ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމުގައި އަމަލުކުރި ގޮތް ދިރާސާކޮށް ރާއްޖޭގެ ބާ ކައުންސިލަށް އިންސާފުވެރި ރިޕޯޓެއް ނެރެވިދާނެ ކަމަށް ނުފެންނާތީ އެ ރިޕޯޓް ނުނެރުމަށް ކުރީގެ ބަންޑާރައިބުންތަކެއް ބާ ކައުންސިލްގައި އެދިއްޖެ އެވެ.
ރިޕޯޓް ނުނެރުމަށް ބާ ކައުންސިލަށް ހުށަހެޅުއްވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ޑރ. މުހައްމަދު މުނައްވަރާއި، ޑރ. ދިޔާނާ ސައީދުގެ އިތުރުން އާޒިމާ ޝަކޫރު ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީއެއްގަ އެވެ.
މިސިޓީގައި ވިދާޅުވެފައިވަނީ ޗާގޯސްގެ މައްސަލައިގައި ސަރުކާރު ދިފާއުކުރައްވަމުން ގެންދަވާ ބަންޑާރަނައިބް އިބްރާހީމް ރިފްއަތަކީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރަކަށްވެފައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ޗާގޯސްގެ މައްސަލާގައި ބާ ކައުންސިލުން ރައުޔެއް ނެރުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށެވެ. އަދި ބާ ކައުންސިލްގެ ރައީސާއި އެގްޒެކެޓިވް ކޮމިޓީގެ ބައެއް މެމްބަރުން ޗާގޯސްގެ މައްސަލައިގައި ސަރުކާރުގެ ވިސްނުން ދިފާއުކޮށް ވާހަކަދެއްކެވި ކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
މިސިޓީގައި ވަނީ ރާއްޖޭގެ ހުރިހާ ވަކީލުންގެ ވިސްނުން ހާމަވާ ގޮތަށް ބާ ކައުންސިލަށް ރައުޔެއް ނެރެވިދާނެ ކަމާ ދޭތެރޭ ސުވާލުވެސް އުފައްދަވާފަ އެވެ. އަދި ޗާގޯސް މައްސަލައިގެ ތެރެއަށް ވަކީލުން ވަދެ ސިޔާސީ ނުކުރުމަށްވެސް އެދިފައިވެ އެވެ.
ރާއްޖޭގެ އާންމު މަސްލަހަތާ ގުޅުން ހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން ރައުޔާއި މައުލޫމާތު ހާމަކުރުމަކީ ރާއްޖޭގެ ފަންނީ ގާނޫނުގެ ދަށުން އެ ކައުންސިލާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށް ބާ ކައުންސިލުން މިމަހު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފަ އެވެ. އެހެންވެ ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމުގައި އަމަލުކުރި ގޮތުގެ ދިރާސާއެއް އެ ކައުންސިލުން ހެދުމަށް އާންމު މެންބަރަކު ހުށަހަޅާފައިވާތީ އެ ދިރާސާ ހެދުމަށް ނިންމާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.