އާބަންކޯ

ހުޅުމާލޭގެ ސްމާޓް ޕާކިން ޒޯނުން ޖާގަ ކުއްޔަށް ދޫކުރަން ތައްޔާރުވަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަމާނީ ސްމާޓް ޕާކިން އާބަންކޯ އިން ތައާރަފްކޮށްފި އެވެ.

ހަލުވި ދުވެލީގައި އިތުރުވަމުންދާ އާބާދީއާ އެއްވަރަށް އެއްގަމު އުޅަނދުތައް އިތުރުވަމުންދާ ހުޅުމާލޭގައި ޕާކު ކުރުން ވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފަ އެވެ. ގިނަފަހަރަށް މަގުގެ ދެފަރާތުގައި ޕާކުކޮށްފައި ހުރުމުގެ ސަބަބުން މަގުތަކުން ބޮޑު ބައެއް ގެއްލި މަގުތަކުގައި ދުއްވުމަށާއި އަދި ހިނގާ މީހުންނަށްވެސް މިކަމުން ދަތިވެ އެވެ.

ޖާގައިގެ ދަތިކަމަށް ނުކަތާވަރަށް އެއްގަމު އުޅަނދުފަހަރު އިތުރުވަމުން ދިޔަ ނަމަވެސް ޕާކު ކުރުމުގެ ދަތިކަމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ލުއި ގޮތްތަކެއް ހޯދިދާނެ ކަމަށް އާބަންކޯ އިން މިވަނީ ދައްކައިދީފަ އެވެ.

އާބަންކޯގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ދާދި ފަހުން ވަނީ ޕާކު ކުރުމުގެ ކަންކަމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ އަމަލީ މަސައްކަތް ފަށާފަ އެވެ. މިގޮތުން ރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނެއް ގާއިމުކޮށް މިހާރު ވަނީ ނިންމާފަ އެވެ.

ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯން މިހާރު ވަނީ ސްމާޓް ޕާކިން ޒޯނަކަށް ބަދަލުކޮށްފަ އެވެ. އަދި ވަރަށް އަވަހަށް މި ޒޯނުން ކާރު ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދޫކުރުމަށް އާބަންކޯ އިން ދަނީ ތައްޔާރުވަމުންނެވެ.

ސްމާޓް ޕާކިންގެ ހާއްސަ ސިފަތައް

އެއްމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ ސްޕާޓް ޕާކިންގައި ވަރަށް ހާއްސަ ތަފާތު ކަންކަން އެބަހުއްޓެވެ. މިގޮތުން ޕާކިން ޖާގަ ކަށަވަރުކޮށްގެން ޕާކުކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓާ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެ އެވެ. އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެއްމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އަދި މެޝިން ލާނިން (އެމްއެލް) ބޭނުންކުރެ އެވެ. މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެ އެވެ.

މީގެ އިތުރުން މި ޒޯނުގައި ޕާކު ކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 24 ގަޑިއިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް މޮނިޓާ ކުރަމުންދެ އެވެ.

ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ މީހުންނަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޖާގަތަކެއް ހަދާފައިވެ އެވެ. އަދި ކުރު މުއްދަތަށް ޕާކު ކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް ވަނީ ތައްޔާރުކޮށްފަ އެވެ. މި އެޕްލިކޭޝަންގެ ސަބަބުން ކުރު މުއްދަތަކަށް ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ އެވެ.

އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ މީހުންނަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެ އެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެ އެވެ. އަދި ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގައާއި ހަމައަށް ނެވިގޭޓްކޮށްދިނުމާ، ބޭނުން ކުރާ މީހާގެ ޕްރޮފައިލް ވެސް މި އެޕްގެ ޒަރީއާއިން ބަލައިލެވޭނެ އެވެ.

ފިތުރޯނު ޕާކިން ޒޯނަކީ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިން ޒޯންތައް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ހެދުމަށްވެސް އާބަންކޯ އިން ދަނީ ތައްޔާރުވަމުންނެވެ.