( 16 މެއި 2023 އާ ގުޅޭ )
އަހަރެންގެ ދެ ލޮލަށް އެއްވެސް ތަނެއް ނުފެނެއެވެ. މުޅި ކޮޓަރި އަނދިރިގަނޑަކަށްވެ ތަނެއްދޮރެއް ނުފެނެއެވެ. މޭގައި ނެގިނެގިފައި ހިތް ތެޅެމުންދިޔައެވެ. ބޯ ވާރޭގެ އިތުރުން ފޯނުން ލަވައިގެ އަޑު އިވިއިވި ހުރިކަން ރެއަކާލީ ދެނެވެ. އަވަހަށް ފޯނު ނަގައި އިސްކުރީނު ދިއްލާލީމެވެ. އަދި ލަވަ ނިއްވާލީމެވެ. އަނެއްކާވެސް ދޮރުގައި ތަޅައިގަތް އަޑު އިވުނެވެ.
ދިއްލިފައި ހުއްޓަސް ފޯނުގެ އިސްކުރީނުން އެއްޗެއް ނުފެންނަކަން އެނގުނީ ގަޑިންވީއިރު ބަލާލަން އުޅުމުންނެވެ. އިސްކުރީނުގައި އިނގިލި ހިންގާލުމުން ވެސް ބަދަލެއް ނައެވެ. އެންމެ ހައިރާންވީ ފޯނު ނެގިގޮތަށް އަހަރެން ލަވަ ނިއްވާލި ހަނދާންވާއިރު އަދިވެސް ލަވައިގެ އަޑު އިވިއިވި ހުރީމައެވެ. އެކަމަކު އިވެނީ ދުރުން އިވޭ އަޑެއް ފަދައިންނެވެ. ރަޖާ ދުރަށް ޖައްސާލައި އަހަރެން އެނދުން ފޭބީމެވެ. ފޯނުން އެއްޗެއް ނުފެނުނަސް އިސްކުރީނު ދިއްލިފައި ހުރީމާ އެއިން އަލިކުރަމުން ދޮރު ކައިރިއަށް އަހަރެން އައީމެވެ. ކުއްލިއަކަށް ކޮޓަރިތެރެ އަލިވެގެންދިޔައީ ވިދާލި ވިދުވަރުންނެވެ. ކޮޓަރިތެރެއިން ނުކުމެވެން ހުރި ދޮރާ ދިމާއަށް އަހަރެންގެ ނަޒަރު ދަތުރުކޮށްލީ އެހެންވެއެވެ. ފަޅިސުކުންތަކަށް ވިޔަސް ބިއްލޫރި ދޮރާއި ފަރުދާގެ ތެރެއިން އެޅިގެންދިޔަ އަލިން ކޮޓަރިތެރެ ރީތިކޮށް އަހަންނަށް ފެނުނެވެ. އަހަރެންގެ ނޭވާ ވައިނޮޅީގައި ތާށިވީ އެހިނދުއެވެ. ނެގިނެގިފައި މޭގައި ތެޅެމުންދިޔަ ހިތް ހުއްޓި ހިމޭންވެގެން ދިޔަ ފަދައެވެ. ތަންމިނަށް އަހަރެންނަށް ދެ ލޯ ބޮޑުކޮށްލެވުމާއެކު ފަސްފަހަތަށް ފިޔަވަޅު އަޅާލެވުނީ ފެނުނު މަންޒަރުން ޖެހިލުންވެ ފިލަން އުޅޭ މީހަކު ހެންނެވެ. ބިރު ނުގަންނާނީ ކާކު ހެއްޔެވެ. އެނދުގައި ނިދާފައި އެ އޮތީ އަހަރެންނެވެ. މީހާ ތުރުތުރު އަޅައިގަތުމާއެކު ބިރުން ގޮސް އަމިއްލަ ނަފްސު ނުހިފެއްޓި ހަޅޭލަވައިގަނެވުނީ އަޑުގެ ނެތްތަނަށެވެ. ބާރު ގުގުރީގެ އަޑު އިވިގެން ދިއުމާއެކު އެ އަޑުގެ ތެރެއަށް އަހަރެންގެ އަޑު ހިނދުނީއެވެ. އަދި ކުއްލިއަކަށް އަހަރެން އަރިއަޅާލައި ވެއްޓުނީއެވެ. ވާގިނެތުނު ފަދައިން އަހަރެންގެ ދެ ލޯ މެރުނީއެވެ. ތަޅުމުގައި ބޯޖެހުނުކަން އެނގެއެވެ. ނިތްކުރިން ވައަތް ފަރާތުން ތަދު އިޙްސާސްވިއެވެ. އެގޮތުގައި އަހަރެންނެއް ނޯންނަނަމެވެ. ޚަބަރު ހުސްނުވާކަން