ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަރަށް އަވަހަށް ހުށަހަޅާނަން: އިދިކޮޅު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އެންމެ ބޮޑު އިހުމާލެއްވީ ރައީސް ސޯލިހް ކަމަށެވެ.

"މި މައްސަލައިގައި ހަގީގަތުގައި އެންމެ ބޮޑު އިހުމާލެއް އަދި އެންމެ ބޮޑު ގައްދާރުވުމެއް އަދި މުޅި ގައުމަށް އެންމެ ބޮޑަށް ހިޔާނާތްތެރިވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި ރައީސް ސޯލިހަށް އިތުބާރު ނެތް ކަމަށާއި ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު މި ގަބޫލުކުރެވޭ ގޮތުން އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުނެތްކަމުގެ މައްސަލަވެސް އަޅުގަނޑުމެންނަށް މަޖިލީހަށް ވެއްދޭނެކަމަށް ލަފާކުރެވޭ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަންޑާރަނައިބްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު އެންމެ ފުރިހަަމައަށް އަދާކުރައްވާފައި ނެތް ކަމަށް ތުހުމަތުކޮށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސް ވަނީ ދީފަ އެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލަ ވެސް އިދިކޮޅުން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.