އާބަންކޯ

އާބަން އައިލްގައި ހުރި ފުރުސަތުތައް ދުނިޔެއަށް ދައްކާލައިފި

May 16, 2023
2

ބްރިޖިން ޓޫރިޒަމް ޑެސްޓިނޭޝަންސް ކޮންފަރެންސްގައި ހުޅުމާލޭގެ އާބަން އައިލްގައި ހުރި ފުރުސަތުތައް ދައްކާލައިފި އެވެ.

ބްރިޖިން ޓޫރިޒަމް ޑެސްޓިނޭޝަންސްގެ ނަމުގައި މި ކޮންފަރެންސް މިމަހުގެ 11 އިން 12 އަށް ކުރިއަށް ދިޔައީ މޮންޓެގްރޯގެ ބުޑްވާ ގައެވެ.

މި ކޮންފަރެންސަކީ މޮންޓެގްރޯގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމްއާއި، ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ އާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި އާބަންކޯ ތަމްސީލް ކުރެއްވީ އެ ކުންފުނީގެ ޗީފް ހޮސްޕިޓާލިޓީ އޮފިސަރު އިބްރާހިމް އިނާޒް އެވެ. އޭނާ ވަނީ ހުޅުމާލޭގައި ތަރައްގީކުރަމުންދާ އާބަން އައިލްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުވެގެންދާ ފުރުސަތުތަކާއި، ލިބިގެންދާނެ ފައިދާތަކުގެ މައުލޫމާތު ކޮންފަރެންސްގައި ހިއްސާކުރައްވާފަ އެވެ.

އިންޓަގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް -- އާބަން އައިލް އަކީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ، އާބަން އައިލް ގުޅިފައިވުމުން އެ ތަނުގެ ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނެ އެވެ. އެގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމުގައި އަންނަ ފަތުރުވެރިން އަދި ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނެ އެވެ. މީގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި، ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތީގެ ރެސްޓޯރަންޓްތައް ވެސް ހުންނާނެ އެވެ.

އާބަންކޯ އިން ބުނީ މިފަދަ ގިނަ ކަންތައްތަކެއް ހިމަނާފައިވާތީ އާބަން އައިލް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިން އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށް ކަމަށެވެ. ވެލާނާ އިންޓަނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެއާއި އާބަން އައިލް ގުޅިފައި ވުމުގެ އިތުރުން، މިތަނުގައި ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗާގެ ސަބަބުން މިތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާއެކުވާ ސްމާޓް އިންފްރާސްޓްރަކްޗާއެއް އާބަންކޯ އިން ގާއިމުކުރަމުންދާއިރު، ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި ޕްރޮޖެކްޓު ތަރައްގީކުރުމަށް އިސްކަންދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އިންވެސްޓަރުންނަށް ލީސް މޮޑެލް، އަދި ޖޮއިންޓް-ވެންޗަރ މޮޑެލްގެ އިތުރުން އެހެނިހެން މޮޑެލް ތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެހެން ވަރަށް ލުއި ގޮތްތަކެއް މި ކުންފުނިން ވަނީ ރާވާފައެވެ.