އަހަރެންނަށް ޔަގީނެވެ. ވާނުވާ އެނގޭނީ އެހެންވީމަ ނޫންހެއްޔެވެ. ނިތްކުރީގައި ފިރުމަމުން އަހަރެން ތެދުވިއިރު އިނދެވުނީ އެނދު ބުޑުގައެވެ. ކޮޓަރިތެރޭގައި ކުރީން އޮތް އަނދިރިކަމެއް ނެތެވެ. ނިދަންވެގެން ދިއްލާފައި ހުރި ރީނދޫކުލައިގެ ފަނޑު ބޮކިން ކޮޓަރިތެރެ އޮތީ ފެންނާށެވެ. އަހަރެން ބައުޖަހާފައި ނިކަން ހަލުވިކޮށް އެނދާ ދުރަށް ދެމިގަތީމެވެ. އަދި އެނބުރި އެނދާ ދިމާއަށް ބަލާލީމެވެ. އެނދުގައި ވެސް މީހަކު ނެތެވެ. ބޯއަޅާ ބާލީސް ކައިރީ އޮތް ފޯނުން ހިންދީ ލަވައިގެ އަޑު އިވެމުން ދިޔައެވެ. އެއާއެކު އަހަރެންގެ އަތަށް ބަލާލީމެވެ. ގައިމު އަހަރެން ހުރީ ފޯނު ހިފައިގެންނެވެ. އެކަމަކު މިހާރު ފޯނު ވެސް އެ އޮތީ އަހަރެން ލަވަޖަހާފައި ބާލީސް ކައިރީ ބޭއްވިގޮތަށެވެ.
"ނޯ... ނޯވޭ... އިޓްސް ނޮޓް އަ ޑްރީމް. ހަޤީޤަތެއްހެން ހީވީ." އަމިއްލަ ނަފްސާ އަހަރެން އަރައިރުންވީމެވެ. ހުވަފެނެކޭ ހަމަ ހީނުވާތީއެވެ. އަހަރެންގެ މޭ އޭރު ވެސް ބިރުން ތެޅޭކަމުގެ އިޙްސާސް ވޭވޭ ހުއްޓެވެ. ދޮރާދިމާއަށް އަވަހަށް ބަލާލީމެވެ. ކުރީން ދޮރުގައި މީހަކު ތަޅާއަޑު އިވުނަސް މިހާރު އެ އަޑެއް ވެސް ނީވެއެވެ. ތަޅުންމަތީ އެ އިންގޮތަށް ގަބުވެފައި އިރުކޮޅަކު އަހަރެން އިނީމެވެ. ވީގޮތެއް ސިކުނޑިއަށް ނަގައިގެންނަން ދަތިވެފައެވެ. ދެން މަޑުމަޑުން އަހަރެން ތެދުވެ ނިކަން ސިއްރު ފިޔަވަޅުގައި އެނދުކައިރިއަށް އައިސް ފޯނު ނެގީމެވެ. އިޝާރާތެއްވެލާއިރަށް ފޯނުގެ އިސްކުރީނު ދިއްލިއްޖެއެވެ. އިވެމުންދިޔަ ލަވައިގެ ޕޯސްޓަރު ޕްލޭލިސްޓުން ފެންނަން ހުއްޓެވެ. ފޯނު ބަރާބަރަށް މަސައްކަތް ކުރިއެވެ. މިފަހަރު ލަވަ ނިއްވާލުމުން އިތުރަށް ލަވައިގެ އަޑެއް ވެސް ނީވުނެވެ. ގަޑިންވީއިރު އަހަރެން ބަލާލީމެވެ. ބަރާބަރު ތިންގަޑި ދިހައެއްވީއެވެ. އެނދާ ދިމާއަށް އިރުކޮޅަކު ބަލަން ހުރީމެވެ. ތަފާތުކަމެއް ލޮލަކު އަޅައެއް ނުގަތެވެ. އެހެންވެ އެނދަށް އަރާ ރަޖައިން ފައިކޮޅު ފޮރުވާލައި ހެޑްބޯޑުގައި ލެނގިލައިގެން އިނީމެވެ. ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. މިވަގުތު އެކަނި އިންނަންވީމަ ގެންފައި ހުރި ބިރު ބޮޑުވާންފެށީއެވެ. އަހަރެންގެ ޟަމީރު ޤުރުއާން ޖަހަން ހަނދާންކޮށްދިނީ އެވަގުތެވެ. އެ ހަނދާންވުމާއެކު ވަގުތުން ކުރުސި ކިޔަންފެށީމެވެ. ހެޔޮއެއްޗެއް ހިތަށް އެރިކަން ނަސީބެކެވެ.
