ފިއުލް ސަޕްލައި މޯލްޑިވްސް

ހިފަހައްޓާފައިވާ ދެ ބޯޓު ގެނައުމުގެ މަސައްކަތް ފަށައިފި

May 16, 2023

އެފްރިކާގެ ގައުމެއް ކަމަށްވާ އެރިޓްރިއާއިން ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް -- އެފްއެސްއެމްގެ ދެ ބޯޓު ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

މިސްރުން ފުރައިގެން ރާއްޖެއަށް ދަތުރުކުރަނިކޮށް މި ދެ ބޯޓު އެރިޓްރިއާގެ ސިފައިން ހިފެހެއްޓީ ހުއްދަ ނުހޯދާ އެގައުމަށް ވަތް ކަމަށް ބަލާފައި މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވި ގޮތުގައި ދެ ބޯޓު އެރިޓްރިއާއަށް ވަނީ މޫސުން ގޯސްވެ ބޯޓެއްގެ ހުންގާނަށް މައްސަލަ ދިމާވުމުންނެވެ.

"އެއީ އެހާ ބޮޑެތި ބޯޓުތަކެއް ނޫން. އެރިތުރިއާއަށް ވަނުމުގެ ކުރިން ބޯޓުން ޕޯޓަށް ކޯލް ކުރި ނަމަވެސް ނުގުޅުނު،" ގަސަމް ވިދާޅުވި އެވެ.

ކޮންމެ ބޯޓެއްގައިވެސް ދެ ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިން ތިބިއިރު ވަރަށް އުނދަގުލުން ނަމަވެސް އެ ބޯޓުތަކަށް ގުޅޭ ކަމަށް ގަސަމް ވިދާޅުވި އެވެ.

ގަސަމް ވިދާޅުވީ ދެ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށާއި އެރިޓްރިއާގެ ސިފައިން އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭ ކަމަށެވެ.

އެރިޓްރިއާއަކީ ރާއްޖެއާ ސިޔާސީ ގޮތުން ގުޅުން ބޮޑު ގައުމަކަށްނުވާތީ މައްސަލަ ހައްލުކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ.

ގަސަމް ވިދާޅުވީ ފޮރިން މިނިސްޓްރީ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އެރިޓްރިއާގެ ހައިކޮމިޝަނާއި ރާއްޖޭގެ ހައި ކޮމިޝަނުން މަޝްވަރާކުރަމުންދާ ކަމަށެވެ.

އެރިތުރިއާގައި ހިފަހައްޓާފައިވާ ދެ ބޯޓަކީ މިސްރުގައި ބަނދެގެން ރާއްޖެއަށް ދަތުރުކުރި ދެ ބޯޓެވެ. އެފްއެސްއެމްއަށް ހަތަރު ބޯޓު ބަންނަން ހަވާލުކުރީ 2019 ވަނަ އަހަރު އެވެ. އޭގެ ތެރެއިން ދެ ބޯޓު ވަނީ މީގެ ކުރިން ރާއްޖެ ގެނެސްފަ އެވެ.