ފިނިޕޭޖް

ޖޯން ޓްރެވޯލްޓާ އާއި ކެތަރިން ހައިގަލް ރޮމް-ކޮމް އެއް ކުޅެނީ

ޖޯން ޓްރެވޯލްޓާ އާއި ކެތަރިން ހައިގަލް ރޮމޭންޓިކް ކޮމެޑީ "ދެޓްސް އަމޯރް" ކުޅެނީ އެވެ.

ޕެލިސޭޑްސް ޕާކް ޕިކްޗާސް އިން މި ފިލްމުގެ ހަބަރު އިއުލާންކުރީ ކާން ފިލްމް ފެސްޓިވަލް ގައެވެ.

ޖޯން ޓްރެވޯލްޓާ، 69، އަކީ "ގްރީސް"، "ސަޓަޑޭ ނައިޓް ފީވާ"، "ލުކް ހޫޒް ޓާކިން" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އެކްޓަރެކެވެ. ކެތަރިން ހައިގަލް، 44، އަކީ "ރޮޒްވެލް"، "ގްރޭޒް އެނެޓޮމީ" އަދި "ފަޔާފްލައި ލޭން" ފަދަ ސީރީޒްއާއި "27 ޑްރެސަސް" ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓްރެސް އެކެވެ.

"ދެޓްސް އަމޯރް"ގައި ޖޯން އަދާކުރާނީ ނިކް ވެނިއާ ނަމަކަށް ކިޔާ ދުވަހަކުވެސް ކައިވެނި ނުކުރާ އަދި ލޯބީގެ ގޮތުން އެހާ ކާމިޔާބު ނުވާ މީހެއްގެ ރޯލެވެ.

ނިކްއަށް ދުވަހަކުވެސް މީހަކު "އައި ލަވް ޔޫ" އެއް ނުބުނެ އެވެ. ކެތަރިންގެ ރޯލަކީ ޕެޓީ އަމޯރް އެވެ.

ޕެޓީ އަކީ ލަދުރަކި ވާހަކަ ދައްކަން ނުކުރޭ، ޑޭޓްކުރުން ހުއްޓާލާފައިވާ އަންހެނެކެވެ.

ޕެޓީގެ މާޒީގެ ސިއްރަކާއި ވަރަށް ރައްކާތެރި ބައްޕައެއްގެ ސަބަބުންވެސް ޑޭޓްކުރަން އުނދަގޫވެ އެވެ. ނިކް އާއި ޕެޓީ ދިމާވެ، ޑޭޓްކުރަން ފެށުމުން އާއިލާއިން އެކަމާ ބެހެން ފަށަ އެވެ. އަދި ވަރަށް މަޖާ ކަންކަން ދިމާވެ އެވެ.

އަޑުއިވޭ ގޮތުގައި ކެތަރިންގެ ބައްޕަގެ ރޯލު އަދާކުރާނީ ކްރިސްޓޮފާ ވޯކަން އެވެ.

ނިކް ވެލަލޮންގާ ޑައިރެކްޓްކުރާ މިފިލްމްގެ ޝޫޓީން އަންނަ އޮގަސްޓް މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފިލްމް ރިލީޒްކުރާ ތާރީހް އަދި ހާމަކޮށްފައެއް ނުވެ އެވެ.