ރޭގެ ބާކީ ފާއިތުވެގެން ދިޔައީ އަހަރެންނަށް ނުނިދިއެވެ. ހަޤީޤަތަކީ އަހަރެން ނިދަން ބިރުގަތީއެވެ. އެނދުގައި އެގޮތަށް ކޮޅަށް އިނދެ ދޭތެރެއަކުން ތާއްޔާޖެހެއެވެ. ނިދެނީ އެފަދަ ވަގުތެއްގައެވެ. ދެން އަނެއްކާވެސް ސިއްސައިގެން ގޮސް ހޭލެވެނީއެވެ. ވަސްވާސްތައް ހިތުން ނެރި ބިރުވެރިކަން ފިލާނޭ ފަދަ ވިސްނުމެއްގައި އިންނަން އަހަރެން މަސައްކަތް ކުރީމެވެ. ހިތާއި އަމިއްލަ ނަފްސުގެ ހަމަޖެހުމަށް ޓަކައި އަހަރެންނަށް ހުވަފެނެއް ފެނުނީކަމުގައި ނިންމީމެވެ. އަހަރެންނަކީ ދުވަހަކުވެސް ނިދީގައި ތެދުވެ އުޅޭ މީހެއްނޫނެވެ. އަދި ޒާތްޒާތުގެ ހުވަފެން ފެންނަ މީހެއް ވެސް ނޫނެވެ. އެހެންވިޔަސް މިވަގުތު ހިތުގެ ހަމަޖެހުން މާބޮޑަށް ވެސް މުހިންމެވެ. އާދަޔާ ޚިލާފުކަމެކޭ ހީވިޔަސް އެކަމާ އަޅާނުލުން އެއީ އަހަރެންނަށް ފެނުނު އެންމެ ރަނގަޅު ގޮތެވެ. ކުރިޔަށް އޮތް ރޭތަކުގައި އަހަރެން ނިދަން އަންނަން އޮތް ތަނަކީ އެ ގެސްޓްހައުސްއަށް ވީމައެވެ.
