ދުނިޔެ

ޔުކްރޭނަށް ދޭނެ މާގިނަ ފައިސާއެއް އެމެރިކާ އަތަކު ނެތް: ރިޕޯޓް

ޔުކްރޭނަށް އެހީވުމަށް 48 ބިލިއަން ޑޮލަރުގެ ޕެކޭޖެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިދިޔަ ޑިސެމްބަރުގައި ފާސްކުރި އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ޕެކޭޖްގެ ބޮޑުބައި ވޮޝިންގްޓަނުން މިހާރު ވަނީ ހޭދަކޮށް ޚަލާސްކޮށްފަ އެވެ.

އެމެރިކާއިން ޔުކްރޭނަށް އެހީދިނުމަށް ފައިސާ ހޯދާ ގޮތްތަކާ ބެހޭ ގޮތުން މައުލޫމާތު ހުރި މީހަކު ޕޮލިޓިކޯ ނޫހަށް ކިޔައިދިން ގޮތުން ޔުކްރޭނަށް ހޭދަކުރާނެ މާގިނަ ފައިސާއެއް އެމެރިކާ އަތަކު މިހާރަކު ނެތެވެ.

ޔުކްރޭނަށް އިތުރު ފައިސާ ދޭން އެމެރިކާ އެދޭ ނަމަ ދެން އެކަން ކުރަން ޖެހޭނީ ކޮންމެވެސް އެހެން ވިސްނުމަކުން ކަމަށް އޭނާ ކިޔައިދިނެވެ.

ކާކުކަން ނޭނގޭ އެ މީހަކު ޕޮލިޓިކޯއަށް ކިޔައިދިން ގޮތުން އެމެރިކާ އަތުގައި -- ޔުކްރޭނަށް ހޭދަކުރެވެން މިހާރު ހުރީ ހަ ބިލިއަން ޑޮލަރެވެ.

ޔުކްރޭނަށް އަރާތިބި ރަޝިއާ ސިފައިން ބޭލުމަށްޓަކައި ބާރުގަދަ ހަތިޔާރު ޔުކްރޭނަށް ބޭނުންވެ އެވެ.

އެމެރިކާ އާއި ޔޫރަޕުން ޔުކްރޭނަށް ފޯރުކޮށްދޭ ހަތިޔާރުތައް ބޭނުންކޮށް ހުސްވަމުން ދާއިރު -- އިތުރު ހަތިޔާރު ނުލިބިއްޖެނަމަ ޔުކްރޭނަށް ދެން ކުރެވޭނެ ކަމެއް ނޯންނާނެ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި މިހާރު އޮތް ބިރަކީ ޔުކްރޭނަށް ބޭނުންވާނެ އެހީ ފޯރުކޮށްދިނުމުގައި ވައިޓް ހައުސް އިން ދެން އަޅާނެ ފިޔަވަޅެވެ.

ފައިސާ ހޯދޭނެ އިތުރު ގޮތްތަކެއް މިވަގުތު ނެތްއިރު ޔުކްރޭނަށް އެހީދޭނީ ބަޖެޓްގެ ކޮން ބަޔަކުން ނަގައިގެން ކަމާ މެދު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި ވަނީ ސުވާލު އުފެދިފަ އެވެ.

ޔުކްރޭނަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުން ލަސްވެއްޖެނަމަ ޔުކްރޭންގެ އަމާޒުތަކަށް ރަޝިއާ ވެރިވެގަތުން ވާނީ އެމެރިކާއަށް ވަރަށް ބޮޑު ލަދަކަށެވެ. އަދި މި ހުރިހާ ދުވަހު ހޭދަކުރި ފައިސާ ބޭކާރުވެ ޔުކްރޭނަށް ނާކާމިޔާބުވުމަކީ ހުޅަނގުގެ ޕްލޭން މުޅިން ފޭލިވުން ކަމަށް ވާނެ އެވެ.

ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދޭން އެމެރިކާ ބޭނުންވި ނަމަވެސް ވަގުތުން ވަގުތަށް ފޯރުކޮށްދޭނެ ހަތިޔާރު ނެތުމަކީ ވެސް އޮތް ކަންބޮޑުވުމެއް ކަމަށް ޕޮލިޓިކޯ ބުނެ އެވެ. ގާނޫނު ހަދާ މަޖިލީހުން ބަޖެޓެއް ފާސްކުރި ނަމަވެސް، ހަތިޔާރު އުފައްދާ ކުންފުނިތަކަށް ކޮންޓްރެކްޓް ދިނުމަށް ފަހު ނޫނީ ހަތިޔާރު އުފައްދަން ނުފަށާނެ ކަމަށްވެސް އެ ނޫހުން ބުނެ އެވެ.