ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަދިވެސް ހޯދޭނެ ކަމަށާއި އެކަން ނުކުރެވޭނަމަ ރައްޔިތުން ހަވާލުކުރި މަގާމުން އިސްތިއުފާ ދެއްވުމަށްފަހު "ގެއަށް ކަނޑާލުމަށް" ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު ސަރުކާރުގެ އިސްވެރިންނަށް ގޮވާލައްވައިފި އެެވެ.
އެތައް ސަތޭކަ ބަޔަކާ އެކު މާލޭގެ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި ޑރ. މުނައްވަރު ވިދާޅުވީ ރާއްޖެއާއި މޮރިޝަސް ސަރުކާރާ ދެމެދު ހިޔާލުތަފާތުވެފައި އޮތް ކަނޑުގެ ސަރަހައްދު ބަހާލުމުގައި ދިވެހި ސަރުކާރުގެ އިސްވެރިން ގޯސް ހެއްދެވީ ގަސްދުގައި އެނގި ތިބެ ކަމަށެވެ. ނަމަވެސް އެ ގޯސް ހައްދަވައިގެން އެކަން ރަނގަޅު ނުކުރާނަމަ އެ މަގާމުތަކުގައި އެ ބޭފުޅުންނަށް ނުތިބެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ގެއްލުނު ކަމަށް ސަރުކާރުން ބުނާ ކަނޑުގެ ސަރަހައްދު އަދިވެސް ހޯދޭނެ ގޮތް ހުންނާނެ ކަމަށާއި އެކަންކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިންނަށް ޑރ. މުނައްވަރު ވަނީ އިލްތިމާސް ވެސް ކުރައްވާފަ އެވެ. އަދި ގެއްލުނު ސަރަހައްދަކީ އެހެން ބައެއްގެ އެހެން ގައުމެއްގެ ތަނެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"ދެން މިވިދާޅުވަނީ ދެން ކުރާނެ ކަމެއް ނެތޭ. އެހެން މިވިދާޅުވަނީ ކާކާ ދިމާލަށްތޯ؟ އަޅުގަނޑުމެން މިވާހަކަ ދައްކާ ދިވެހި ރައްޔިތުންނާ މުހާތަބު ކޮށްތޯއޭ އެހެން އެ ވިދާޅުވަނީ. ދެން ކުރާނެ ކަމެއް ނެތޭ. މާނައަކީ އަޅުގަނޑުމެންނަށް ޖެއްސުމަށް ވިދާޅުވަނީތޯއޭ. ދެން ކަލޭމެން ކުރާނެ ކަމެއް ނެތޭ. އެވެސް ހީފުޅުވާ ކުށްހީފުޅެއް. އަޅުގަނޑުމެން ދިވެހި ރައްޔިތުން ކުރާނެ ކަންތައްތައް ވަރަށް ގިނަ،" މުނައްވަރު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު ޑްރާފްޓް ކުރެއްވި ޑރ. މުނައްވަރު ވިދާޅުވީ ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދު ކަނޑައަޅާފައި ނެތް ކަމަށް މިސަރުކާރުން ބުނާ ކަމަށެވެ. ނަމަވެސް 1996 ވަނަ އަހަރު އެކުލަވާލި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި 200 ނޯޓިކަލް މޭލު ކަނޑައަޅާފައި އެބައޮތް ކަމަށާއި އެކަން ކުރީ އެއީ ރާއްޖެއަށް ލިބޭނެ ސަރަހައްދު ކަމަށް އޭރުވެސް ގަބޫލުކުރާތީ ކަމަށެވެ.
މުނައްވަރު ވިދާޅުވީ މިސަރުކާރުގެ އިސްވެރިންނަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ނޭނގޭނަމަ އެނގޭ ބަޔަކު ކައިރީ އަހާލުމުން އެކަން ބުނެދޭނެ ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ގޯސް ހަދަމުންދާ ކަމަށް ފާހަގަކުރެވޭތީ 2021 ވަނަ އަހަރުގެ ތެރޭގައި އޭނާ ނެރުއްވި ބަޔާނެއްގައި އެކަމަށް އިޝާރާތް ކުރައްވާ އެ ގޯސް ނުހެދުމަށް ދަންނަވާފައިވާނެ ކަމުގައި ވިދާޅުވި އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލައަކީ ސަމާސާ މައްސަަލައަކަށް ނުވާތީ ރައްޔިތުންގެ މަޖިލީހާ މަޝްވަރާކުރަން ލަފާ ދެއްވި ކަމުގައިވެސް ވިދާޅުވި އެވެ.
"އެކަމަކު މިވެރިން ވިދާޅުވީ މާލަސްވެއްޖެއޭ. ކަލޭ ނިދިން ހޭލައިގެން އައި އިރު އަހަރެމެން ކަން ނިންމައިފީމޭ،" ރައީސް މައުމޫންގެ ވެރިކަމުގައި ބަންޑާރަނައިބަކަށް ހުންނެވި މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުވާލި ބައި ހޯދުމަށް ރައީސް ސޯލިހަށް ކުރަނީ "ރިކުއެސްޓެއް" ނޫން ކަމަށާއި އެއީ ކުރާ "ޑިމާންޑެއް" ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުމަށް އަދިވެސް ކުރެވޭނެ އެތައް ކަމެއް ހުރުމުން އެ ޑިމާންޑާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރެއްވި އެވެ. އަދިވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށާއި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގެ ޕްރޮސީޖާ އޭނާއަށް އެނގިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ރައީސް ސޯލިހް ވެރިކަމަށް އިންތިހާބުކޮށް ދިވެހި ރައްޔިތުން ހަވާލުކުރީ ރާއްޖޭގެ މިނިވަންކަން ދިފާއުކޮށް ރާއްޖޭގެ ސަރަަހައްދު ސަލާމާތާއި ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ކަމަށެވެ. ނަމަވެސް އެކަން ރައީސް ސޯލިހަށް ކުރެވިފައި ނެތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ އަޅުގަނޑުމެން ދިވެހި މަސްވެރިން މަސް ބާނަ ބާނާ ތިއްބާ އަޅުގަނޑުމެން މަސް ބާނަން ތިބި ކަނޑު އެއްވެސް ރަހްމަތް ނެތި އަޅުގަނޑުމެން ދިވެހި ރައްޔިތުންނާ ދޭތެރޭ އެއްވެސް ކަހަލަ އޯގާތެރިކަމެއް ނެތި އެއްވެސް ފިކުރެއް ނެތި ވިއްކާލީ. އަޅުގަނޑުމެން މިއަދު މިތަނަށް އައިސް މިތިބީއަކީއެއް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަކުން އެއްވެސް ކަމެއް ރިކްއެސްޓް ކުރާކަށް ނޫން،" މުނައްވަރު ވިދާޅުވި އެވެ.