ހެނދުނު ހައެއް ޖެހުމުން އަހަރެން އެނދުން ފޭބީ ޔަގީނުން ވެސް އެހާއިރު ދުނިޔެ މައްޗަށް ހުންނާނީ އިރުއަރައި އަލިވެފައިކަން އެނގޭތީއެވެ. އެހެންވިޔަސް ވެހެމުންދާ ވާރޭއަށް ބަދަލެއް ނާދެއެވެ. އަހަރެން ފާޚާނާއަށް ވަނީ ވެސް ފާޚާނާގެ ދޮރު ހުޅުވާފައި ބަހައްޓައިގެންނެވެ. ހޫނުފެނުން ފެންވަރާލައިގެން ނުކުތްއިރު މީހާ ހުރީ ވަރަށް ތަޒާވެފައެވެ. ބޮލުގައި ހުރި ރިހުން ވެސް ކުޑަވިއެވެ. ހެދުން ބަދަލުކޮށްލުމަށްފަހު ކޮޓަރިން ނުކުމެވެން ހުރި ބެލްކަނީގެ ދޮރުކައިރިޔަށް އައިސް ފަރުދާ ހިއްލާލީމެވެ. އިރުއަރައިފިއެވެ. އެހެންވިޔަސް ވިއްސާރައިގެ ސަބަބުން ފުސްވިލާތައް ޖަމާވެ ދުނިޔެމަތި އޮތީ އަނދިރިކޮށްލާފައެވެ. ފަރުދާ ދޫކޮށްލާފައި އަހަރެން އައިސް ރީތިވާ މޭޒުމަތީ ރޭގައި ބެހެއްޓި ކޮތަޅުތަކުން އިތޫ އަހަންނަށް ދިން ކޮތަޅު ނަގައި ބަލާލީމެވެ. ހުރީ ކުދިގުޅައާއި ތެއްލިބަނބުކެޔޮ ކޮޅެކެވެ. އަހަންނަށް ވަރަށް ކަމުދާ ދެ ބާވަތެވެ. އެހެންވިޔަސް މިވަގުތު އެ ކާހިތެއްނެތެވެ. އެހެންވެ ގޮށްޖަހާލާފައި އިހު ހުރިހެން ރީތިވާ މޭޒުމަތީ ކޮތަޅު ބަހައްޓާފައި ކޮޓަރިން އަހަރެން ނުކުތީމެވެ. އެއާއެކު ފަޒާގެ ފިނިކަމާއެކުވެގެން އައިސް އަހަރެންގެ ނޭފަތުގައި ޖެހުނީ ތެމިފައިވާ ގަސްވަހާއި ބިންވަހާ އެކުވެފައިވާ ޤުދުރަތީ ވަހެކެވެ. ހަށުފުރާލުމާއެކު ފުން ނޭވާއެއް ދޫކޮށްލީމެވެ. ރޭގަނޑުގެ އަނދިރިކަމާއި ދުވާލުގެ އަލިކަމާ އިންސާނާ ބައްދަލު ކުރާ ގޮތް ހާދަ ތަފާތޭ އަހަރެން ހިތަށް އެރިއެވެ. ރޭގައި އެ ސަރައްކާލިން ކޮޓަރިއާ ހަމައަށް އަންނަން ވެސް އަހަރެން ބިރުގެންފައި ހުރިއިރު މިހާރު އަހަރެންގެ ހިތަކު އެފަދަ ޖެހިލުންވުމެއް ނެތެވެ. އެ ޚިޔާލުތަކާއެކު ކުޑަކޮށް އަހަރެންނަށް ހީނލެވުނެވެ. ހުރިހާ ވެސް އެއްޗަކީ މީހާގެ ހިތޭ އަހަރެން އަމިއްލަ ނަފްސަށް ބުނެލީމެވެ.
ބަދިގެއަށް އަހަރެން އައިސް ވަނީމެވެ. އަބަދުލް ކޮފީމަގެއް ހިފައިގެން ނުކުންނަން އައީ އެވަގުތެވެ. މެޑަމްއޭ ކިޔާ އޭނާ އަހަންނަށް ގޮވާލައި ހެނދުނުގެ ސަލާމްކޮށްލިއެވެ. ހިނިތުންވުމަކާއެކީ އޭނާއަށް ޖަވާބުދީފައި އަހަރެން ވެސް އުޅުނީ ކޮފީއެއް ހަދާށެވެ. ކޮފީޖޯޑު ހިފައިގެން އަހަރެން ނުކުތީ ގެސްޓްހައުސްގެ ދޮރު މައްޗަށެވެ. ދޮރުމަތިން ހިޔާކޮށް ތަޅުންއަޅާފައި އޮތް ބައިގައި ދިގު ބެންޗެއް ފާރުގައި ޖައްސާފައި ހުއްޓެވެ. އަހަރެން އައިސް އިށީނީ އެ ދިގު ގޮނޑީގައެވެ. ކުރިމަތިން ގެސްޓްހައުސްގެ މައި ދޮރޯށްޓާއި ބަގީޗާ ހައްދާފައި ހުރި ދިމާ ތިރިފާރުމަތިން އަތިރިމައްޗާއި މޫދު ފެންނަން އޮތެވެ. ލޮލުގެ ހިމަކޮޅުން މީހެއްގެ ހިލަންވީހެން ހީވެ ބަލާލިއިރު ކުޑައެއް ނަގައިގެން އަބްދުލް އަންނާތީ ފެނުނެވެ. އޭނާ އެ އަންނަނީ އެއްފަރާތުގައި ވަކިން ހުރި ބީޗްހައުސްއިން ނުކުމެގެންކަން އަހަރެންނަށް އެނގުނެވެ.
