އެމްޑީޕީ

އެމްޑީޕީގެ ހަތަރު މެންބަރަކަށް ފަހުގެ އިންޒާރު

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ހަތަރަކު މެންބަރަކު ޕާޓީގެ ވިޕްލައިނާ ހިލާފުވެފައިވާތީ އެ މެންބަރުންގެ މައްސަލަ ބެލުމަށްފަހު ފަހުގެ އިންޒާރު ދީފި އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މައްސަލަ ބެލުމަށްފަހު ފަހުގެ އިންޒާރު ދީފައިވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވީ މެންބަރުންނަށް ފިޔަވަޅު އަޅަނީ ހަމަޖެހިފައިވާ އުސޫލުތަކެއްގެ ތެރެއިން ކަމަށްވާތީ ހަތަރު މެންބަރުންނަށް ފަހުގެ އިންޒާރު ދީފައިވާ ކަމަށެވެ.

"މެންބަރަކު ކުރާ ކުށެއްގެ ކުޑަ ބޮޑުމިނަށް ބަލައި ފިޔަވަޅު އެޅޭނެ ގޮތްތަކެއް ހުންނާނެ. ހަތަރު މެންބަރުންނަށް މިހާރު ދީފައިވާ ފަހުގެ އިންޒާރަކީ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އޭގެފަހުން ދީފައިވާ އިންޒާރެއް،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ފިޔަވަޅު އަޅާފައި މިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް -- ފިކުރެއްގެ ދިރުންގައި ހަރަކާތްތެރިވާ މެންބަރުންނަށެވެ.

އެމްޑީޕީގެ މަޖިލިސް ހަތަރު މެންބަރަކު ޕާޓީން ވަކިކުރުމުގެ ކުރިން ފަހުގެ އިންޒާރު ދީފައިވާއިރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިވެފައިވާ ކަމަށް ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމާފަ އެވެ. އެހެންކަމުން އޭނާއަށް ދެން އެމްޑީޕީއަށް ސޮއި ކުރެއްވޭނީ އެއް އަހަރު ފަހުންނެވެ. އަދި އެމްޑީޕީ ބައިވެރިވާ އެއްވެސް އިންތިހާބެއްގައި އާޒިމު ބައިވެރިވާން ބޭނުންވި ނަމަވެސް ކުރިއަށް އޮތް ފަސް އަހަރަށް އޭނާއަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައެއް ނުގަންނަވާނެ އެވެ.

ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނަށް ފިޔަވަޅު އަޅަނީ ޕާޓީގެ އަސާސީ ގަވައިދާއި އުސޫލުތަކާ ހިލާފަށް ރައީސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީން އެ ތުހުމަތު ދޮގުކުރެ އެވެ.