ފިނިޕޭޖް

ޓިމް ބާޓަން 35 އަހަރު ފަހުން "ބީޓްލްޖޫސް 2" ހަދަނީ

ޓިމް ބާޓަން 1988 ގައި ނެރުނު ފެންޓަސީ ހޮރޯ ކޮމެޑީ ފިލްމް "ބީޓްލްޖޫސް"ގެ ދެވަނަ ބައެއް ހަދަނީ އެވެ.

މި ފިލްމްގައިވެސް ބީޓްލްޖޫސްގެ ރޯލް މައިކަލް ކީޓަން އަދާކުރިއިރު، ވައިނޯނާ ރައިޑާ އާއި ކެތަރިން އޯ ހާރާ ލީޑިއާ އަދި ޑީލިއާ ޑީޓްޒްގެ ރޯލް އަދާކުރާނެ އެވެ.

މީގެ އިތުރުން ވައިނޯނާގެ ދަރިފުޅުގެ ރޯލުގައި "ވެންސްޑޭ"ގެ ތަރި ޖެނާ އޯޓޭގާ ކާސްޓުކޮށްފައިވާއިރު، ބީޓްލްޖޫސްގެ އަންހެނުންގެ ރޯލަށް މޮނިކާ ބެލޫޗީ ކާސްޓްކޮށްފައިވެ އެވެ. އަދި ވިލެމް ޑެފޯ ރޫހާނީ ފުލުހަކަށް ހޮވާފައިވާއިރު، ނޭގޭ ރޯލަކަށް ޖަސްޓިން ތޮރޫ ލާފައިވެ އެވެ.

މި ފިލްމު ޓިމް ބާޓަން އާއި ބްރެޑް ޕިޓްގެ ޕްލޭން ބީ އިން ޕްރޮޑިއުސްކުރާއިރު، މި ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ "ވެންސްޑޭ"ގެ އަލް ގޯ އާއި މައިލްސް މިލާ އެވެ.

"ބީޓްލްޖޫސް" އަކީ 15 މިލިއަން ޑޮލަރުގެ ބަޖެޓަކަށް 74 މިލިއަން ޑޮލަރު ލިބުނު ކާމިޔާބު ފިލްމެކެވެ. މި ފިލްމަށް ބެސްޓް މޭކަޕް ކެޓަގަރީން އެކަޑަމީ އެވޯޑްސް ލިބިފައިވެ އެވެ. މިފިލްމްގެ ތަރިންގެ ތެރޭގައި އެލެކް ބޯލްޑްވިން، ޖީނާ ޑޭވިސް، ސިލްވިއާ ސިޑްނީ އަދި ޖެފްރީ ޖޯންސް ހިމެނެ އެވެ.

މި ފިލްމްގެ މައިގަނޑު ޕްލޮޓަކީ ދާދި ފަހުން މަރުވެ ރޫހަށް ވެފައިވާ ދެމަފިރިއަކު، އެމީހުންގެ ގެ ވިކި އެހެން އާއިލާއެއް އެ ގެއަށް ދިރިއުޅެން އައުމުން، ބީޓްލްޖޫސް ކިޔާ ރޫހެއް އެ އާއިލާ ބިރުގަންނަވާ އެ ގޭން ނެރޭވަރު ކުރަން މަސައްކަތްތަކެއް ކުރާ މަންޒަރުތަކެއް ދައްކުވައިދޭ ފިލްމެކެވެ. މިއީވެސް ޓިމް ބާޓަންގެ ގޮތިކް ސްޓައިލަށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމަށް ކާޓޫން ސީރީޒަކާއި މިއުޒިކަލް އެއްވެސް ހަދާފައިވެ އެވެ.

"ބީޓްލްޖޫސް 2" ރިލީޒްކުރަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 6، 2024 ގައެވެ.