"ފަޒީލުގެ ދޮންބެ އައީތަ؟. ގައިމު ބުނި ގެސްޓުން ގޮވައިގެން ފަޅު ރަށަށް ގޮހޭވީ. ދެ ދުވަހެއްވަރު ވާނޭ." އެ ދިމާއަށް ބަލަން އިނދެ އަމިއްލަ ހިތާ އަހަރެން ވާހަކަދެއްކީމެވެ. އަބްދުލް އަހަރެން ކައިރިން އަޅާފައި ގެސްޓްހައުސްއަށް ވަދެގެންދިޔައެވެ.
"އިތޫއަށް ގުޅަންވީ ކަންނޭނގެ. ފަތިސް ނަމާދަށް ތެދުވާގޮތަށް އޭނާ ހޭލާ އުޅޭނީ." އަހަރެން ހިތަށް އެރިއެވެ. ހަރުވާޅުގެ އަރިމަތީ ޖީބުގައި އޮތް ފޯނު ނެގީމެވެ. ކޮފީޖޯޑު ހޫނުކަމުން އިހަށް ގޮނޑިމަތީ ބަހައްޓާލީއެވެ.
އަހަރެން ހީކުރި ފަދައިން އިތޫއަށް ގުޅިއިރު އޭނާ އުޅެނީ ހޭލައެވެ. އަހަރެން އަންނަނީ ކޮންއިރަކުންތޯ އޭނާ އެހިއެވެ. މިހާ ވިއްސާރައިން އަހަރެން ބޭނުންވީ އިހަށް ގެސްޓްހައުސްގައި މަޑުކޮށްލާށެވެ. މެންދުރަށް ދާނަމޭ އިތޫ ކައިރީ ބުނީމެވެ. އަހަރެން ގޭގައި ނުބެހެއްޓީމައި ބައްޕަ އެކަމަށް ފާޑުކިޔައިފިއޭ އިތޫ ބުންޏެވެ. އަހަރެން ޖަހާލީ ހިނިގަނޑެކެވެ.
"އެނގޭތަ؟. ކުޑަބެ ބުނެފި އޭނާގެ ކޮޓަރީގައި އާނަ ބެހެއްޓިޔަސް އެންމެ ރަނގަޅޭ." މަޖާވެލާފައި އިތޫ ބުންޏެވެ.
ހޫދުއާ ބައްދަލުވެ އަހަރެމެންގެ ދެމެދުގައި ކަންތައްތައް ހިނގައިދިޔަ ގޮތް އަހަރެންގެ ހަނދާނަށް ވަގުތުން އައެވެ. އޭނާ ފުށުން ފެނުނު ފޮނިކަމާއި ބޮޑާކަމެވެ. އެހެންވިޔަސް އެއީ ފިރިހެންވަންތަ ރީތި މީހެކެވެ. ހިތުގައި އެ ތަޢުރީފާއެކު އަހަރެން ބޯހޫރާލީމެވެ. އެފަދަ ޚިޔާލެއް ކުރާން ބޭނުންނުވީއެވެ.
"ދެން ކުޑަބެ ނިދަނީ ކޮންތާކު؟." އަހަރެން އަހާލީމެވެ.
"ބައްޕަމެން ކޮޓަރީގައޯ. އެހާ ގިނަދުވަހު ކުޑަބެ ރަށަކު ނުހުންނާނެ." އިތޫ ބުންޏެވެ.
