އެފްރިކާގެ ގައުމެއް ކަމަށްވާ އެރިޓްރިއާއިން ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް -- އެފްއެސްއެމްގެ ދެ ބޯޓުގައި ތިބި ދިވެހި ފަޅުވެރިންނަށް ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވަރަށް އަވަހަށް އެ ގައުމަށް ދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މިސްރުން ފުރައިގެން ރާއްޖެއަށް ދަތުރުކުރަނިކޮށް މި ދެ ބޯޓު އެރިޓްރިއާގެ ސިފައިން ހިފެހެއްޓީ ހުއްދަ ނުހޯދާ އެގައުމަށް ވަތް ކަމަށް ބަލާފައި މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެރިޓްރިއާގައި ދިވެހި ފަޅުވެރިންނާއި މިސްރުގެ ފަޅުވެރިންނާއެކު އެފްއެސްއެމްގެ ބޯޓުތައް ހިފަހައްޓާފައިވާ ކަމުގެ މައުލޫމާތު ލިބުމުން އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އެގޮތުން ރާއްޖޭން ބޭރުގައި ގާއިމު ކުރެވިފައިވާ ދިވެހިރާއްޖޭގެ އެމްބަސީތަކުން އެގައުމުތަކުގައި ހުރި އެރިޓްރިއާގެ އެމްބަސީތައް މެދުވެރިކޮށް އެރިޓްރިއާގެ ސަރުކާރާ ވާހަކަ ދައްކަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ދިވެހި ފަޅުވެރިންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ނިއު ޔޯކުގައި ހުންނަ އެރިޓްރިއާގެ ދާއިމީ މިޝަނާއި ރާއްޖޭގެ ދާއިމީ މިޝަނުން މިމައްސަލަ އަށް އަވަސް ހައްލެއް ހޯދޭތޯ ބަލަމުންދާ ކަމަށެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވި ގޮތުގައި ދެ ބޯޓު އެރިތުރިއާއަށް ވަނީ މޫސުން ގޯސްވެ ބޯޓެއްގެ ހުންގާނަށް މައްސަލަ ދިމާވުމުންނެވެ.
ކޮންމެ ބޯޓެއްގައިވެސް ދެ ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިން ތިބިއިރު ވަރަށް އުނދަގުލުން ނަމަވެސް އެ ބޯޓުތަކަށް ގުޅޭ ކަމަށް ގަސަމް ވިދާޅުވި އެވެ.