ހުޅުމާލެ

ވަން ސެންޓްރަލް ޕާކް ރެސިޑެންސް ފްލެޓްތައް ނިންމާލުމަށްފަހު ތަޅުދަނޑި ހަވާލުކޮށްފި

މޮރިޝަސްގެ ކުންފުންޏެއް ކަަމަށްވާ ސެންޑަލް މޮރިޝަސް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީކުރާ "ވަން ސެންޓްރަލް ޕާކް" ރެސިޑެންސް ފްލެޓްތައް ނިންމާ، ފްލެޓް ގަނެފައިވާ މީހުންނަށް ތަޅުދަނޑި ހަވާލުކޮށްފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ހަދާފައިވާ މި ފްލެޓްތަކުގެ ބިންގާ އެޅީ އޭޕްރީލް 26، 2021 ގައެވެ.

ސެންޑަލް މޮރިޝަސް ޕްރައިވެޓް ލިމިޓެޑަކީ އިންޑިއާގެ ޓާޓާ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެކެވެ. "ވަން ސެންޓްރަލް ޕާކް ފްލެޓްތަކުގެ މަސައްކަތް ކުރީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރްސީސީ) އެވެ.

ސެންޑަލް މޮރިޝަސް އިން އަންނަނީ "ސޮލިޓެއާ"ގެ ނަމުގައި މަތީ ފަންތީގެ ހައުސިން ޕްރޮޖެކްޓެއް މިހާރުވެސް ހުޅުމާލޭގައި ހިންގަމުންނެވެ. މިމަޝްރޫއުގައި 64 އެޕާޓްމެންޓް ހެދުމަށް ހަމަޖެހިފައިވެ އެވެ.

ވަން ސެންޓްރަލް ޕާކް ރެސިޑެންސްގައި 120 ފްލެޓް ހުންނައިރު ކޮންމެ ފްލެޓެއްގައި ތިން ކޮޓަރި އަދި ކޮންމެ ކޮޓަރިއެއްގައި ފާހާނާވެސް ހުރެ އެވެ. މީގެއިތުރުން އެތަނުގައި ޖިމަކާއި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި ސެކިއުރިޓީގެ ހިދުމަތް ލިބޭއިރު އެންޓްރަންސް ލޮބީއެއްވެސް ހުރެ އެވެ.

އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭ ގޮތަށް މި ފްލެޓްތައް ވިއްކީ 2.2 މިލިއަން ރުފިޔާ އަށެވެ.

މިފްލެޓްތައް ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ މެދުފަންތީގެ މި އެޕާޓްމަންޓް ގަތުމަށް ލޯނު ނެގި މީހުން މަހަކު ދައްކަންޖެހޭނީ 20،000 ރުފިޔާ ކަމަށެވެ. އެއީ މާލޭގައި ތިން ކޮޓަރީގެ ތަނެއް ކުއްޔަށް ދޭ ރޭޓަށް ބަލާއިރު އަމިއްލަ ކުރެވޭ ތަނަކަށް މަހަކު ދައްކަން ރަނގަޅު އަދަދެއްގެ ގޮތުގައިވެސް ސިފަކުރެއްވި އެވެ.

މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ އެންމެންނަށްވެސް ފައިދާވާ ގޮތަށް ކަމަށެވެ.

ވަން ސެންޓްރަލް ޕާކް ރެސިޑެންސް ފްލެޓްތަކަކީ މިސަރުކާރުން ކުރިއަށް ގެންދާ މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓްގެ ތެރެއިން ފެށި ފުރަތަމަ މަޝްރޫއެވެ. އެގޮތުން އެސްޖޭ ކޮންސްޓްރަކްޝަނާއި އާރްސީސީ އާއި އެޕޯލޯ އިން ވެސް ގެންދަނީ މިފަދަ މަޝްރޫއުތަކެއް ހިންގަމުންނެވެ.