ހޫދަކީ ފުލުހެއް ކަމާއި އޭނާ މަސައްކަތް ކުރަނީ އަތޮޅު ސްޓޭޝަންގައިކަން އަހަރެންނަށް އެނގުނީ ދެނެވެ. ރަށުގައި އެހާ ގިނަ ދުވަހަށް ހޫދު ނުހުންނަނީ ވަޒީފާގެ ސަބަބުންކަން އިތޫ ބުނީމައެވެ. އެހެންވިޔަސް އަހަރެން އެގެއަށް ދެން ބަދަލުވާ ޚިޔާލެއް ނުކުރަމެވެ. މިހާރު ހަމަޖެހިފައި މިއޮތްގޮތް ރަނގަޅޭ ހިތް ބުނާތީއެވެ. އަހަންނާއި އިތޫ ފޯނުގައި ވާހަކަދައްކަން އިރުގަނޑަކު ތިބީމެވެ. ރޭގައި ރަނގަޅަށް ނުނިދޭތީ އަދި ނިދާލަން ދާނީކަން އަހަރެން ބުނެލީ އިތޫ އަންނާށޭ ކިޔާވަރުންނެވެ. އަހަރެން އެ އުޒުރު މިފަހަރު އިތޫ ބަލައިގަތެވެ. ފަޒީލަށް ގުޅައިގެން މެންދުރަށް އަހަރެން ދާނަން ކަމުގެ ޔަގީންކަން ފޯނު ބޭއްވުމުގެ ކުރީން އިތޫއަށް ދިނީމެވެ. ފޯނުކޯލު ނިންމާލާފައި ގޮނޑިމަތީ ފޯނު ބާއްވާލީމެވެ. އަދި ކޮފީޖޯޑު ނަގައި އެއިން އެތިފޮދެއް ބޯލަން ތުނބުގައި ޖަހާލީމެވެ. ބީޗްހައުސްގެ ޑެކުމައްޗަށް ނުކުމެ ލަކުޑި ރެއިލިން ކައިރީ މަޑުކޮށްލައިގެން ހުރި ޒުވާނާ އަހަރެންގެ ލޮލުގައި އަޅައިގަތީ ދެނެވެ. ހުދުކުލައިގެ ދޫ ހަރުވާޅުގައި ވައިއަޅާފައި ހުރިއިރު ފޫޅުންމަތި ވަނީ ހާމައަށެވެ. އަވީގައި ނޫނީ މޫދުގައި ގިނަވަގުތު ހޭދަކުރާކަން އޭނާގެ ހަންގަނޑުން ހެކިދެއެވެ. އިސްތަށިގަނޑު ދިގުކޮށްފައިކަން އެނގެނީ ފަހަތަށް އޮމާންކޮށް އައްސާފައި ހުރީމައެވެ. އޭނާ ހުރީ ޖޯޑެއް ހިފަހައްޓާލައިގެންނެވެ. އޭނާ ވެސް ކޮފީބޯން ނުކުމެލީ ކަންނޭނގެއެވެ.
"ފަޒީލުގެ ދޮންބެތަ އެއީ. އެހެންވީމަ އަބަދުލް ކޮފީ ގެންދިޔައީ އޭނާ އުޅޭތީ ދޯ." ހިތާހިތާ އަހަރެން ކިޔާލީމެވެ. އަހަރެން ބަލަން އިންކަން ފާހަގަވީ ކަންނޭނގެއެވެ. އޭނާގެ ނަޒަރު އަހަރެން އިން ދިމާއަށް ހުއްޓުނެވެ. އިރުކޮޅަކު ބަލަން ހުރެފައި އޭނާ އެނބުރި އެތެރެއަށް ވަނީއެވެ.
ފޯނަށް މެސެޖެއް އައިސްގެން އަހަރެން ބަލާލިއިރު ފަޒީލުގެ މެސެޖެކެވެ. ހޭލާ އުޅެންޏާ އޭނާއަށް ޚަބަރެއްވެލަން ބުނެފައި އޮތެވެ. އަހަރެން ވަގުތުން އޭނާގެ ނަންބަރަށް ގުޅީމެވެ.
