ރައީސް އޮފީސް

މުގުނީ މަގާމުން ވަކިކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަގަށް ގޮވުމާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ މަގާމުން ވަކިކޮށްފި އެވެ.

މުގުނީ މަގާމުން ވަކިކުރުމުގެ ކުރިން ރައީސް އޮފީހަށް ހާޒިރުކޮށް އޭނާއަށް އޭނާއަށް ނަސޭހަތްތެރިވެފައިވެ އެވެ.

މުގުނީ މަގާމުން ވަކިކުރިކަން ރައީސް އޮފީހުން ޔަގީންކޮށްދިން ނަމަވެސް ވަކިކުރި ސަބަބެއްް ނުބުނެ އެވެ.

ރައީސް ސޯލިހަށް އަމާޒުކޮށް މުގުނީ ވަގަށް ގޮވީ ކުރެއްވި ޓްވީޓެއްގަ އެވެ. ފަހުން މުގުނީ ވަނީ ޓްވީޓް ފޮހެލާފަ އެވެ.

"ހިންނަވަރު ވަގު އިބްރާހީމް ލީޑްކުރަނީ ކުންފުންޏެއް ހިންގުމުގެ އެއްވެސް ގާބިލްކަމެއް ނެތް ކޮރަޕްޓް ވަގު މީހުންގެ ޓީމަކާއެކީ،" މުގުނީ ކުރެއްވި ޓްވީޓްގައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިސަރުކާރުގައި އެންމެ ފުރަތަމަ މުގުނީ ހަމަޖެއްސެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. އޭގެފަހުން މިދިޔަ އަހަރުގެ މާޗް އެއްވަނަ ދުވަހުން ފެށިގެން މަގާމުން ވަކިކުރެއްވުމާ ހަމައަށް މުގުނީއަށް ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގަ އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގައި މުގުނީ އަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރެކެވެ.