑާރަނައިބުން ވެފައިވާ އިހުމާލުވެސް އިންތިހާއަށް ބޮޑު. އެކަން އަޅުގަނޑު ލަދުވެތިކަމާއެކު ފާހަގަކުރަން،" ރިފްއަތު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުތަކުން މައްސަލަ ހައްލު ނުކުރުމުގެ ނަތީޖާއަކީ މޮރިޝަސްއިން ރާއްޖޭގެ މައްޗަށް 2019 ވަނަ އަހަރު ދައުވާ ކުރުންކަން ރިފްއަތު ފާހަގަކުރެއްވި އެވެ.

"ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ރައީސް މައުމޫންގެ ސަރުކާރުގައި ބަންޑާރަނައިބަކާ ހަވާލުކުރި ސްޓްރެޓަޖީ އަދިވެސް އޮތީ ނަހަދަ،" ރިފްއަތު ވިދާޅުވި އެވެ.

ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ކުރީގެ ސަރުކާރުތަކުންނާއި ކުރީގެ ބަންޑާރަނައިބުން އިހުމާލުވެފައިވާ ކަމަށް ރިފްއަތު ވިދާޅުވެފައިވާއިރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތް ގޯސް ކަމަށް ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރު އާއި އާއިޝަތު އާޒިމާ ޝަކޫރު ދަނީ ވިދާޅުވަމުންނެވެ.