"ތިކޮޅަށް ދާން ރެޑީވާތީ ބަލާލީ ހޭލާތޯ." ފަޒީލު ބުންޏެވެ.
"އާދޭ އާދޭ. ހޭލާ ކޮފީބޯން މިހާރު މިއިނީ." އަހަރެން ބުނީމެވެ. އެ ކޯލު ދިގެއްނޫނެވެ.
ކޮފީ ހުސްވުމުން އަހަރެން ތެދުވީ އެނބުރި ބަދިގެއަށް ދާށެވެ. ތަށިދޮވެފައި އައިސް ފަޒީލު އަންނަންދެން ބޭރު ގޮނޑީގައި އަނެއްކާވެސް އިނީމެވެ. ގެސްޓްހައުސް ތެރެއިން ބައެއްގެ އަޑު އިވުނެވެ. ބޭރު ބަހަކުން ވާހަކަދައްކާތީ އެއީ ކޮންބައެއްކަން ނަގައިގަންނަން ދައްޗެއް ނުވިއެވެ. ހަތަރު މީހުންނާއެކު ދޮރުމައްޗަށް އަބްދުލް ނުކުތެވެ. އެއީ ޒުވާން ޖޯޑަކާއި ތަންކޮޅެއް އުމުރުން ދުވަސްވެފައި ތިބި ދެ މީހުންނެވެ. ދޮރުމަތީ އެމީހުންގެ ލަގެޖުތައް ނެރެ ބެހެއްޓުމުގެ މަސައްކަތް އަބްދުލް ކުރަނީއެވެ. އަހަރެންނަށް ފާހަގަވީ ޒުވާން ދެ މީހުންނަށް އަހަރެން ފެނުމުން އަޖައިބުވެފައި ބެލީމައެވެ. އެ ދެ މީހުން އަހަންނަށް ބަލާފައި ސިއްރު ވާހަކަތަކެއް ދެއްކިއެވެ. އެމީހުން ބަލާތީ އަހަރެން ހިނިތުންވެލީމެވެ. ގަދަކަމުން ބަދަލުކޮށްލި ހިނިތުންވުމެއް އެމީހުން އަހަންނަށް ދީފައި އަވަސްއަވަހަށް ނަޒަރު ވަކިކޮށްލައިފިއެވެ. އަދި ދެން ތިބި އުމުރުން ދުވަސްވީ ދެ މީހުންގެ ތެރެއިން އަންހެންމީހާގެ ކައިރީ ސިއްރު ވާހަކަތަކެއް ދެއްކިއެވެ. އެއާއެކު ލޮލުގެ ހިމަކޮޅުން އެ އަންހެންމީހާ އަހަރެން އިން ދިމާއަށް ބަލާލިކަން ފާހަގަވިއެވެ.
"އެއީތަ؟." ދުވަސްވީ އަންހެންމީހާ އިނގިރޭސި ބަހުން ބުނި އަޑު އަހަންނަށް އިވުނެވެ. ނަމަވެސް އެއްކަލަ ޒުވާން ދެ މީހުން ވާހަކަދެއްކީ އިނގިރޭސި ބަހަކުންނޫނެވެ.
ކިތަންމެ ހައިރާންވީ ނަމަވެސް އެމީހުންނަށް ވީގޮތެއް އަހަރެންނަކަށް އޮޅުމެއް ނުފިލިއެވެ. އަހަރެން ފެނުމުން އެމީހުންނަށް ބަދަލުތަކެއް އަތުވެއްޖެކަން ޔަގީނެވެ. އެމީހުން އެ އުޅޭ ގޮތުން ހިސާބަކަށް އަހަންނަށް އުނދަގޫވާން ފެށިއެވެ. ދޮރޯށި ދޮށަށް ކާރު މަޑުކޮށްލީ އެވަގުތެވެ. ކާރުން ފައިބައިގެން ފަޒީލު ވަދެގެން އައީ ދުވެފައެވެ. އޭނާ ފެނުމުން އަހަރެން ހިތްހަމަޖެހުނެވެ.
(ނުނިމޭ)